ތާވަލުގެ އެއް ވަނައިގައި އޮތް ލެސްޓާއަށް ޕްރިމިއާ ލީގް ކާމިޔާބު ކުރެވިދާނެ: ވެންހާލް

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗް ލުއިސް ވެންހާލް. އޭނާ ބުނީ ލެސްޓާއަށް ލީގް ކާމިޔާބު ކުރެވިދާނެ ކަމަށް --- އޭޕީ ފައިލް ފޮޓޯ/ ޖޯން ސްޕާ

އިނގިރޭސި ޕްރިމިއާ ލީގް ތާވަލްގެ އެއްވަނައިގައި އޮތް ލެސްޓާ ސިޓީއަށް މިސީޒަންގެ ޕްރިމިއާ ލީގް ކާމިޔަބު ކުރެވިދާނެ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗް ލުއިސް ވެންހާލް ބުނެފިއެވެ.

މިއަދު ލެސްޓާއާ ދެކޮޅަށް މެންޔޫ ނިކުންނަ މެޗްގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ވެންހާލް ބުނީ، ލެސްޓާއަށް ލީގް ކާމިޔާބު ކުރެވިދާނެ ކަމަށް އޭނާ ގަބޫލު ކުރާ ކަމަށެވެ.

މިއަދުގެ މެޗަށް ނިކުންނައިރު މިސީޒަންގެ މިހާތަނަށް އެންމެ ގިނަ ގޯލްޖަހާފައިވާ ލެސްޓާގެ ޖެމީ ވާޑޭއާ މެދު ސަމާލުވަން ޖެހޭ ކަމަށް ވެންހާލް ވަނީ ބުނެފައެވެ.

ވެންހާލް ބުނީ މިހާތަނަށްވެސް ވާޑޭއަކީ ނުރައްކާ ކުޅުންތެރިޔެއްކަން އޭނާ ސާބިތުކޮށްދީފައިވާ ކަމަށާއި އަދި މިދިޔަ ސީޒަންގައި ވެސް އެކަން ފެނިގެން ދިޔަ ކަމަށެވެ.

މިއަދުގެ މެޗްގައި ވާޑޭ ލަނޑު ޖަހއިފިނަމަ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ފޯވަޑް ރޫޑްވެން ނިސްތުރޯއީ ހަދާފައިވާ ޖެހިޖެހިގެން 10 މެޗްގައި ލަނޑު ޖެހުމުގެ ރެކޯޑާ އެއްވަރު ކުރެވޭނެއެވެ.

ވާޑޭ ވަނީ މި ސީޒަންގައި މިހާތަނަށް 13 ގޯލް ކާމިޔާބުކޮށްފައެވެ.

ލީގްގައި ލެސްޓާ އެއް ވަނައިގައި އޮތީ މެންޔޫއަށްވުރެ އިތުރަށް އެއް ޕޮއިންޓް ހޯދައިގެންނެވެ.

ލެއިސްޓާއަށް 28 ޕޮއިންޓް ލިބިފައިވާއިރު މެންޔޫއަށް ލިބިފައިވަނީ 27 ޕޮއިންޓެވެ.

މެންޔޫއާ ލެސްޓާ ބައްދަލު ކުރާ މެޗް ފެށޭނީ ރާއްޖޭ ގަޑިން މިރޭ 10:30 ގައެވެ.

comment ކޮމެންޓް