ބޭރުންދޭ ލޯނު އެހީތައް ވަކި އެކައުންޓެއްގައި ބަހައްޓާ ގޮތަށް މާލިއްޔަތު ގާނޫނަށް އިސްލާހު ގެންނަނީ

ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން: ބޭރުން ދޭ ލޯނު އެހީތައް ވަކި އެކައުންޓެއްގައި ބަހައްޓާ ގޮތަށް މާލިއްޔަތު ގާނޫނަށް އިސްލާހު ގެނައުމަށް ޖަމީލު ވަނީ ހުށަހަޅުއްވާފައި -- ފޮޓޯ/ މަޖިލިސް

ސަރުކާރުން ހިންގާ އެކި އެކި މަޝްރޫއުތަކަށް ބޭރު ގައުމުތަކުންނާ ޖަމިއްޔާ ޖަމާއަތްތަކުންދޭ އެހީތައް ނުވަތަ ލޯނު އެހީތައް ވަކި އެކައުންޓުތަކެއްގައި ބަހައްޓާ ގޮތަށް މާލިއްޔަތު ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ގެންނަން ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލު އުސްމާނު ހުށަހެޅުއްވި އެ އިސްލާހުގައި ބުނެފައި ވަނީ މާލިއްޔަތު ގާނޫނުގެ 11 ވަނަ މާއްދާގައި ދައުލަތުގެ އެންމެހާ ފައިސާ ބަހައްޓަން ވާނީ އެ މާއްދާގައި ބަޔާންކޮށްފައިވާ ޕަބްލިކް ބޭންކް އެކައުންޓެއްގައި ކަމަށް ބުނެފައިވާ ކަމަށެވެ.

އިސްލާހުގައި ބުނެފައި ވަނީ އެ މާއްދާގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް ބައެއް ހާލަތްތަކުގައި ޕަބްލިކް ބޭންކް އެކައުންޓުގެ އިތުރުން އިތުރު އެކައުންޓެއް ނުވަތަ އެކައުންޓުތަކެއް ހުޅުވައި ދައުލަތުގެ ފައިސާ ބެހެއްޓުމުގެ އިހުތިޔާރު މިނިސްޓަރަށް ލިބިގެންވާ ކަމަށެވެ.

އިސްލާހުގައި ބުނެފައި ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ މަރުކަޒެއް ނުވަތަ އެ އޮތޯރިޓީގެ އެކައުންޓެއް އޮތް ބޭންކެއް ވެސް ނެތް ރަށެއްގައި ހިނގާ ދައުލަތުގެ އޮފީހަކުން ދައުލަތުގެ ފައިސާ ބެހެއްޓުމަށްޓަކައި އެކައުންޓެއް ހުޅުވަންޖެހޭނެ ކަމަށެވެ. އަދި ދައުލަތުގެ ފައިސާގެ ތެރެއިން ވަކި މަޝްރޫއަކާ ގުޅޭ ފައިސާ ވަކި އެކައުންޓެއްގައި ބެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅަންޖެހޭނެ ކަމަށެވެ.

ޖަމީލު އުސްމާނު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ދައުލަތުގެ ފައިސާގެ ތެރެއިން ހިލޭ ނުވަތަ ލޯނު އެހީގެ ގޮތުގައި ލިބޭ ފައިސާ ވަކި އެކައުންޓެއްގައި ބެހެއްޓުމަށް އެއްބަސްވުމެއްގެ ދަށުން ނުވަތަ އެ ނޫންވެސް ގޮތަކުން އެ ފައިސާ ދޭ ފަރާތެއް އެދެންޖެހޭނެ ކަމަށެވެ.

ބިލު ހުށަހަޅުއްވަމުން ޖަމީލު އުސްމާނު ވިދާޅުވީ ބޭރުގެ އެކި ފަރާތްތަކުންދޭ އެހީތަކާއި ލޯނު އެހީތައް ޕަބްލިކު އެކައުންޓެއްގައި ހުރުމުގެ ސަބަބުން ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް ސަރުކާރަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

comment ކޮމެންޓް