ބައިބައިވިވުމުން އެމްޑީޕީން ބުނަނީ ރިބަން ފަށުން މުޒާހަރާގައި ދެމި ތިބެވޭނެ ކަމަށް!

އެމްޑީޕީގެ މުޒާހަރާގައި އެ ޕާޓީގެ އިސް ބޭފުޅުން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މިންޖުވާން" ނަމުގައި އިދިކޮޅު އެމްޑީޕީން މިއަދު ހަވީރު ފެށި މުޒާހަރާ މިރޭ 12 ޖެހުމުގެ ކުރިން ރޫޅާލުމުން މުޒާހަރާގެ ބައިވެރިން ބައިބައިވެއްޖެ އެވެ.

އެމްޑީޕީން މުޒާހަރާގެ ބައިވެރިންނަށް ދޫކޮށްފައިވާ އެކި ކުލަކުލައިގެ ފޮތިގަނޑުގެ ބޭންޑު އަޅައިގެން ތިބުމަކީ މުޒާހަރާއި އަދިވެސް ދެމިތިބުން ކަމަށާއި މާދަމާ ހެނދުނު 7:30 ގައި މުޒާހަރާގެ ބައިވެރިންނަށް އާޓްފިޝަލް ބީޗުގައި ސައި އޮންނާނެ ކަމަށް އެމްޑީޕީން ބުންޏެވެ.

މުޒާހަރާގެ ބައިވެރިންނަށް ދީފައިވާ ފުތިގަނޑު އަތުގައި އައްސާފައި: އެ ފޮތިގަނޑު އައްސައިގެން ތިބުމުން މުޒާހަރާގައި ދެމިތިބެވުނީ ކަމަށް އެމްޑީޕީން ބުނޭ-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

މުޒާހަރާ މިއަދު ފެށީ ހަވީރު 4:00ގަ އެވެ. މުޒާހަރާ ފެށިއިރު ގިނަ އަދަދައްގެ ބަޔަކު އެ ސަރަހައްދަށް އެއްވިޔަސް މައުރިބު ނަމާދަށް ބަންގި ގޮވިއިރު އެ ސަރަހައްދުގައި މާ ގިނަ ބަޔަކު ނެތެވެ. މަގްރިބު ނަމާދަށް ބަންގި ގޮވުމާ އެކު އެ ސަރަހައްދުގައި ތިބި މުޒާހަރާގެ ބައިވެރިން ވަނީ އެ އާޓްފިޝަލް ބީޗުގައި ޖަމާއަތުގައި ނަމާދުކޮށްފަ އެވެ. އިސްވެ އިމާމަކަށް ހުންނެވީ ޝެއިހް ހުސައިން ރަޝީދު އަހުމަދެވެ.

މަގްރިބް ނަމާދަށްފަހު ދެން އޮތީ އިޝާ ނަމާދު ވަގުތާއި ހަމައަށް ދީނީ ދަރުސް ދިނުމެވެ. އަދި އިޝާ ނަމާދު ޖަމާއަތުގައި ކުރުމަށްފަހު މުޒާހަރާގެ ބައިވެރިން ރޭގަނޑުގެ ކެއުމަށް އިންސާފު ކުރަން ފެށި އެވެ. ރޭގަނޑުގެ ކެއުން ނިމުމާއެކު އަނެއްކާ ވެސް މުޒާހަރާގެ ބައިވެރިންނާ މުހާތަބުކޮށް އެމްޑީޕީގެ ލީޑާޝިޕުގެ ބޭފުޅުން ވާހަކަފުޅުދެއްކެވި އެވެ. އަދި 21:10 އެހާކަށްހާއިރު ސަރުކާރަށް އިދިކޮޅު އެމްޑީޕީން ކުރާ ޑިމާންޑުތަކެއް އިއްވަން ފެށި އެވެ. އެ ޑިމާންޑުތައް އިއްވީ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު އެވެ.

ސަރުކާރަށް އިއްވި ޑިމާންޑުތައް:

  • ރައީސް ނަޝީދު ވަގުތުން މިނިވަން ކުރުން
  • ޝެއިހް އިމްރާނާއި ނާޒިމާއި "ސިޔާސީ ގޮތުން" 1700 މީހުނަށް ކޮށްފައިވާ ދައުވާ އަނބުރާ ގެންގޮސް، އަފްރާޝީމް އަވަހާރަކޮށްލި މައްސަލަ އާއި ރިލްވާންގެ މައްސަލަ ތަހުގީގު ކުރުމަށާއި ގާނޫނީ އިމުން ބޭރުން އެއްވެސް ރައްޔިތަކަށް އަނިޔާއެއް ނުދިނުން
  • ޝަރުއީ ނިޒާމް އިސްލާހުކޮށް، ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރުމަށް

ސަރުކާރަށް އެމްޑީޕީން ކުރި ޑިމާންޑުތައް އިއްވުމަށްފަހު މުޒާހަރާއަށް ރާއްޖޭގެ ރަށަކުން އައިސްހުރި މީހަކު ލައްވާ އެ ޑިމާންޑުތައް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފެކުސް ކޮށްފަ އެވެ. އަދި އޭގެ ދޮޅު ގަޑިއިރެއްހާއިރު ފަހުން މުޒާހަރާގެ ބައިވެރިން މާލޭގެ މަގުތަކުގައި ހިނގާލުމެއް ކުރިއަށް ގެންދަން އަވަސްވެގަތެވެ. ނަމަވެސް މަޖީދީ މަގު އުރީދޫ ފިހާރަ ކަންމަތީގައި ޝީލްޑު ހިފައިގެން ތިބި އެސްއޯ ފުލުހުންތަކެއް ތިބުމުން މުޒާހަރާގެ ބައިވެރިންނަށް އިތުރަށް ހިނގާލުން ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ. އެހިސާބުން ފުލުހުން މަޑު މަޑުން މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސަން މަސައްކަތް ކުރި އެވެ. އަދި އެވަގުތު ޕެޕާ ސުޕްރޭ ވެސް ފުލުހުން ވަނީ އެސަރަހައްދަށް ޖަހާފަ އެވެ.

ފުލުހުން މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސަމުން ގޮސް ވަކި ހިސާބަކުން އެ މުޒާހަރާ އަކީ ސުލްހަވެރި މުޒާހަރާއެއް ނޫން ކަމަށް ފުލުހުން ނިންމާ މުޒާހަރާ ރޫޅާލުމުގެ މަސައްކަތް ފުލުހުން ފެށި އެވެ. އަދި އެވަގުތުން ފެށިގެން މުޒާހަރާގެ ބައިވެރިން ބައިބައިވެ އެކި ހިސާބުތަކަށް ޖަމާވި އެވެ. ނަމަވެސް ފުލުހުން ވަނީ ކިރިޔާވެސް މީހުން ގިނަހެން ހީވާ ސަރަހައްދަކުން މީހުން ފޮނުވާލައިފަ އެވެ.

ހޯމް މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މުޒާހަރާއާ ގުޅިގެން ފުލުހުން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

"މިންޖުވާން" މި ނަމުގައި އިދިކޮޅު އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގައި އަދާލަތު ޕާޓީން ވެސް ވަނީ ބައިވެރިވެފަ އެވެ. އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ "ޓީމް އަދީބު" ބައިވެރިވާނެ ކަމަށް އެފަރާތުން ކުރިން ބުނެފައިވީ ނަމަވެސް މުޒާހަރާ ރޫޅާލުމާ ޖެހެންދެން އިތުރު އެއްވެސް ފަރާތަކުން މުޒާހަރާގައި ބައިވެރިއެއް ނުވެ އެވެ.

comment ކޮމެންޓް