ކޮނޑޭ މަރިޔާދުގެ ރޯކޮށްލި މައްސަލާގައި ކުއްޖަކު ހައްޔަރުކޮށްފި

ކޮނޑޭ ކައުންސިލް އިދާރާގެ ތިޖޫރީ ފަޅާލާފައި އަދި، އެރަށު ބަނދަރު ސަރަހައްދުގައި ހުރި މަރިޔާދުގެ އަންދާލާފައި -- ސަން ފޮޓޯ: ކިޔުންތެރިއެއް

ގއ. ކޮނޑޭ ރައްޔިތުން ހަދާފައިހުރި މަރިޔާދުގެ ރޯކޮށްލި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 18 އަހަރުން ދަށުގެ ކުއްޖަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގއ. ގެމަނަފުށީ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި އެ ކުއްޖާގެ ބަންދަށް 15 ދުވަސް އިތުރުކޮށްފައިވާ ކަމަށެވެ.

މިމަހުގެ 21 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އެ ރަށުގައި ހަދާފައިވާ މަރިޔާދުގެ ރޯކޮށްލުމުގެ އިތުރިން އެ ރަށު ކައުންސިލް އިދާރާ ފަޅާލައި އެތަނުގައި ހުރި ތިޖޫރި ހަލާކުކޮށްލައިގެން އޭގައި ހުރި ފައިސާތައް ވަނީ ވަގަށް ގެންގޮސްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކަމުގެ ތުހުމަތުގައި އުމުރުން 18 އަހަރާއި 26 އަހަރާ ދެމެދުގެ ދެ ޒުވާނުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ ދެ މީހުންގެ ބަންދަށް ހަތް ދުވަސް ޖަހައިދީފައިވާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ކޮނޑޭ ކައުންސިލްގެ ރައީސް ސިޔާމް މުހައްމަދު މީގެ ކުރިން ސަން އަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ ތިޖޫރި ފަޅާލި އިރު އޭގައި ގާތް ގަނޑަކަށް 50،000 ދިވެހި ރުފިޔާއާއި ނިކޯން ކެމެރާއެއް ވާނެ ކަމަށެވެ.

ކޮނޑޭ ކައުންސިލް އިދާރާގެ ތިޖޫރި ފަޅާލިކަން އެނގުނީ މަރިޔާދުގެ ރޯކޮށްލި މައްސަލައިގެ ތަހުގީގަށް އެތަނަށް ވަނުމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް