ހުމާމަށް އިއްވި މަރުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފި

ހުސައިން ހުމާމް އަހްމަދު

މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ ވާހަރަކޮށްލުމުގެ ކުށް ސާބިތުވެ ހ. ލޮބީ ހުސައިން ހުމާމް އަހްމަދު މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ތާއީދުކޮށް ހައިކޯޓުން ކުރި ހުކުމް މިއަދު ސުޕުރީމް ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

އެމައްސަލަ އިސްތިއުނާފު ކުރީ ސުޕުރީމު ކޯޓުން ނެރުނު ސާކިއުލާގެ ދަށުން ޕްރޮސެކިއުޓަރު ޖެނެރަލްގެ ފަރާތުންނެވެ. އެސާކިއުލާގައިވާ ގޮތުން ހުކުމް ތަންފީޒުކުރުމަށް ސުޕްރީމް ކޯޓުން ހުކުމް ކަށަވަރުކުރަން ޖެހޭ މައްސަލަތަކުގައި އިސްތިއުނާފު ކުރަން ދީފައިވާ މުއްދަތުގެ ތެރޭގައި އިސްތިއުނާފު ނުކޮށްފި ނަމަ ޕީޖީގެ ފަރާތުން އިސްތިއުނާފު ކުރަން ޖެހޭނެ އެވެ.

ޕީޖީއިން ބުނީ ހުމާމްގެ މައްސަލަ މިއަދު ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާނެ ކަމަށެވެ. އަދި އެ މައްސަލަ ބަލައިގެންކަން ނުވަތަ ނޫންކަން ސުޕްރީމް ކޯޓުން އަންގާފައި ނުވާ ކަމަށް ޕީޖީއިން ބުންޏެވެ.

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލާފައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ ޓީވީއެމްގެ ދީނީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށް ފަހު، އެމަނިކުފާނު ދިރިއުޅުއްވާ ހ. ފުންވިލުގެ އަށް ވަދެވަޑައިގަންނަވަނިކޮށް އެރޭ 11:30 އާއި 1:00އާ ދެމެދުގެ ވަގުތެއްގަ އެވެ.

ޑރ. އަފްރާޝީމް އަލީ ވާހަރަކޮށްލުމުގެ ކުށުގައި ހުމާމް މަރަން ދަށު ކޯޓުން ހުކުމް ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ 16 ވަނަ ދުވަހު އެވެ. އެ ހުކުމަށް ހައިކޯޓުން ތާއީދުކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު އެވެ.

comment ކޮމެންޓް