ފެންބޮޑުވެ ފޭދޫ އާއި މަރަދޫފޭދޫގެ ރައްޔިތުންނަށް ބޮޑު ގެއްލުމެއް ލިބިފައިވޭ: މޭޔަރު

އައްޑޫ ސިޓީގެ ފޭދޫގެ ގެއެއްގެ ކޮޓަރީގައި ފެންބޮޑުވެފައި: ފެންބޮޑުވުމުގެ ސަބަބުން ފޭދޫ އާއި މަރަދޫފޭދޫގެ ގެތަކަށް ފެންވަދެ ގޭގޭގައި ބޭނުންކުރާ ބައެއް ތަކެތި ވަނީ ހަލާކުވެފައި --- ފޮޓޯ: އެފްބީ

އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުމުގެ ސަބަބުން ފޭދޫ އާއި މަރަދޫފޭދޫގެ ރައްޔިތުންނަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެ އެވެ.

ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ސޯބެ ވިދާޅުވީ ފޭދޫގެ ދެ ސަރަހައްދަކާއި މަރަދޫފޭދޫގައި ފެންބޮޑުވުމުގެ ސަބަބުން ބައެއްތަކެތި ހަލާކުވެފައިވާ ކަމަށެވެ. އެގޮތުން ބައެއް ގޭގައި ބޭނުންކުރާ އައިސް އަލަމާރި އާއި ބެޑްރޫމާއި ސޯފާފަދަ ދިރިއުޅުމުގައި އެއާނުލައި ނޫޅެވޭފަދަ ތަކެތި ހަލާކުވެފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ ފޭދޫ އާއި މަރަދޫ ފޭދޫގެ ގެތަކަށް ފެންވަދެ ގެތަކުގައި ބޭނުންކުރާ ތަކެތި ހަލާކުވުންފަދަ ކަންތައްތައް މެދުވެރިވީ ފެންބޭރުކުރަން ހަދާފައިވާ ހޮޅި ހަލާކުވުމުގެ ސަބަބުން ކަމަށެވެ.

"މިދޭތެރެއަކުން އަޅުގަނޑުމެންނަށް މައްސަލަތައް ދިމާނުވެ އެ ދިޔައީ، ހޮޅި އަޅައިގެން ހޮޅިން ފެންބޭރު ކުރެވޭތީ. ފެން ބޭރުކުރަން ހަދާފަ ހުރި ނިޒާމްގަ ދިމާވި މައްސަލައަކުން ކުއްލިއަކަށް ބޮޑު އިޝޫއަކަށް ދިމާވި އެއްކަމަކީ،" މޭޔަރު ވިދާޅުވި އެވެ.

ގިނަވަގުތު ވަރަށް ބޯކޮށް ވާރޭ ވެހިގެން ފޭދޫ އާއި މަރަދޫ ފޭދޫއަށް ގެއްލުންތަކެއް ލިބުނު ނަމަވެސް ހިތަދޫގެ ރައްޔިތުންގެ ތަކެއްޗަށް ގެއްލުންލިބިފައިނުވާ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

ފެންބޮޑުވުމާއެކު ފުލުހުންނާއި ސިފައިން ގުޅިގެން ވެލިބަސްތާތައް ޖަހައި ފެންހިންދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އަދިވެސް ހުއްޓުމެއްނެތި ސަލާމަތީ ބާރުތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް ސޯބެ ވިދާޅުވި އެވެ.

ސޯބެ ވިދާޅުވީ ވިއްސާރައިގައި މިފަހަރު ކަންތައް ހިނގައިދިޔަގޮތް ބެލުމަށްފަހު އެފަދަ ކަންކަން ހައްލުކުރުމަށް ސިޓީ ކައުސިލުން ވެސް މަސައްކަތް ކުރާނެ ކަމަށެވެ.

"އެކަންކަމަށް ބަލާފަ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހައްލު ހޯދަން މަސައްކަތް ކުރަމުންދާނަން. މިވަގުތަށް ޕޮލިސް އަދި އެމްއެންޑީއެފް ނުނިދާ ހޭލާތިބެގެން މަސައްކަތް ކުރަމުން ދަނީ،" ސޯބެ ވިދާޅުވިއެވެ.

comment ކޮމެންޓް