އަހަރުގެ ހަތަރު ވަނަ ބޮޑު އެއްވުން: ނުކުންނަނީ ވެސް ގޮންޖަހަމުން!؟

މޭ 1، 2015: "އަނިޔާވެރިކަން ނިންމުމަށް" ނަމުގައި އަދާލަތު ޕާޓީ އިސްވެ އިދުކޮޅު ފަރާތްތަކާއެކު ކުރި މުޒާހަރާ – ސަންފޮޓޯ/ ފަޔާޒު މޫސާ

މިއަދުގެ މުޒާހަރާގެ ޑިމާންޑަކީ ކޮބައި ހެއްޔެވެ؟ މިންޖުވާން މިއުޅެނީ ކޮން ކަމަކުން ހެެއްޔެވެ؟ އެ ސުވާލުތަކުގެ ޖަވާބު ދެމުން އެމްޑީޕީން މިއަދު ހަވީރު ނުކުންނަނީ އަހަރުގެ ހަތަރު ވަނަ ބޮޑު އެއްވުމަށެވެ. ޖަލު ހުކުމްތަކުގައި ތިބި ސިޔާސީ މީހުންނާއި ދައުވާތަކުން ޕާޓީތަކުގެ ލީޑަރުން "މިންޖު"ކޮށްދިނުމަކީ އިދިކޮޅު ފަރާތްތަކުގެ ޑިމާންޑެވެ. މުޒާހަރާގެ އެންމެ ބޮޑު މަގުސަދަކީ އެއީ އެވެ. ސަރުކާރުގެ ތެރޭގައި ކޮރަޕްޝަންގެ އޮތް ވާހަކަ އާއި މަޖިލިސް ހަމައިން ނެއްޓިފައިވާ ވާހަކަ ދޭތެރެއަކުން އެމްޑީޕީން ގޮވާލަ އެވެ. މިނިވަން މުއައްސަސާތަކަށް ސިޔާސީ މީހުން އައްޔަންކޮށް، ޖުޑީޝަރީގެ ކިލަނބުކޮށް ހުރިހާ ބާރުތައް ސަރުކާރުގެ ކޮންޓުރޯލަށް ލެއްވި ކަމަށް ބުނެ، އުފުލާ އަޑު މަޑެވެ. އެއަށް ވުރެ ބާރަށް ގޮވަމުންދަނީ ނަޝީދު ޖަލުން ނެރެދިނުމަށެވެ.

އެ ވާހަކަތަކާ އެކު އެމްޑީޕީން އިސްވެ އޮވެ މިއަދު ނުކުންނަކީ އެ ބުނާ އަނިޔާތަކުން މިންޖުވާށެވެ. ދިގު ދެމިގެންދާނެ ކަމަށް ބުނާ މުޒާހަރާގައި ސަރުކާރުގެ ހިންގުމަށް ލޮޅުން އަރުވައިލުމަށެވެ. ޖިނާއީ ހުކުމްތަކުގައި ތިބި މީހުން ޖަލުން މިނިވަން ކުރުމަކީ ސަރުކާރަށް ކުރެވޭނެ ކަމެެއްތޯ އެވެ.

އެމްޑީޕީން މިއަދުގެ މުޒާހަރާ ބޭއްވުމަށް ނިންމާފައި ވަނީ ތިން ދުވަހުގެ މުއްދަތަކަށެވެ. އެއީ 73 ގަޑިއިރާއި 15 މިނެޓަށް ދިގުދެމިގެންދާ ގޮތަށެވެ. މުޒާހަރާގައި އެމްޑީޕީން ސަރުކާރަށް ހުށަހެޅުންތަކެއް ހުށަހެޅުމަށް ވަނީ ނިންމާފަ އެވެ. އެ ހުށަހެޅުންތަކަކީ މުޒާހަރާ ކުރުމަށް ހަމަޖެހިފައިވާ 73 ގަޑިއިރުގެ ތެރޭގައި ފުއްދައި ދެވޭ ވަރުގެ ހުށަހެޅުންތަކެއް ކަމަށް އެމްޑީޕީން ބުނެ އެވެ. އާޓިފިޝަލް ބީޗުން މުޒާހަރާ ފެށުމަށް ނިންމާފައިވާއިރު މުޒާހަރާގެ ބައިވެރިން މަގުތަކަށް ވެސް ނުކުތުމަށް މުޒާހަރާ އިންތިޒާމް ކުރާ އެމްޑީޕީން ވަނީ ނިންމާފަ އެވެ.

މެއި 1، 2015: "އަނިޔާވެރިކަން ނިންމުމަށް" ނަމުގައި އަދާލަތު ޕާޓީ އިސްވެ އިދުކޮޅު ފަރާތްތަކާ އެކު ކުރި މުޒާހަރާގައި ހިނގައި ދިޔަ ހަމަ ނުޖެހުންތައް – ސަންފޮޓޯ/ އަލީ ނަސީރު

އެމްޑީޕީން އެހެން ބުނި ނަމަވެސް ޗީފް ސުޕްރިންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ބާއްވާ މުޒާހަރާ ކުރިއަށް ގެންދެވޭނީ މިރޭ 12:00 އާ ހަމައަށް ކަމަށެވެ. އަދި ވިދާޅުވީ މުޒާހަރާ ކުރިއަށް ގެންދެވޭނީ އާޓިފިޝަލް ބީޗުގައި ކަމަށާއި މުޒާހަޜާ ކުރަން މަގުތަކަށް ނުނިކުމެވޭނެ ކަމަށް ހަމްދޫން ވިދާޅުވި އެވެ.

ފުލުހުންގެ އެ ވާހަކަތަކަށް ބަލާއިރު އަނެއްކާވެސް ދާނީ ކުރިމަތިލުމަކަށެވެ. އެމްޑީޕީން މަގުމައްޗަށް ނުކުންނާނެ ކަމަށް ބުނަމުންދާތީ، ބާރުގެ ބޭނުން ކުރުމުން މުޒާހަރާ ރޫޅި ބައިބައިވެދާނެ ކަމަށް ބެލެވެ އެވެ. ނަތީޖާއަކަށް ވާނީ އެއް ބަޔަކު ހައްޔަރުވެ، އަނެއް ބަޔަކު ކަރުނަ ގޭހާއި ޕެޕާ ސްޕްރޭގައި ގަނަތެޅެންޖެހޭނީތޯ އެވެ. ކުރަން އުޅުނު އެއްކަންތައް ވެސް ނުވެ އެނބުރި ގެއަށް ދާންޖެހޭނެތޯ؟

މީގެ ކުރިން މުޒާހަރާތަކުގެ ނަތީޖާ ބަލާލަމާ ހިނގާށެވެ.

މޭޑޭ މުޒާހަރާގެ ތެރެއިން-- ފޮޓޯ/ އޭޕީ

ފެބްރުއަރީ 27، 2015: ގާނޫނު އަސާސީގެ ދިފާއުގައި

މިއަހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހަކީ ވެސް މިއަހަރު ބޭއްވި އެއްވުންތަކުގެ ތެރެއިން ބޮޑު އެއްވުމެއް ބޭއްވި ދުވަހެކެވެ. އެ މުޒާހަރާއަށް ޖޭޕީ އިސްނެގީ ގާސިމް އިބްރާހިމަށް ވެރިކަމަށް ކުރިމަތިނުލެވޭނެ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރަން އުޅުމުންނެވެ. ސަރުކާރާ ދެކޮޅަށް ނަތީޖާ ނެރޭނެ ކަމަށް ބުނެ އެތައް ދުވަހެއް ކުރިން އިއުލާންކޮށް އެތައް ހާސް ބަޔަކު ބައިވެރިވި އެ މުޒާހަރާ ވެސް ހިނގާލުމެއްގެ ގޮތަށް ކުރިއަށް ގޮސް ފަހުން ވަނީ މަޖީދީމަގާއި އަލިކިލޭގެފާނު މަގާއި ގުޅޭ ކަންމަތީ ތިބެ ކުރާ މުޒާހަރާއަކަށް ބަދަލުވެފަ އެވެ. ނަމަވެސް އެ މުޒާހަރާ ވެސް ނިމިގެންދިޔައީ އެހެން މުޒާހަރާތަކާ އެއްގޮތަށް ނަތީޖާއެއްގެ ކުލަ ނުފެނި އެވެ.

މެއި 1، 2015: މޭޑޭ މުޒާހަރާ

އެތައް ސަތޭކަ ދިވެހި ރައްޔިތަކުންނާއެކު އެ ދުވަހު ހަވީރު ފެށި މުޒާހަރާ އިރުއޮއްސުމާއެކު ފުލުހުންނާއި އާންމުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގުމަށްފަހު ހަމަޖެހުނީ ނިންމާލާށެވެ. އެ މުޒާހަރާއަކީ އިދިކޮޅު އެމްޑީޕީ އާއި އަދާލަތު ޕާޓީގެ އިތުރުން ޖުމްހޫރީ ޕާޓީން ގުޅިގެން އޮވެ ނަތީޖާ ނެރޭނެ ކަމުގެ ޔަގީންކަން ދެމުން ބޭއްވި މުޒާހަރާއެކެވެ. އިސްލާމީ މަރުކަޒަށް ނަމާދަށް ދިއުމަށް ކަމަށް ބުނެ މުޒާހަރާގެ ބައިވެރިން މިސްރާބު ބަދަލުކޮށްލި ހިސާބުން، ހަމަނުޖެހުންތަކާއެކު މުޒާހަރާ ރޭވުމަށް އިސްކޮށް ހަރަކާތްތެރިވި ލީޑަރުންނާއި އެތައް އާންމުންނެއް ހައްޔަރު ކުރެވުމާއެކު މުޒާހަރާ ނިމުމަކަށް އައީ އެވެ.

މޭޑޭގެ މުޒާހަރާގެ ތެރެއިން -- ސަން ފޮޓޯ/ އަލީ ނަސީރު

ޖޫން 12، 2015: އަނިޔާވެރިކަން ނިންމަން

"އަނިޔާވެރިކަން ނިންމަން" ކަމަށް ބުނެ، އެމްޑީޕީން އިސްނަގައިގެން ތިން ދުވަހަށް ކުރިއަށް ގެންދިއުމަށް މިއަހަރު ޖޫން މަހުގެ 12 ވަނަ ދުވަހު ފެށި މުޒާހަރާ ވެސް ފުލުހުން ވަނީ އެ ރޭ ދަންވަރު 12:00 ޖެހުމާއެކު ރޫޅާލާފަ އެވެ. ދިގު ދެމިގެންދާނެ ކަމަށް ބުނި އެ މުޒާހަރާގައި 12 މީހަކު ހައްޔަރުކުރި އެވެ. މުޒާހަރާގެ ބައިވެރިން ބައިބައިވަމުން ގޮސް އެ ރޭ ދަންވަރު 3:00 ޖެހުމާއެކު ވަނީ ނިމުމަކަށް އައިސްފަ އެވެ.

މިފަހަރު ނުކުންނަނީ ފުލުހުންނަށް ގޮންޖަހަމުން

މުޒާހަރާ ކުރަން މަގުމައްޗަށް ނުނިކުމެވޭނެ ކަމަށާއި މުޒާހަރާގެ ބައިވެރިން ތިބެންޖެހޭނީ އާޓްފިޝަލް ބީޗު ސަރަހައްދުގައި ކަމަށް ފުލުހުން އެންގި އެންގުމަށް އެމްޑީޕީން ތަބައެއް ނުވެ އެވެ. މަގުމައްޗަށް ނުކުންނާނެ ކަމަށާއި މުޒާހަރާ ދިގު ދަންމާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.

އިސްވެ ފާހަގަ ކުރި އެއްވުންތަކުގެ އިތުރުން ވެސް އެކިއެކި އެއްވުންތައް މިއަހަރު ތެރޭ ސަރުކާރާ ދެކޮޅަށް ބާއްވާފައިވާއިރު އެ ހުރިހާ މުޒާހަރާތަކަކީ ވެސް ގިނަ އަދަދެއްގެ މީހުން ބައިވެރިވާ މުޒާހަރާތަކެކެވެ. އެމްޑީޕީން ބުނާ ގޮތުން މިއަދު ބާއްވާ މުޒާހަރާގައި ވެސް 25،000 މީހުން ބައިވެރިވާނެ އެވެ. އޭގެ ތެރޭގައި އަތޮޅުތަކުން 5000 މީހުން އަދި މާލެއިން 20،000 މީހުން ކަމަށް އެމްޑީޕީން ބުނެއެވެ. އެ އަދަދަށް މީހުން މުޒާހަރާގައި ބައިވެރި ނުވި ނަމަވެސް މިއަދުގެ މުޒާހަރާއަކީ ވެސް ބައިބޯ މުޒާހަރާއަކަށް ވާނެކަން އެއީ ޔަގީން ކަމެކެވެ. ނަމަވެސް މިއަހަރު ތެރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާތަކުން ބައިބޯވެގެން ނެރެވުނު ނަތީޖާއެއް ނެތެވެ.

އިސްވެ ފާހަގަ ކުރި ކަންކަމަށް ބަލާ ހިނގާށެވެ. މިއަދު އެމްޑީޕީން މި ބާއްވާ ޒާތުގެ ދެ ތިން މުޒާހަރާއެއް މިއަހަރު ތެރޭ މި ވަނީ ތަޖުރިބާކޮށްފަ އެވެ. އެ ތަޖުރިބާތަކަށް ބަލާއިރު ސަރުކާރަށް މާކަ ބޮޑު ޕުރެޝަރެއް ދެވުނު މުޒާހަރާތަކަކަށް އެ މުޒާހަރާތައް ވެގެން ގޮސްފައެއްނުވެ އެވެ. އޭގެ ބަދަލުގައި އެ މުޒާހަރާތައް ވެގެން ގޮސްފައިވަނީ އެތައް ބަޔަކު ހައްޔަރު ކުރެވި އެތައް ބަޔަކަށް އަނިޔާ ލިބިގެންދިޔަ މުޒާހަރާތަކަށެވެ. މުޒާހަރާގެ ޑިމާންޑަކަށް ސަރުކާރުން އަހުމިއްޔަތު ކަމެއް ދިންކަމެއް ފެނިފައެއްނުވެ އެވެ. އުފެދޭ ސުވާލަކީ މިފަހަރުވެސް ކަން ވާނީ އެހެންތޯއެވެ. މާޒީން ބުނަމުން ދަނީ އެހެނެވެ.

comment ކޮމެންޓް