އަބްދުއްސައްތާރު މޫސާ ދީދީ އަވަހާރަވެއްޖެ

އަބްދުއްސައްތާރު މޫސާ ދީދީ --

ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އަބްދުއްސައްތާރު މޫސާ ދީދީ،79، މިރޭ އަވަހާރަވެއްޖެ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ މަނިކުފާނު މިރޭ އަވަހާރަވީ ބޭންކޮކްގެ ބުމްރުންގްރަޑް ހޮސްޕިޓަލުގަ އެވެ.

ސަން އަށް މައުލޫމާތު ދެއްވި އަބްދުއްސައްތާރުގެ ވަރަށް ގާތް ބޭފުޅަކު މިރޭ، ވިދާޅުވީ އަބްދުއްސައްތާރު އަވަހާރަވީ ކޮންމެވެސް އިންފެކްޝަނަކަށް ފަރުވާ ދެމުން ދަނިކޮށް ކަމަށާއި އަދި އިއްޔެ ހުންފުޅު ގަދަވެގެން ހޮސްޕިޓަލުގެ އައިސީޔޫގައި އެޑްމިޓް ވެސް ކުރަން ޖެހުނު ކަމަށެވެ.

އަބްދުއްސައްތާރަކީ ޑައިބެޓިކްސް ޕޭސަންޓެއް ވެސްމެ އެވެ. އެމަނިކުފާނު ބެންކޮކަށް ގެންދިޔައީ މީގެ މަހެއްހާ ދުވަސް ކުރީންނެވެ.

އެ މަނިކުފާނު އަވަހާރަވި އިރު އަނބިކަނބަލަކާއި ތިން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ. އެއީ ފިރިހެން ބޭފުޅަކާއި ދެ އަންހެން ބޭކަނބަލުންނެވެ.

އަބްދުއްސައްތާރު މޫސާދީއަކީ ރާއްޖެ އިނގިރޭސީންގެ އަތްދަށުން މިނިވަން މަސައްކަތް ކުރެއްވުމުގައި ބޮޑު ހިއްސާއެއް އަދާކުރެއްވި ބޭފުޅެކެވެ. ރާއްޖެ މިނިވަންވި ދުވަހު- 26 ޖުލައި 1965ގައި- އެ އެއްބަސްވުމުގައި ސޮއި ކުރެއްވި ގަލަންކޮޅު ވެސް އިބްރާހިމް ނާސިރު ހަދިޔާ ކުރެއްވީ އަބްދުއްސައްތާރު މޫސާ ދީދީ އަށެވެ.

ދިވެހިންނާއި އާންމުތަނެއްގައި އެންމެ ފަހުން އަބްދުއްސައްތާރު ވާހަކަފުޅުދެއްކެވީ ރާއްޖެ އަށް މިނިވަންކަން ލިބުމުގެ އެގްރިމެންޓްގައި އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރު ސޮއި ކުރެއްވި ގަލަންކޮޅުގެ ނަކަލު ނެރުނު ރަސްމިއްޔާތުގަ އެވެ.

އެދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި އަބްދުއްސައްތާރު ވިދާޅުވީ

މިނިވަން ކަމުގެ އެގްރިމެންޓްގައި ސޮއި ކުރެއްވުމަށް ފަހު އިބްރާހިމް ނާސިރު އަބްދުއްސައްތާރުމެންގެ ގެއަށް ވަޑައިގެން އެ ގަލަންކޮޅު އަބުދުއްސައްތާރަށް ދެއްވީ ކަމަށެވެ.

"އަޅުގަނޑުދެކެނީ އެއީ އިބްރާހިމް ނާސިރު އަޅުގަނޑަށް ދެއްވި ހަދިޔާއެއް ކަމަށް. އެއީ އިބްރާހިމް ނާސިރު އަމިއްލަފުޅަށް ބޭނުންކުރެއްވި ގަލަމެއް،" އަބުދުއްސައްތާރު މޫސާ ދީދީ ވިދާޅުވެފައިވެ އެވެ.

ފަންސާސް އަހަރަށް ވުރެ ގިނަ ދުވަހު ސަރުކާރަށްއަބްދުއްސައްތާރު ހިދުމަތް ކުރައްވާފައިވާއިރު ސަފީރު ކަމާއި ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ވަޒީރުކަމާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ވެސް ވަނީ ވަޒީރުކަން ކުރައްވާފަ އެވެ.

comment ކޮމެންޓް