އުފުލިގެންދާ ކުލި ހިފަހައްޓާނެ "މަންތިރި"އަކަށް ބޭނުންވެފައި!؟

މާލެ: މާލޭގެ އިމާރާތްތަކުގެ ކުލީގެ އަގު ބޮޑުކަމުން އާއްމު ރައްޔިތުން އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން: ސަން ފޮޓޯ/ ފަޔާޒު މޫސާ

ދުނިޔޭގައި މީހުން ތޮއްޖެހިފައިވާ ސިޓީތަކުގެ ކުރިން ޖާގަ ހޯދަނީ ވެރިރަށް މާލެ އެވެ. އެއީ ދުނިޔޭގައި ކުޑަ ބިމެއްގައި އެންމެ ގިނަ މީހުން ދިރިއުޅޭ ރަށެވެ. ރާއްޖޭގެ އާބާދީގެ 38 ޕަސެންޓް މީހުން ދިރިއުޅެނީ މާލޭގަ އެވެ. އެއީ 153،904 މީހުންނެވެ. އޭގެ ތެރެއިން ދިވެހިންގެ އާބާދީއަކީ 129،381 އެވެ.

މާލޭގެ ބިމުގެ ކުއްޔާއި އިމާރާތްތަކުގެ ކުލި ތަރައްގީވެފައިވާ ބޮޑެތި ސިޓީތަކުގެ ރަގްޒަރީ ހޮޓާތަކުގެ ކުއްޔާ އަރާހަމަކުރެ އެވެ. މި ރަށުގެ ކުލި އުފުލެމުންދަނީ ހިފެހެއްޓުމެއް ނެތި އެވެ. ހަމައެއް ލަމައެއް ނެތެވެ. ކުލިތައް މަތަކުރާނެ، "މަންތިރި" ނެތެވެ. އުސޫލެއް ނެތުމުން، ދިރިއުޅެން މަޖުބޫރުވެފައިވާ "ރާއްޖެތެރޭ މީހުން" ދަނީ "އަވަދި"ވަމުންނެވެ. ލިބޭ އާމްދަނީ ދޮކޮޅެއް ނުޖެހެ އެވެ.

މާލޭގައި ދިރިއުޅޭތާ އަށް އަހަރުވެފައިވާ ހުސައިން މާހިރު ބުނީ ގޭގައި ވަޒީފާ އަދާ ކުރާ ފަސް މީހުން ހުރި ކަމުގައި ވިއަސް މިހާރު ދެކޮޅު ނުޖެހޭ ކަމަށެވެ. ދުވާފަރަށް ނިސްބަތްވާ މީހާ ބުނީ އަނބިދަރިންނަށް ހަރަދުކޮށް ގޭގެ ކުއްޔާ ދެން ވެސް ދައްކަންޖެހޭ ބިލުތައް ދެއްކުމަށް ފަހު އަތުގައި ފަހަށް ރައްކާ ކޮށްލާނެ އެންމެ ރުފިޔާ ފޮއްޗެއް ވެސް ނޯންނަ ކަމަށެވެ.

"ގިނަ ފަހަރު ދަރިން ސްކޫލަށް ބޭނުންވާ އެއްޗެހިން ވެސް ނުހޯދިފަ އޮންނަނީ. ކިހިނެއް ލިބޭހާ އެއްޗެއް ގެއަށް ދީގެން ދަރިން ބޭނުންވާ އެއްޗެއް ވެސް ގަނެދޭނީ. އަހަރެންގެ ގޭގައި މިއުޅެނީ އަހަރެންގެ ދެ ދަރިންނާ މަށާ މަގޭ އަންހެނުންގެ އިތުރުން އެއްބަނޑު އެއްބަފާ ބޭބެއާ އޭނާގެ އަންހެނުން. ދެ ކޮޓަރިއާ ސިޓިން ރޫމެއް. ގޭގެ ކުއްޔަކީ 18،000 ރުފިޔާ. އަހަރެންނަށް މަހެއްގެ މައްޗަށް ލިބެމުން ދަނީ 9500 ރުފިޔާ. އަހަރެންގެ ބޭބެ އަށް ލިބެނީ 11،000 ރުފިޔާ. ދެން ވިސްނާލަބަލަ އަހަރެމެން އުޅޭނެ ހާލު. ދެ މީހުންނަށް ގޭގެ ކުލި ބަހާލިއަސް 9000 ރުފިޔާ. އެކަމަކު މިތާ ނޫޅެ ވެސް ނެތް ވާކަށް،" އޭނާ ބުންޏެވެ.

މާލޭގައި ކުއްޔަށް އުޅޭ ބައެއް މީހުން އުޅެނީ "އަނގަ އާއި އަތާ ދިމާނުވާ" ހާލުގަ އެވެ. އިންތިހާ ދަރަޖައަށް ކުލި މައްޗަށް އަރަނީ އެވެ. މީގެ ދެ އަހަރު ކުރިން 11،000 ރުފިޔާއަށް ކުއްޔަށް ދިން ތަންތަން 16،000 ރުފިޔާ އާއި 17،000 ރުފިޔާއަށް އަރައިފި އެވެ. އެކަމާ މެދު ވިސްނާ އަނގައިން ބުނާނެ މީހަކު ނެތެވެ. ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރާނެ ބަޔަކު ނެތެވެ.

"އަހަރެން އުޅެމުންދާ އެޕާޓުމަންޓަކީ ދެ ކޮޓަރި ސިޓިން ރޫމުގެ އެޕާޓުމަންޓެއް. އެ އެޕާޓުމަންޓުގެ އަގަގަކީ މަހަކު 11،000 ރުފިޔާ. ދެ އަހަރު ދުވަހުގެ އެގްރީމެންޓެއް ހެދީ. ބުނީ ބަރާ ބަރަށް ކުލި ދައްކާ ކަމަށްވަންޏާ އެގްރީމެންޓު ރަނގަޅު މުއްދަތަކަށް އާ ކޮށްދޭނަމޭ. އަހަރެން އެތާނގައި އުޅޭތާ ދެ އަހަރު ވެގެން އެގްރީމެންޓު އާ ކުރުމުގެ ވާހަކަ ދައްކަން ދިޔައީމާ ގޭގެ ވެރި މީހާ އަހަރެން ގާތު ބުނީ މިހާރު ކުލި ބޮޑު ކުރާށޭ މިއުޅެނީ. އަންނަ ޖެނުއަރީ މަހުން ފެށިގެން އަހަރެން ދިރިއުޅޭ އެޕާޓުމަންޓުގެ އަގަކީ މަހަކު 16،000 ރުފިޔާ އޭ. އެވަރު ނުދެއްކޭ ކަމަށް ވަންޏާ އެހެން ތަނެއް ހޯދައިގެން ދާށޭ. އަހަރެން ކިހިނެއް ހަދާނީ. މިއުޅެނީ 11،000 ރުފިޔާ ކުލީގެ ގޮތުގައި ދައްކަން ޖެހޭތީ އެ ވަރުން ވެސް ދެކޮޅު ނުޖެހިގެން،" ރަށްޓެއްސަކު އޭނާއަށް ދިމާވި ކަމެއްގެ ވާހަކަ ކިޔައިދެމުން ބުންޏެވެ.

މިއީ ވެސް މިއަދު ބައެއް ބޭފުޅުން ކަން ކުރަމުން އަންނަ އުސޫލެކެވެ. އެގްރީމެންޓު ހަދައި ދެނީ ދެ އަހަރު ނުވަތަ އެއް އަހަރު ދުވަހަށެވެ. އެގްރީމެންޓު އާ ކުރުމުގެ ވާހަކަ ދައްކަން ބުނުމުގެ ކުރިން އެޕާޓްމަންޓުގެ ކުލީގެ އަގު ބޮޑު ކުރާނެ އެވެ. އިތުރު ގޮތެއް ނެތިއްޔާ ދެން ޖެހޭނީ އުޅޭށެވެ.

މާލޭގެ ކުލީގެ މައްސަލައަށް ހައްލެއް ސަރުކާރަށް ގެނެސް ނުދެވޭ ކަމަށްވާ ނަމަ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅެން އެބަޖެހެ އެވެ.

"މިހާރު ކުލި ކޮންޓުރޯލު ކުރުމަކީ ކުޑަ ކަމަކަށްވާނީ. އެކަން ނުކުރެވޭ އެއް ސަބަބަކީ ވަރަށް ބޮޑެތި ލޯނުތައް ނަގައިގެން އެތަންތަން ހަދަމުން އެދަނީ. ކުލި ކޮންޓްރޯލުކޮށްފި ނަމަ އިމާރާތްތަކުގެ ވެރިން ބޭންކްރަޕްޓު ވުމަކީ ވެސް އެކަށީގެންވާ ކަމެއް. އެހެންވީމަ އެވަރުގެ ކަމެއް ސަރުކާރަށް ކުރަން އުނދަގުވާނެ. ނަމަވެސް ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ރައީސް އަބްދުﷲ ޔާމީން ވަރަށް އަވަހަށް ގެންނަވާނެ. އެކަން ކުރެވޭނީ ސީދާ ކޮން ދުވަހެއްގައި ކަމެއް ނޭނގޭ،" ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރު ރިޔާޒު ރަޝީދު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމަކީ ރައީސް ޔާމީން ވަރަށް ބޭނުންފުޅުވާ ކަމެއް ކަމަށެވެ. އަދި އެ ބަދަލު ގެނައުމަށް ފަހު ނޫނީ ސިޔާސީ މީހުންގެ މުސާރައެއް ވެސް އިނާޔަތެއް ވެސް ރައީސް ޔާމީން ބޮޑު ނުކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރަށް ކުލި ކޮންޓުރޯލް ކުރުމަކީ އުނދަގޫ ކަމަކަށް ވެދާނެ އެވެ. ނަމަވެސް އިމާރާތްތައް ހެދުމަށް ނަގާ ލޯނު ދެއްކުމަށް ނަގާ މުއްދަތު މިހާރަށް ވުރެ ދިގު ކުރުމަކީ ނުކުރެވޭނެ ކަމެއް ނޫނެވެ. އޭރުންވެސް މާލޭގެ ކުލީގެ އަގަށް ކޮންމެވެސް ވަރެއްގެ ހައްލެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.

މާލޭގެ ކުލީގެ މައްސަލައާ އެޕާޓްމަންޓްތަކުގެ ކުލި ކުޑަކުރުމާ ގުޅޭ ގޮތުން ކޮންސްޓުރަކްޝަން އިންޑަސްޓުރީގައި މަސައްކަތް ކުރާ މީހަކު "ސަން" އާ ވާހަކަދައްކަމުން ބުނީ މާލޭގެ ކުލީގެ މައްސަލައަށް އޮތީ އެންމެ ހައްލެއް ކަމަށެވެ. އޭނާ ބުނީ މާލޭގެ ކުލީގެ މައްސަލަ ހައްލު ކުރެވެން އޮތީ ސަރުކާރުން ގެދޮރު ނުވަތަ ފުލެޓް ފަދަ ތަންތަން އަޅައިދީ އެތަންތަން އާއްމު ރައްޔިތުންނަށް ވެސް ލިބޭނެ ގޮތް ހެދުމުން ކަމަށެވެ.

"އެ ނޫން ކޮން ގޮތަކަށްތޯ އެކަން ހައްލުވާނީ. ކޮންމެ ގޮތެއްވިއަސް ތިޔަ ބޭފުޅުން މިސާލަކަށް ބައްލަވާ ހާބަރު ކަޑައެއް. އެތަން ސަރުކާރުން އާއްމު ރައްޔިތު މީހާއަށް ދޫކުރާ އަގު. ވަރަށް ހެޔޮ ވާނެ. ދެން ބައްލަވާ އާއްމު ރައްޔިތެއްގެ ގެއެއްގެ ގުރައުންޑުގައި ހުންނަ ފިހާރައެއް. އެތަން އަގު ބޮޑުވޭ ދެއްތޯ. އެހެންވީމާ މިއީ މިވާ ގޮތަކީ. މިބުނާ ހާބަރު ކަޑަވެސް ސަރުކާރުންދޭ މީހާ އެހެން މީހަކަށް ކުއްޔަށް ނުދޭނެ ދެއްތޯ ސަރުކާރުން ދޭ އަގަކަށް. ހަމަ އޭނައަށް ފައިދާލައިފަ ވިއްކާނީ. މި އަންނަނީ މި ދަންނަވާ ޝޯޝަލް ހައުސިން ގިނަ ކުރީމަ ވާ ގޮތް،" އޭނާ ބުންޏެވެ.

ކޮންމެ ގޮތެއްވިއަސް މިކަން ހައްލު ކުރެވޭނެ ކޮންމެވެސް މަގެއް އޮންނަން ޖެހެ އެވެ. އެއްވެސް ކަމެއްގެ ހައްލެއް ނެތި ނުދާނެ އެވެ. މިކަން ހައްލު ކުރެވެން އޮތީވެސް ހަމަ ސަރުކާރަށެވެ. ކުލީގެ އަގު ކޮންޓުރޯލު ނުކުރެވުނު ކަމުގައި ވިއަސް މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ސަރުކާރަށް ގެނެވިދާނެ އެވެ. ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބޭނެ ގޮތްތައް ތަނަވަސް ކުރެވިދާނެ އެވެ. މިކަންކަން ސަރުކާރަށް ކޮށް ނުދެވޭ ކަމަށްވާ ނަމަ ރާއްޖޭގެ ހުރިހާ ރަށެއްގައި ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާ ރަނގަޅު ކޮށްދެއްވާށެވެ. ރަށުގައި ވަޒީފާގެ ފުރުސަތު އިތުރުކޮށްދެއްވާށެވެ. އޭރުން މާލެ ތޮށްޖައްސާކަށް ރާއްޖެތެރެއިން މީހުންނެއް ނާންނާނެ އެވެ.

comment ކޮމެންޓް