ޕެރިހަށް ހަމަލާދިން މީހުންނަށް ބަޑި ވިއްކި ކަމަށް ބެލެވޭ މީހަކު ޖަރުމަނުން ހައްޔަރު ކޮށްފި

ޕެރިހުގައި މަރުވި މީހުންގެ ހަނދާނުގައި ވޮޝިންޓަންގައި ހުންނަ ފްރާންސުގެ އެމްބަސީ ކުރިމަތީ މާބޮޑި ބަހައްޓަނީ -- ފޮޓޯ: ރޮއިޓާސް

ސްޓަޓްގާޓް (ނޮވެމްބަރ 28): ފްރާންސްގެ ވެރިރަށް ޕެރިހަށް ހަމަލާދިން މީހުންނަށް ބަޑި ވިއްކިކަމުގެ ތުހުމަތުގައި ޖަރުމަނުގެ ސިޓީއެއް ކަމަށްވާ ސްޓަޓްގާޓުގެ ފިރިހެނަކު ހައްޔަރު ކޮށްފި އެވެ.

ޖަރުމަނުގެ ބިލްޑް ކިޔާ ނޫހެއްގައިވާ ގޮތުން ހައްޔަރު ކުރި މީހާ ވަނީީ ޕެރިހުގައި ހުރި އަރަބި މީހަކަށް ހަތަރު އެސަލްޓް ރައިފަލް ވިއްކާފަ އެވެ. އެ ނޫހުގައިވާ ގޮތުން އެ ދެފަރާތުން ވާހަކަ ދައްކާފައި ވަނީ އީމެއިލްގެ ޒަރިއްޔާއިންނެވެ. އަދި ހައްޔަރު ކުރި މީހާގެ ފޯނުން ވަނީ އެ އީމެއިލްތައް ފެނިފަ އެވެ.

ޖަރުމަނުގެ ޕްރޮސެކިއުޓަރުން އިއްޔެ ވަނީ ހަތިޔާރުގެ ވިޔަފާރި ކުރި 34 އަހަރުގެ މީހަކު އަންގާރަ ދުވަހު ހައްޔަރު ކުރިކަން ޔަގީންކޮށްދީފަ އެވެ.

"މިހާރު ޔަގީން ކޮށްދެވެން އޮތީ އެ މީހާ ހައްޔަރު ކޮށްފައި ވަނީ ހަތިޔާރުގެ ވިޔަފާރި ކުރުމުގެ ތުހުމަތުގައި ކަން،" ޕްރޮސެކިއުޓަރުގެ ތަރުޖަމާނު ވިދާޅުވި އެވެ.

މައުލޫމާތު: ޓައިމްސް

comment ކޮމެންޓް