ލައިސެންސް ނެތި ޓެލެކޮމް ހިދުމަތްދީފި ނަމަ ފަސް މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރާ ބިލް ކޮމެޓީން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ: ލައިސެންސް ނެތި ޓެލެކޮމް ހިދުމަތް ދީފިނަމަ 5 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރާ ބިލް ކޮމެޓީން ވަނީ ފާސްކޮށްފައި -- ފޮޓޯ/ މަޖިލިސް

ލައިސެންސަކާ ނުލައި ޓެލެކޮމްގެ ހިދުމަތްދޭ ކުންފުނިތައް ފަސް މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރާ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް ގައުމީ ތަރައްގީ ކޮމެޓީން ފާސްކޮށްފި އެވެ.

އެ ބިލް އެގޮތަށް ފާސްކުރަން ފެންނަ ކަމަށް ނިންމީ ކޮމެޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ނެވެ.

ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ ލައިސެންސް ނެތި ޓެލެކޮމް ހިދުމަތް ފޯރުކޮށްދީ އެފަދައިން ރޭޑިއޯ މުވާސަލާތުގެ ތަކެތި އަތުގައި ހުއްދައެއް ނެތި ބަހައްޓާ ފަރާތަކަށް ފަސް މިލިއަނަށް ވުރެ ގިނަ ނުވާނޭ ގޮތަށް ޖޫރިމަނާ ވާނެ ކަމަށެވެ. އަދި އެކަމާ ހިލާފުވުމަށް ފަހު ހިނގާ ކޮންމެ ދުވަހަކަށް އެއް ލައްކަ ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ އަދަދަކުން ޖޫރިމަނާވާނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ.

ފަލާހު ހުށަހެޅި ބިލުގައި ބުނާ ގޮތުން ލައިސެންސެއް ނެތި ނެޓުވޯކު ކުރުމަށް ބޭނުންވާ ސާމާނު ބެހެއްޓުމުގެ އިތުރުން އެފަދަ ތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް ވެސް ފަސް މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރާނެ އެވެ.

އޭނާގެ ބިލުގައި ބުނާ ގޮތުގައި ޓެލެކޮމްގެ ލައިސެންސް ދޫކުރާ އޮތޯރިޓީން އެ ލައިސެންސް ދޫކުރާ އިރު ދެވަތަރެއްގެ ލައިސެންސް ދޫކުރާނެ އެވެ. އެއީ އިންޑިވިޖުއަލް ލައިސެންސާއި ކްލާސް ލައިސެންސެވެ.

އިންޑިވިޖުއަލް ލައިސެންސަށް އެ ފަރާތުން ދައްކަން ޖެހޭ ފައިސާ ނުދައްކައިފި ނަމަ އެ ފަރާތެއް އެއް މިލިއަން ދިވެހި ރުފިޔާ އިން ޖުރިމަނާ ވާނެ ކަމަށް އެ ބިލުގައި ވަނީ ބުނެފަ އެވެ. އަދި ލައިސެންސްގެ ގަވާއިދުތަކާ ހިލާފުވާ ފަރާތުން ވެސް ހަމަ އެ އަދަދުން ޖޫރިމަނާވާނެ އެވެ.

ލައިސެންސްދޭ އޮތޯރިޓީގެ ސުލޫކީ މިންގަނޑުތަކާ ހިލާފު ވެއްޖެ ނަމަ އެއް މިލިއަން ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް ވެސް އެ ބިލުގައި ވަނީ ބުނެފަ އެވެ.

އެ ބިލު ހުށަހެޅުމުގެ މަގުސަދެއް ކަމަށް ފަލާހު ވިދާޅުވީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން އާ ގުޅުންހުރި ހުރިހާ ކަމެއް ރާވައި ހިންގާނެ ގޮއްތަކެއް ކަނޑައެޅުމަށް ކަމަށެވެ. އަދި ޓެލެކޮމްގެ ހިދުމަތްދޭ ފަރާތްތަކަށް ލައިސެންސް ދޫކުރާނެ އުސޫލުތަކެއް ކަނޑައެޅުމަކީ ވެސް މަގުސަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް