އާސަންދަ ނަމުގައި ގުޅައި ލައްކައަކަށް ވުރެ ގިނަ ރުފިޔާ ފޭރިގެންފި

ބަޔަކު ފޯނެއް ބޭނުން ކުރަނީ:

އާސަންދަ ނަމުގައި ގުޅައި އެއް ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގެން މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ ނުދަންނަ ނަމްބަރަކުން އާސަންދަ އޮފީހުގެ ނަމުގައި މީހަކަށް ގުޅައި އާސަންދައިން ބޭސްފަރުވާ އަށް ކަނޑައަޅާފައިވާ ފައިސާ ބޭނުން ނުކޮށް ހުރުމާއެކު އެކައުންޓަށް ފައިސާ ޓްރާންސްފާ ކޮށްދޭނެ ކަމަށް ބުނެ ބެންކް ކާޑުގެ މައުލޫމާތު އޮޅުވާލައިގެން ހޯދައި 120000 އަށްވުރެ ގިނަ ރުފިޔާ ފޭރިގެންފައިވާ މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ.

އެގޮތުން އުތުރުގެ އަތޮޅެއްގެ ރަށެއްގައި ދިވެއްސެއްގެ އެކައުންޓުން އިއްޔެ 80،000 ރުފިޔާ މަކަރާ ހީލަތުން އަތުލާފައިވާއިރު ހަމަ އެރަށު އެހެން ދިވެއްސެއްގެ އެކައުންޓުން 20،000 ރުފިޔާ އަދި ތިންވަނަ މީހާގެ އެކައުންޓުން 6،000 ރުފިޔާ ފޭރިގެންފައިވާ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އޮޅުވާލައިގެން މަކަރާ ހީލަތުން ފައިސާ ހޯދާ މައްސަލަތައް ހުށަހެޅުން އިތުރުވެފައިވާއިރު ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހެޅިފައި ހުންނަނީ އެކިއެކި ކުންފުނިތަކުގެ ނަމުގައި ނުވަތަ ކޮންމެ ވެސް މުއައްސަސާއެއްގެ ނަމުގައި ގުޅައި ޕްރޮމޯޝަނެއްގެ ގޮތުގައި އަދި އެނޫންވެސް މާލީ މަންފާ ލިބޭނެ ގޮތްތައް ބުނެދީ އޮޅުވާލައިގެން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ވަނީ ނުދަންނަ އަދި އިތުބާރު ނުކުރެވޭ އެއްވެސް މީހަކަށް ފައިސާގެ އެފަދަ މުއާމަލާތްތައް ނުހިންގުމަށް އިލްތިމާސް ކޮށްފަ އެވެ. ހާއްސަކޮށް، ބޭންކުން ދޫކޮށްފައިވާ އެއްވެސް ކާޑެއްގެ އެއްވެސް ނަމްބަރެއް އަދި ކާޑުގެ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް ފުލުހުން އިލްތިމާސް ކުރެ އެވެ.

comment ކޮމެންޓް