ލެސްޓާ ސިޓީއަށް ލީގު ކަމިޔާބު ކުރެވިދާނެ: ވެންހާލް

މެންޗިސްޓާ ޔުނައިޓަޑްގެ ކޯޗް ލުއިސް ވެންހާލް: އޭނާ ގަބޫލު ކުރާ ގޮތުގައި ލެސްޓާ ސިޓީއަށް ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު ވަރަށް ބޮޑު --- ފޮޓޯ: އޭޕީ

އިނގިރޭސި ޕްރިމިއާ ލީގު ލެސްޓާ ސިޓީއަށް ކާމިޔާބު ކުރެވިދާނެ ކަމަށް މެންޗަސްޓާ ޔުނައިޓެޑްގެ ކޯޗު ލުއިސް ވެންހާލް ބުނެފިއެވެ.

ޕްރިމިއާ ލީގުގެ ގަދަ ބާރުތައް ފަހަތަށް ޖައްސާލުމަށް ފަހު ލީގުގެ އެއް ވަނައިގައި އޮތީ ލެސްޓާ އެވެ. އެ ޓީމު އެއް ވަނައިގައި އޮތީ 13 މެޗުން 28 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ 13 މެޗުން 27 ޕޮއިންޓާ އެކު ޔުނައިޓެޑެވެ.

ހޮނިހިރު ދުވަހުގެ ރޭ ލެސްޓާ ސިޓީގެ އަމިއްލަ ދަނޑުގައި ޔުނައިޓެޑާ ދެކޮޅަށް ނިކުތުމުގެ ކުރިން 13 ފަހަރު ޕުރިމިއާ ލީގް ކާމިޔާބު ކޮށްފައިވާ ޔުނައިޓެޑްގެ ކޯޗް ވެންހާލް ބުނީ ލެސްޓާއަކީ މިފަހަރު ވަރަށް ސީރިއަސް ކަމާއެކު ލީގަށް ވާދަ ކުރާ ޓީމެއް ކަމަށާއި އެ ޓީމްގައި ކޮންމެ ވަގުތަކުވެސް ނަތީޖާ ބަދަލު ކޮށްލެވޭ ފެންވަރުގެ ކުޅުންތެރިން އެބަތިބި ކަމަށެވެ.

"ލެސްޓާ ގެ ފެރާތުން މި ސީޒަނުގައި ފެނިގެން އެ ދަނީ ވަރަށް ތަފާތު މޮޅު ކުޅުމެއް. މި ދިޔަ ސީޒަން 14 ވަނާގައި އޮވެ ނިއްމާލިއިރު މިސީޒަނުގައި މިހާރު އެ އޮތީ އެއް ވަނާގައި. އެހެން ކަމުން މާދަމާގެ މެޗައް ނިކުންނައިރު ވަރަށް ބޮޑަށް ސަމާލު ވާން ޖެހޭ،" ވެންހާލް ބުންޏެވެ.

ލެސްޓާގެ ކޯޗު ކްލައުޑިއޯ ރަނިއޭރީ ބުނީ މާދަމާ ރޭ އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗަކީ ލެސްޓާ ސިޓީ އަށް އިމްތިހާނަކަށް ވާނެ ކަމަށާއި އެ ޓީމުން ހޯދާފައިވާ ކުރިއެރުންތައް ވަޒަންކޮށްލަން މިއީ ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ.

އޭނާ ބުނީ ލެސްޓާގެ ކުޅުންތެރިން ތިބީ މި މެޗަށް ކެތްމަދުވެފައި ކަމަށެވެ. އަދި ޔުނައިޓެޑަކީ ލީގު ތާރީހުގައި އެންމެ ކާމިޔާބު އެއް ޓީމު ކަމަށް ވުމުން މި މެޗު ހުރިހާ ގޮތަކުން ލެސްޓާ އަށް ޚާއްސަވެފައިވާ ކަމަށް ލެސްޓާގެ ކޯޗު ރަނިއޭރީ ބުންޏެވެ.

ލެސްޓާ އާއި ޔުނައިޓެޑް ބައްދަލުކުރާ މެޗު ފަށާނީ ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 22:30ގަ އެވެ.

comment ކޮމެންޓް