މުޒާހަރާއަށް ވަދެ ހަމަނުޖެހުން ހިންގާނަމަ އަންގާނެ ކަމަށް ފުލުހުން ބުނި: އެމްޑީޕީ

އެމްޑީޕީގެ އެއްވުމެއްގެ ތެރެއިން--- ސަން ފައިލް ފޮޓޯ

ހުކުރު ދުވަހު ބާއްވާ މުޒާހަރާގެ ތެރެއަށް ބަޔަކު ވަދެ ހަމަނުޖެހުން ހިންގަން އުޅޭކަމުގެ މައުލޫމާތު ލިބިއްޖެނަމަ އެކަން އެމްޑީޕީއާ ހިއްސާކުރާނެ ކަމަށް ފުލުހުން މިއަދު ބުނެފައިވާ ކަމަށް އެމްޑީޕީން ބުނެފި އެވެ.

"ސަން"އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ ފުލުހުން އެހެން ބުނެފައި ވަނީ ފުލުހުންގެ އިސްވެރިންނާއެކު އެމްޑީޕީން އިސްކަންދަރު ކޮށީގައި މިރޭ ބޭއްވި ބައްދަލުވުމުގައި ކަމަށެވެ.

އަނަސް ވިދާޅުވީ "މިންޖުވާން" މުޒާހަރާއަކީ ދުރާލާ ރާވައިގެން ބާއްވާ މުޒާހަރާއަކަށް ވާތީ ގާނޫނޫގައި ބުނެފައިވާ ގޮތުގެ މަތިން ފޮނުވަންޖެހޭ ނޯޓިސް މިމަހުގެ 22 ވަނަ ދުވަހުގެ ހަވީރު އެ ޕާޓީން ފުލުހުންނަށް ފޮނުވާފައިވާނެ ކަމަށެވެ.

ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 42 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާގޮތުން ރާވައިގެން ބާއްވާ އެއްވުމަކާ ގުޅޭގޮތުން އެއްވެސް ހަނިކުރުމެއް ގެންނަނަމަ، ސަބަބު ބަޔާންކޮށް އެކަމެއް ތަފްސީލުކޮށް ލިޔުމަށްފަހު، އެ އެއްވުމުގެ ނޯޓިސް ފުލުހުންނަށް ލިބޭތާ 12 ގަޑިއިރުގެ ތެރޭގައި ފުލުހުން އެއްވުން އިންތިޒާމްކުރާ ފަރާތަށް އަންގަންވާނެ ކަމަށެވެ.

ނަމަވެސް ނޯޓިސް ހަމަވިތާ 12 ގަޑިއިރު ހަމަވިނަމަވެސް އެއްވުމާ ގުޅޭގޮތުން އެއްވެސް އެންގުމެއް ފުލުހުން އަންގާފައިނުވާ ކަމަށެވެ.

މިއަދު ބޭއްވި ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން ކުރި ސުވާލުގެ ޖަވާބުގައި ނޯޓިހާ އެއްގޮތަށް މުޒާހަރާ ކުރިއަށްގެންދިޔަޔަސް މައްސަލައެއް ނެތް ކަމަށް އެސިސްޓެންޓް ކޮމިޝަނަރު އިސްމާއީލް ނަވީން ވިދާޅުވި ކަމަށް އަނަސް ވިދާޅުވިއެވެ.

comment ކޮމެންޓް