މިނިވަން މުއައްސަސާތަކުގެ ރަސްމީ ގަޑި ކުޑަ ކުރުމުން ރައީސް ކަންބޮޑުވެއްޖެ!؟

ރައީސް އޮފީސް: ރައީސް ޔާމީންގެ ކަންބޮޑުވުން ހިއްސާ ކުރެއްވީ މަޖިލީހަށް-- ސަން ފައިލް ފޮޓޯ

މިނިވަން މުއައްސަސާތަކުން މުސާރައަށް ބަދަލު ނުގެނެސް ސަރުކާރުގެ ރަސްމީ ގަޑިއަށް މަސައްކަތް ބަދަލު ކުރުމަކީ ރަނގަޅު ގޮތް ނޫން ކަން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް އަންގަވައިފިއެވެ.

ސަރުކާރުގެ ރަސްމީ ގަޑި 8:00 އިން 2:00 އަށް ބަދަލު ކުރުމުން ގިނަ މިނިވަން މުއައްސަސާތަކަކުން ވެސް ވަނީ މަސައްކަތް ކުރާ ވަގުތު އެގަޑިތަކަށް ބަދަލުކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމަށް ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުޖުތާޒު ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ މިނިވަން މުއައްސަސާތަކުން މުސާރައަށް ބަދަލު ނުގެނެސް ގަޑިއަށް ބަދަލު ގެނައުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށެވެ.

"މިނިވަން މުއައްސަސާތަކަކީ ސިވިލްސާވިސްގެ ވަޒީފާތަކާއި ހިލާފަށް ބޮޑެތި މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާފައިވާ ތަންތަން ކަމަށްވާތީ، މުސާރަ އާއި އިނާޔަތްތަކަށް ބަދަލު ނުގެނެސް އެތަންތަނުގެ މަސައްކަތު ގަޑިއަށް ބަދަލު ގެނައުމަކީ އެންމެ ރަނގަޅުގޮތް ނޫން ކަމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި،" އެ ސިޓީގައި ބުނެފައިވެ އެވެ.

އެސިޓީގައި އިތުރަށް ބުނެފައިވަނީ އެކަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ހުށަހަޅައި އެ ކޮމެޓީން ނިންމަވާ ގޮތެއް އަންގަވައި ދެއްވުން އެދޭ ކަމަށެވެ.

comment ކޮމެންޓް