ދެވަނަ ބުރުގެ ފުރަތަމަ ދެ މެޗް އެމްއާރްސީ އާއި ޕޮލިހުުން ކާމިޔާބު ކޮށްފި

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލްގައި މީގެކުރިން ކުޅުނު ވޮލީ މެޗެއްގެ ތެރެއިން --- ފޮޓޯ: ވީއޭއެމް

ގައުމީ ވޮލީބޯޅަ ލީގުގެ ދެވަނަ ބުރުގެ މިއަދު ކުޅުނު ދެ މެޗު ސީދާ ތިން ސެޓުން މޯލްޑިވްސް ރެކްރިއޭޝަން ކުލަބު (އެމްއާރްސީ) އާއި ޕޮލިސް ކުލަބު ކާމިޔާބުކޮށްފި އެވެ.

މިއަދު ނިމުނު ދެ މެޗަށް ފަހު 12 ޕޮއިންޓާ އެކު އެއްވަނާގައި އޮތީ ޕޮލިސް ކުލަބެވެ. ދެވަނާގައި 11 ޕޮއިންޓު ލިބިގެން އެމްއާރްސީ އޮތް އިރު ތިން ވަނާގައި 10 ޕޮއިންޓާ އެކު އޮތީ ދިވެހި ސިފައިންގެ ކުލަބެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ހޯލްގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗްގައި ވާދަވެރި ކުޅުމަކަށް ފަހު ސިފައިންގެ މައްޗައް އެމްއާރްސީ އިން ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ. އެމްއާރުސީ އެ މެޗްގެ ސެޓްތައް ގެންދިޔައީ 29-27، 25-15، 25-21 އިންނެވެ.

އެ މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އެމްއާރްސީގެ އިސްމާއިލް ސާޖިދެވެ.

ދެވަނަ މެޗްގައި މިރޭ ސުޕޯޓްސް ކުލަބު ސިޓީއާ ދެކޮޅަށް ޕޮލިސް ކުލަބު ތިން ސެޓުން މެޗް ކާމިޔާބު ކުރިއިރު އެ މެޗުގެ ސެޓްތައް ޕޮލިހުން ގެންދިޔައީ 13-25، 15-25، 16-25 އިންނެވެ.

އެ މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕޮލިސް ކުލަބް ގެ ހަސަން ނިލީމް އެވެ.

ގައުމީ ވޮލީ ލީގްގެ ޗެމްޕިއަންޓީމް ކަނޑައެޅިގެންދާނީ އަންނަ ހޯމަ ދުވަހު ލީގްގައި ސިފައިންނާއި ޕޮލިސް ކުލަބް ކުޅޭ ފަހުމެޗައް ފަހުގައެވެ.

comment ކޮމެންޓް