އަބްދުއްސައްތާރު: ގެއްލިގެންދިޔަ ނަމޫނާ ޝަހުސިއްޔަތެއް

އަބްދުއްސައްތާރު މޫސާ ދީދީ

މިނިވަން ދުވަސް އަތުވެއްޖެ ނަމަ އެންމެ ގިނައިން އިވޭ އަޑަކީއެއީ އެވެ. ޓީވީ އާއި ރޭޑިއޯތަކުން އެންމެ ގިނައިން ފެންނި އިވޭ އަޑަކީ އެއީ އެވެ. މިނިވަން 50 ވަނަ އަހަރު ފާހަގަ ކުރަމުންދާ އިރު މިއަދު މިރާއްޖެ ދެކޭ މިނިވަންކަމުގެ އެއް ބަތަލަކީއެއީ އެވެ. އާދެ އެއީ އަލްމަހުރޫމް، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އަބްދުއްސައްތާރު މޫސާ ދީދީ އެވެ.

ދިވެހިން މިއަދު މިދެކޭ މިނިވަންކަން ހޯދައި ދެއްވުމަށް އެންމެ އިސްރޯލް އަދާކުރެއްވި އަބްދުއްސަތާރު މޫސާ ދީދީ ވަނީ އުމުރުން 79 އަހަރުގައި ރޭގެ ވަގުތެއްގައި މިދުނިޔެ ދޫކޮށްފަ އެވެ. އެއީ މިގައުމުން ގެއްލިގެން ދިޔަ އަގުހުރި ހިދުމަތްތެރި އެވެ. ހިތްވަރުގަދަ ސަހުސިއްޔަތެކެވެ. ގައުމީ ލޯތްބާއި ގައުމީ ހިދުމަތުން ރަނގަޅު މިސާލްތަކެއް ދައްކަވާފައިވާ ބަތަލެކެވެ.

އެއީ މިނިވަންކަން ހޯދައިދެއްވި ބަތަލެއް!

ގިނަ ބަޔަކަށް އަބްދުއްސައްތާރު މޫސާ ދީދީ އެނގިފައި ވަނީ މިއަދު ރާއްޖެ މިދެކޭ މިނިވަންކަން ހޯދައިދެއްވުމަށް އެންމެ އިސްރޯލެއް އަދާކުރެއްވި އެއް ބޭފުޅާގެ ގޮތުގަ އެވެ. ވާނީ ވެސް އެހެންތާ އެވެ. އެ މަރުހޫމަކީ ރާއްޖެ އިނގިރޭސީންގެ އަތް ދަށުން މިނިވަން ކުރި ބަތަލު އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރާ އެކު ދެން އެންމެ އިސްދައުރެއް އަދާކުރައްވާފައިވާ ބޭފުޅާ އެވެ.

ސްރީ ލަންކާގައި ދިވެހި ސަފީރަކަށް އޭރު ހުންނެވި އަބްދުއްސައްތާރު މޫސާ ދީދީ އަކީ ރާއްޖެ އަށް މިނިވަންކަން ހޯދައިދެއްވުމަށް ކުރަން ޖެހުނު މަޝްވަރާތައް ކުރުމަށް ރާއްޖެ އިން ކަނޑައަޅުއްވާފައިވާ ސަފީރެވެ. ލަންކާގައި ކުރިއަށް ދިޔަ އެ ހުރިހާ މަޝްވަރާއެއްގައި ރާއްޖޭގެ ފަރާތުން ބައިވެރިވެ ވަޑައިގެން ރާއްޖެ އަށް މިނިވަންކަން ހޯދައިދެއްވި އެއްބަސްވުމުގައި ސޮއިކުރުމަށް މަގުފަހިކޮށްދެއްވި ބޭފުޅާއަކީ އަބްދުއްސައްތާރު މޫސާ ދީދީ އެވެ.

އިބްރާހިމް ނާސިރުގެ ވެރިކަމުގައި ވަޒީރުލް އައުޒަމްގެ ނައިބަކަށް ހުންނެވި އިބްރާހީމް ރަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި ދިވެހި ގައުމުގެ މިނިވަންކަމަށް ޓަކައި ޢަބްދުއްސައްތާރު ކުރެއްވި މަސައްކަތްޕުޅަކީ މާއްދީ ގޮތުން އަގުނުކުރެވޭ މަސައްކަތްޕުޅުތަކެކެވެ.

މިނިވަންކަން ގެނައުމަށް އަބްދުއްސައްތާރު މޫސާ ދީދީ ކުރެއްވި މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ރާއްޖެ މިނިވަންވި ދުވަހު- 26 ޖުލައި 1965ގައި- އެއްބަސްވުމުގައި ސޮއި ކުރެއްވި ގަލަންކޮޅު ވެސް އިބްރާހިމް ނާސިރު ހަދިޔާ ކުރެއްވީ އަބްދުއްސައްތާރު މޫސާ ދީދީ އަށެވެ. އެގަލަންކޮޅަކީ ޢަބްދުއްސައްތާރުގެ ހަޔާތްޕުޅުގެ ޚާއްސަ ބައިވެރިއެކެވެ. އިއްޔެއާއި ހަމައަށް ވެސް އެ ގަލަންކޮޅު އޮތީ އެމަނިކުފާނުގެ ބެލުމުގެ ދަށުގަ އެވެ.

މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވި ގަލަންކޮޅު-- ސަން ފޮޓޯ/ އަލީ ނަސީރު

މިނިވަން ދުވަހާ ގުޅޭ ގޮތުން ސަން މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި އެމަނިކުފާން ވިދާޅުވީ އެމަނިކުފާނަށް ގަލަންކޮޅު ދެއްވުމުގެ އެއްވެސް ސަބަބެއް ނުވަތަ އެއްވެސް މާނައެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

"އަޅުގަނޑުދެކެނީ އެއީ އިބްރާހިމް ނާސިރު އަޅުގަނޑަށް ދެއްވި ހަދިޔާއެއް ކަމަށް. އެއީ އިބްރާހިމް ނާސިރު އަމިއްލަފުޅަށް ބޭނުންކުރެއްވި ގަލަމެއް،" މިނިވަން 50ގެ މިނިވަން ދުވަހާ ގުޅިގެން އަބުދުއްސައްތާރު މޫސާ ދީދީ ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވެ އެވެ.

ތަފާތު އެކި ދާއިރާތަކުން ހިދުމަތް ކުރައްވާފައިވޭ!

ރާއްޖެއަށް މިނިވަންކަން ހޯދައިދެއްވުމަށް ކުރެއްވި މަސައްކަތްޕުޅުގެ އިތުރުން ވެސް އެމަނިކުފާނަކީ ދިވެހި ދައުލަތަށް އެކި މަގާމުތަކުގައި އެތައް ހިދުމަތެއް ކުރައްވާފައިވާ ހިދުމަތްތެރި ބޭފުޅެކެވެ. އެގޮތުން 1970 ވަނަ އަހަރުން ފެށިގެން 1975 ވަނަ އަހަރުގެ ނިޔަލަށް ފިނޭންސް މިނިސްޓަރުކަން ކުރައްވާފައިވާ އިރު 1975 އިން 1977 ވަނަ އަހަރަށް ވަނީ ރާއްޖޭގެ ނައިބު ރައީސްކަން ކުރައްވާފައިވެ އެވެ. އަދި 1977 އިން 1978 ވަނަ އަހަރާއި ހަމައަށް އެޑިއުކޭޝަން މިނިސްޓަރުކަން ކުރައްވާފައިވާ އިރު 1978 އިން 1989 ވަނަ އަހަރާ ހަމައަށް ފިޝަރީޒު މިނިސްޓަރުކަން ކުރައްވާފައިވެ އެވެ. އަދި 1989 އިން 1992 ވަނަ އަހަރާ ހަމައަށް ހެލްތު މިނިސްޓަރުކަން ވެސް ކުރައްވާފައިވެ އެވެ. އޭގެ އިތުރުން ވެސް އެމަނިކުފާން ވަނީ އދ.ގައި ހުންނެވި ރާއްޖޭގެ ދާއިމީ ވަކީލްކަން ވެސް ކުރައްވައިފަ އެވެ.

ހިތްހެޔޮ މިޒާޖެއްގެ ވެރިއެއް!

އާންމު ދިރިއުޅުމަށް ބަލާއިރު އެމަނިކުފާނަކީ ސާދާ ދިރިއުޅުމެއް އުޅުއްވި ބޭފުޅެކެވެ. އާދައިގެ ދިރިއުޅުއްވުމަށް ލޯބި ކުރެއްވި ބޭފުޅެކެވެ. ހިތްހެޔޮ، މަޑުމައިތިރި މިޒާޒެއްގެ ވެރިއެކެވެ. މީހުންނަށް އެހީތެރިވެ ވަޑައިގަންނަވާ އޯގާތެރި ބޭފުޅެކެވެ.

އަބްދުއްސައްތާރު މޫސާ ދީދީގެ އަރިސް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އެމަނިކުފާނަކީ ވަރަށް އާދައިގެ ދިރިއުޅުއްވުމަކަށް ލޯބި ކުރައްވާ ވަރަށް އިހްލާސްތެރި ބޭފުޅެކެވެ.

ދައުލަތަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ އަބްދުއް ރަޝީދު ހުސެއިން ވިދާޅުވާ ގޮތުގައި އަބްދުއްސައްތާރު މޫސާ ދީދީއަކީ ސަރުކާރުން ހަވާލު ކުރައްވާ ކޮންމެ މަސައްކަތެއް އިހުލާސްތެރިކަމާ އެކު ކުރެއްވި ބޭފުޅެކެވެ. އެމަނިކުފާން އަވަހާރަވުމަކީ ގައުމަށް ލިބުނު ބޮޑު ހިތާމައެއް ކަމަށާއި ގެއްލިގެން އެ ދިޔައީ ހިދުމަތްތެރި ދަރިއެއް ކަމަށް އަބްދުއް ރަޝީދު ވިދާޅުވި އެވެ.

އަބްދުއްސައްތާރު އަވަހާރަވި އިރު އެ މަނިކުފާނުގެ އަނބިކަނބަލަކާއި ތިން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ. އެއީ ފިރިހެން ބޭފުޅަކާއި ދެ އަންހެން ބޭކަނބަލުންނެވެ.

އަބްދުއްސައްތާރު މޫސާ ދީދީ އަވަހާރަވެގެން ދިއުމަކީ ރާއްޖެއަށް އަގުހުރި ދަރިއެއް ގެއްލިގެންދިއުމެވެ. އެއީ ހިދުމަތުގައި ނަމޫނާ ސަހުސިއްޔަތެކެވެ. އެމަނިކުފާނު މިގައުމަށް ކޮށްދެއްވާފައިވާ ހިދުމަތަކީ ފުހެވިގެންދާނެ ހިދުމަތެއްނޫނެވެ. އެއީ މިނިވަންކަމުގެ އަގުހުރި ހަދިޔާ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް