އަބުދުއް ސައްތާރު މޫސާދީދީ އަވަހާރަވުމުގެ ހިތާމައިގައި އެމްޑީޕީން ބައިވެރިވެއްޖެ

އަބްދުއްސައްތާރު މޫސާ ދީދީ: ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުނު މުނާސަތުގައި ބޭއްވި ދިދަ ދެގުމުގެ ރަސްމިއްޔާތުގައި-- ފޮޓޯ/ ރައީސް އޮފީސް

ނިޝާން ޢިއްޒައްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބުދުއް ސައްތާރު މޫސާދީދީ އަވަހާރަވުމުގެ ހިތާމައިގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބައިވެރިވެއްޖެއެވެ.

އެމްޑީޕީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަބުދުއް ސައްތާރަކީ އަގު ނުކުރެވޭ ވަރުގެ ހިދުމަތްތަކެއް ރާއްޖެއަށް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ.

"...އަލްމަރުޙޫމް އަބްދުއްސައްތާރު މޫސާ ދީދީ ވެވަޑައިގެންފައިވަނީ ދިވެހި ދައުލަތަށް ވަރަށް ދިގު މުއްދަތަކަށް ވަރަށް މަތިވެރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއްގެ ގޮތުގައެވެ. އެމަނިކުފާނަކީ ދިވެހިރާއްޖެ މިނިވަންކަމުގެ އެގްރީމެންޓު ތައްޔާރުކުރުމުގައި އެންމެ އިސް ދައުރެއްވެސް އަދާ ކުރެއްވައިވާ ދިވެހިރާއްޖެއަށް އަގު ނުކުރެވޭ ވަރުގެ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ،" އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

އުމުރުފުޅުން 79 އަހަރުގައި އަބުދުއް ސައްތާރު އަވަހާރަވީ ރޭގެ ވަގުތެއްގައެވެ. އެމަނިކުފާނު އަވަހާރަވީ ބޭންކޮކްގެ ބުމްރުންގްރަޑް ހޮސްޕިޓަލުގަ އެވެ.

އަބްދުއްސައްތާރު މޫސާދީއަކީ ރާއްޖެ އިނގިރޭސީންގެ އަތްދަށުން މިނިވަން މަސައްކަތް ކުރެއްވުމުގައި ބޮޑު ހިއްސާއެއް އަދާކުރެއްވި ބޭފުޅެކެވެ. ރާއްޖެ މިނިވަންވި ދުވަހު- 26 ޖުލައި 1965ގައި- އެ އެއްބަސްވުމުގައި ސޮއި ކުރެއްވި ގަލަންކޮޅު ވެސް އިބްރާހިމް ނާސިރު ހަދިޔާ ކުރެއްވީ އަބްދުއްސައްތާރު މޫސާ ދީދީ އަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް