ކޮމަންވެލްތުގެ ބައްދަލުވުންތައް އިނގިރޭސި ރާނީ އިފްތިތާހު ކޮށްދެއްވައިފި

ރާނީ އެލިޒަބަތް ދެވަނަ އާއި މަލްޓާގެ ބޮޑު ވަޒީރު ޖޯސެފް މަސްކެޓް -- ފޮޓޯ: އޭޕީ

މޯލްޓާ (ނޮވެމްބަރ 27) : ފަންސާސްތިން ގައުމުން ބައިވެރިވާ ކޮމަންވެލްތު ގައުމުތަކުގެ މިއަހަރުގެ ސަމިޓް އިނގިރޭސި ރާނީ އެލިޒަބަތް ދެވަނަ މޯލްޓާގައި އިފްތިތާހުކޮށް ދެއްވައިފި އެވެ.

މިއަހަރުގެ ބައްދަލުވުންތަކުގައި އިސްކަންދޭން ހަމަޖެހިފައި ވަނީ މޫސުމަށް އަންނަ ބަދަލުތަކަށާއި ހައްދުފަހަނައަޅައިފައިވާ ފަރާތްތަކުންދޭ ހަމަލާތަކުގެ މައްޗަށެވެ.

ސަމިޓް ފައްޓަވައި ދެއްވުމުގެ ގޮތުން ރާނީ ދެއްކެވި ވާހަކަފުޅުގައި އެކަމަނާ ވަނީ ކޮމަންވެލްތުގެ ކާމިޔާބީތައް ފާހަގަ ކުރައްވައިފަ އެވެ. އަދި އެ ކާމިޔާބީތަކާ މެދު ފަހުރުވެރިވާ ކަމަށް ވެސް ރާނީ ވިދާޅުވި އެވެ.

މޯލްޓާ އަށް ރާނީ ކުރެއްވި ދަތުރުފުޅުގައި އެކަމަނާގެ ފިރިކަލުން ޕްރިންސް ފިލްޕް އާއި، ދަރިކަލުން ޕްރިންސް ޗާލްސް އާއި، ޗާލްސްގެ އަނބިކަބަލުން ކެމިލާ ވެސް ބައިވެރިވަޑައިގެންނެވި އެވެ.

ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ޑޭވިޑް ކެމެރަން ވަނީ ހައްދުފަހަނައަޅާފައިވާ ޖަމާއަތްތަކާ ދެކޮޅަށް ކޮމަންވެލްތުގެ ހާއްސަ ޔުނިޓެއް އުފައްދަވާނެ ކަމަށް ވައުދުވެ ވަޑައިގެންފަ އެވެ.

މޯލްޓާގެ ބޮޑު ވަޒީރު ޖޯސެފް މަސްކެޓް ވިދާޅުވީ ހަރުކަށި ވިސްނުން ބަދަލު ކުރުމަށް އެންމެ މުހިންމީ ތައުލީމާއި ވަޒީފާގެ ފުރުސަތުތައް އިތުރު ކުރުން ކަމަށެވެ.

"އަސްކަރިއްޔާ އަކަށް ވުރެ ޓެރަރިސްޓުންނަށް ބިރުވެރިވާނެ އުނގެނިގެން ރަނގަޅު ވަޒީފާއެއްގައި އުޅޭ ކުދިން،" ބޮޑު ވަޒީރު ވިދާޅުވި އެވެ.

މައުލޫމާތު: ވޮޝިންޓަން ޕޯސްޓް

comment ކޮމެންޓް