ނަވާޒުގެ ފޭސްބުކް އެކައުންޓާއި ޓުވިޓާ އެކައުންޓް ހެކްކުރި މައްސަލަ ތަހުގީގު ކުރަން ފަށައިފި

އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ނަވާޒު: އޭނާގެ ފޭސްބުކް އެކައުންޓާއި ޓުވިޓާ އެކައުންޓު ހެކްކުރި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން ---- ސަން ފައިލް ފޮޓޯ

އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ނަވާޒުގެ ފޭސްބުކް އެކައުންޓާއި ޓުވިޓާ އެކައުންޓް ހެކްކުރި މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސް އިން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު މިއަދު ސަން އަށް ވިދާޅުވީ ނަވާޒުގެ ފޭސްބުކް އެކައުންޓާއި ޓުވިޓާ އެކައުންޓް ހެކްކުރި މައްސަލަ މިމަހުގެ 19 ވަނަ ދުވަހު ހުށަހެޅިފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

"އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ނަވާޒުގެ ޓުވީޓާ އެކައުންޓާއި ފޭސްބުކް އެކައުންޓު ހެކުކުރި މައްސަލަ މިމަހުގެ 19 ވަނަ ދުވަހު ފުލުހުންނަށް ވަނީ ހުށަހެޅިފައި. އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން،" އިސްމާއީލް ވިދާޅުވި އެވެ.

މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން ނަވާޒުގެ ޓުވީޓާ އެކައުންޓު ހެކުކުރުމަށް ފަހު އިދިކޮޅު ފަރާތްތަކަށް އޭނާ ތާއީދުކުރައްވާކަން ދޭހަވާ ފަދަ ޓުވީޓުތަކެއް ދަނީ ކުރަމުންނެވެ. ހަމައެހެންމެ އޭނާގެ ފޭސްބުކް އެކައުންޓުން ވެސް އެފަދަ މެސެޖުތަކެއް އަންނަނީ ޕޯސްޓް ކުރަމުންނެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ އިރު، އެ މައްސަލައިގެ ތަފްސީލެއް އިންފޮމޭޝަން އޮފިސަރު އަދި ހާމަކޮށްފައެއް ނުވެ އެވެ.

comment ކޮމެންޓް