ގާސިއާއަށް ރޯމާގެ ކޯޗުކަމުގައި ހުރެވޭނީ ކުރިއަށް އޮތް ހަތަރު މެޗުން ނަތީޖާ ނެރެގެން: ރޯމާ

ރޯމާގެ ކޯޗް ރޫޑީ ގާސިއާ. ބާސެލޯނާ އަތުން 6-1 ތަފާތު ބޮޑު ނަތީޖާއަކުން ބަލިވުމުން އޭނާއަށް ވަނީ ޕްރެޝަރާ ކުރިމަތިވެފައި --- އޭޕީ ފައިލް ފޮޓޯ/ މަނޫ ފެނާންޑޭޒް

ޔުއެފާ ޗެމްޕިއަންސް ލީގްގައި ބާސެލޯނާ އަތުން 6-1 ގެ ނަތީޖާއަކުން ބަލިވި މެޗަށް ފަހު ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ އޭއެސް ރޯމާގެ ކޯޗް ރޫޑީ ގާސިއާ އެޓީމުގެ ކޯޗް ކަމުގައި ދެމިހުންނަން ބޭނުން ނަމަ ކުރިއަށް އޮތް ހަތަރު މެޗްގައި ނަތީޖާ ނެރެންޖެހޭނެ ކަމަށް އަންގާފައިވާ ކަމަށް އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އިޓަލީގެ ދުވަހު ނޫހެއް ކަމަށްވާ އެލްމެސެއްޖޭރޯއިން ބުނެފައިވަނީ ރޯމާއިން ގާސިއާއަށް ކުރިއަށް އޮތް ހަތަރު މެޗްގައި ފުރުސަތު ދޭނެ ކަމަށެވެ.

އެއީ އިޓާލިއަން ލީގުގައި އެޓްލާންޓާއާ ދެކޮޅަށް ކުޅޭ މެޗާއި ޓޮރިނޯ މެޗާއި ޗެމްޕިއަންސް ލީގްގައި އެފްސީ ބާޓޭ ބޮރިސޯވްމެޗްގެ އިތުރުން ނަޕޯލީއާ ދެކޮޅަށް ކުޅޭ މެޗެވެ.

ގާސިއާއާ ހަވާލުކޮށްފައިވާ ޓާސްކް ފުރިހަމަކުރުމުގައި ފެއިލް ވެއްޖެނަމަ އޭނާ ވަކި ކުރުމަކީ ރޯމާގެ ސްޕޯޓިންގ ޑައިރެކްޓާ ވެލްޓާ ސަބަޓީނީއަށް ބޮޑު ރިސްކަކަށް ވާނެ ކަމަށް އެލްމެސެއްޖޭރޯގައި ބުނެފައިވެއެވެ.

ރޯމާގެ ކޯޗް ކަމާ 2013 ވަނަ އަހަރު ގާސިއާ ހަވާލުވެ އޭނާ ވަނީ ދެއަހަރަށްފަހު އެޓީމް ޔުއެފާ ޗެމްޕިއަންސް ލީގަށް އަލުން ކޮލިފައި ކޮށްދީފައެވެ.

އިޓާލިއަން ލީގްގައި ރޯމާ އޮތީ 27 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގައެވެ.

comment ކޮމެންޓް