25 މިނިޓުގެ ދަތުރުގެ ބުރައަަށް ކުޅުދުއްފުށީގައި އެއާޕޯޓެއް އަޅަންޖެހޭތަ؟!

ކުޅުދުއްފުށީ އެއާޕޯޓް ހޯދުމަށް މީހަކު އިހުތިޖާޖު ކުރަނީ-- ފޮޓޯ: ޓުވިޓާ

ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި 2013 ވަނަ އަހަރުގެ އޮގަސްޓް މަހު 11 ވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީން ހދ. ކުޅުދުއްފުއްޓަށް ވަޑައިގެން އެ ރަށު ރައްޔިތުންނަށްވެ ވަޑައިގެންނެވި ވައުދަކީ ސަރުކާރުގެ ދެ އަހަރު ތެރޭގައި އެ ރަށުގައި އެއާޕޯޓެއް އަޅުއްވާނެ ކަމުގެ ވައުދެވެ. މި ސަރުކާރަށް ދެ އަހަރު ވެފައިވާ އިރު އެ ވައުދު އަދި ފުއްދިފައެއްނުވެ އެވެ. ނަމަވެސް އެ ވައުދުގެ ވާހަކަ ބާރަށް އެބަ ދެކެވެ އެވެ. ކުރެވޭ ސުވާލަކީ އެ ވައުދަކީ ދެކޮޅުޖެހޭ ވައުދެއްތޯ އެވެ؟

މާލެ އާއި ކުޅުދުއްފުއްޓާ ދޭތެރޭ 286 މީޓަރު ހުންނަ އިރު އެ ރަށަކީ ބޮޑުތިލަދުންމަތީގެ ހާއްސަ ހަބެކެވެ. ދަތުރުފަތުރު ކުރުމަށް ގިނަ ބަޔަކު ގޮސް އުޅޭ ރަށެކެވެ. އެކަން އެހެން އޮއްވައި މި އަޑުއިވެނީ އެރަށުގައި އެއާޕޯޓެއް އަޅާ ވާހަކަ އެވެ. ނަމަވެސް އެ ރަށާ 19 ކިލޯ މީޓަރު ދުރުގައި ހދ. ހަނިމާދޫ އެއާޕޯޓް އޮއްވައި ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަކީ މުހިންމު ކަމެއްބާއޭ ސުވާލު އުފެދެ އެވެ.

ކުޅުދުއްފުށިން ލޯންޗެއްގައި ހަނިމާދުއަށް 25 މިނެޓުން ދެވެ އެވެ. ލޯންޗް ފީއަކީ ގާތްގަނޑަކަށް 1500 ރުފިޔާ އެވެ. ކުޅުދުއްފުއްޓަކީ ކަނޑުމަގުން މާލެ އާއި ދޭތެރޭ ދަތުރުކުރާ އެތައް ބޯޓެއް އޮންނަ ރަށެކެވެ. އެ ރަށުގައި ދުއްވާ ބޯޓްތަކުން ކަނޑުމަގުން 350 ރުފިޔާއަށް މާލެ އާ ދޭތެރޭ ދަތުރު ކުރެވެ އެވެ. ކަން އެހެން އޮއްވައި ކުޅުދުއްފުށީގައި އެއާޕޯޓެއް އޮޕަރޭޓް ކުރަންޖެހޭތޯ އެވެ؟

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލީ މުހައްމަދު ވިދާޅުވީ ދަތުރުފަތުރުގެ ނިޒާމް ދަތިވުމާއި ހަނިމާދޫ އާއި ކުޅުދުއްފުށްޓާ ދޭތެރޭ ކުރާ ދަތުރުގެ އަގު ބޮޑުވުމުން ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަށް އެ ރަށު ރައްޔިތުން އެދޭ ކަމަށެވެ.

އެ ބުނާ ގޮންޖެހުންތަކަކީ ހުރިހާ ރަށަކަށް ދިމާވާ ގޮންޖެހުންތަކެކެވެ. ޑޮމެސްޓިކް ޓިކެޓް އަގު ބޮޑުވުމާއި ލޯންޗް އަގު ބޮޑުވުމަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގެ ރަށަކަށް ވެސް ދިމާވާ މައްސަލައެކެވެ. އެ މައްސަލައިގެ ހައްލަކަށް ކޮންމެ ރަށެއްގައި އެއާޕޯޓެއް އެޅުމަކީ ކުރެވިދާނެ ކަމެއް ކަމަކަށް ނުބެލެ އެވެ.

ކުޅުދުއްފުއްޓަކީ އާބާދީ ބޮޑު ރަށަކަށްވާ އިރު މުސްތަގުބަލުގައި ބިމުގެ ދަތިކަން އެ ރަށަށް ކުރިމަތިވާނެ ކަން އެއީ ހަގީގަތެވެ. ކަން އެހެން އޮއްވައި އެ ރަށު ކުޅި ހިއްކައިގެން ރަށުގެ ބޮޑު ޖާގައެއް އެއާޕޯޓަކަށް ހެދުމަކީ ފަސޭހައިން ބިން ހިއްކެއް ނެތް އެ ރަށަށް ދިމާވާނެ އިތުރު ގޮންޖެހުމެއްކަން ޔަގީނެވެ.

ކުޅުދުއްފުށީ ކައުންސިލް ރައީސް އަލީ ވިދާޅުވީ އެއާޕޯޓް އެ ރަށުގައި އަޅާ ނަމަ "ވަރަށް ބޮޑަށް ރަށުގެ ބިންގެއްލިގެން ދިޔައީ ހަގީގަތުގައި" ކަމަށާއި ނަމަވެސް އެ ރަށު ރައްޔިތުން އެދެނީ އެއާޕޯޓް އެޅުމަށް ކަމަށެވެ.

ކުޅުދުއްފުށީގައި އެއާޕޯޓެއް އަޅާ ވާހަކަ ދައްކާއިރު އޭގެ އަނެއް ބަހުސަކީ އެ ރަށު އެއާޕޯޓަކީ އިގްތިސާދީ ގޮތުން ފޫބެއްދޭ ވަރުގެ ކަމަކަށް ވާނެތޯ އެވެ. އެ ރަށް މެދުވެރިކޮށް މުޅިންހެން ދަތުރު ކުރަން ތިބީ ދިވެހިން ކަމަށްވެފައި އެ ރަށް މެދުވެރިކޮށް އަރާމް ކަނޑު ދަތުރެއް ހެޔޮ އަގުގައި ކުރެވޭއިރު ހަމައެކަނި ދިވެހިންނަށް އަމާޒުކޮށްގެން އެއާޕޯޓެއް ހިންގިދާނެތޯ މިއީ ވެސް އުފެދޭ ސުވާލެކެވެ.

ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރު ސާމީ އަގީލް ވިދާޅުވި ގޮތުގައި ސަރުކާރުން އެއާޕޯޓްތައް އަޅަނީ ޓޫރިޒަމަށް ބަލައިގެންނެވެ. އެގޮތުން ހަމައެކަނި ދިވެހިން އުފުލައިގެން އެއާޕޯޓެއް ކުރިއަށް ނުގެންދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިވަގުތު ރަނގަޅަށް ޓޫރިޒަމް ނެތް ހިސާބުތަކުގައި އެއާޕޯޓްއަޅަން ނިންމާފައި ވަނީ ކުރިއަށް އޮތްތަނުގައި އެ ހިސާބުތަކުގައި ޓޫރިޒަމް ރަނގަޅުވާނެތީ ކަމަށް ސާމީ ވިދާޅުވި އެވެ.

"ޓޫރިޒަމް މާކެޓް ޕްލޭނަށް ބަލާފަ އައިޑެންޓިފައިކޮށްފައި ހުންނަ ލޮކޭޝަންތަކުގައި އެއާޕޯޓް އަޅާނީ، އަޅުގަނޑުމެންގެ ސިޔާސަތަކީ ކޮންމެ ރަށެއްގައި އެއާޕޯޓެއް އެޅުމެއް ނޫން،" ސާމީ އަގީލް ވިދާޅުވި އެވެ.

ގައުމީ އެއާލައިން ކަމުގައިވާ އައިލެންޑް އޭވިއޭޝަންގެ ޗެއާމަންކަން ކުރައްވާފައިވާ އަދި އޭވިއޭޝަން ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ އިބްރާހިމް ސަލީމް (ބަންދު) ވިދާޅުވި ގޮތުގައި ރާއްޖޭގައި އަލަށް ގިނަ ރީޖަނަލް އެއާޕޯޓްތަކެއް ހުޅުވި އެ މަންޒިލްތަކަށް ދަތުރުކުރަންބަލާ އިރު އެ ސަރަހައްދުތަކުގައި ޓޫރިސްޓް 300 ރޫމް ނެތިއްޔާ ފައިދާއެއް ނުވާނެ އެވެ. އަދި ޓޫރިސްޓުން ބޮޑުއަގުގައި މިއަދު ދަތުރުކުރާތީ ދިވެހިންނަށް ޓިކެޓް ލިބުމަށް ދަތިތަކަކާ ކުރިމަތިވާ ކަމަށާއި އުދުހުމުގެ ކަންތައްތައް ވަރަށް ރަނގަޅަށް ހަމަޖެހިގެން ކުރިއަށް ގެންދަން ޖެހެ އެވެ. އެހެން ނޫނީ މުސްތަގުބަލުގައި ގެއްލުމާ ދިމާވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ތަޖުރިބާކާރުން އެހެން ވިދާޅުވަމުންދާއިރު ހދ. އަތޮޅަކީ ރިސޯޓެއް އޮތް އަތޮޅެއް ނޫނެވެ. ކުޅުދުއްފުށި މެދުވެރިކޮށް މިހާރަށް މުޅިންހެން ދަތުރު ކުރުމަށްތިބީ ދިވެހިންނެވެ. އެހެންކަމުން އެ ހަރަދު ދެކޮޅު ޖެއްސޭނެ ކަމަކަށް ނުބެލެވެ އެވެ.

ކަންކަން އެހެން އޮތްނަމަވެސް ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދުމަށް ސަރުކާރުން އެވަނީ ނިންމާފައެވެ. ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވާ ގޮތުގައި "އަޅުގަނޑުމެންގެ ސަރުކާރުން ކުޅުދުއްފުށީގައި އެއާޕޯޓު އަޅައިދޭނެ" އެވެ. ކުޅުދުއްފުށީގައި ސަރުކާރުން އަޅައިދިނުމަށް ވައުދުވެފައިވާ އެއާޕޯޓު އަޅަން ހަމަޖެހިފައި ވަނީ ސަރުކާރުގެ ބަޖެޓުން ނޫން ކަމަށާއި އެ އެއާޕޯޓް އަޅަން ނިންމާފައި ވަނީ ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް (ޕީޕީޕީ)ގެ ދަށުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެއާޕޯޓުގެ ފީސިބިލިޓީއާ އަދި މަސައްކަތް ކުރާނެ ބަޔަކު ހޯދުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށާއި މި މަސް ނިމުމުގެ ކުރިން އެކަމަށް ބޭނުންވާ އެއްބަސްވުންތަކުގައި ސޮއިކުރެވިގެންދާނެ ކަމަށް އުމަރު ވަނީ ވިދާޅުވި އެވެ.

އިސްވެ ފާހަގަ ކުރި ކަންކަމަށް ބަލާއިރު ކުޅުދުއްފުށީގައި އެއާޕޯޓެއް އޮޕަރޭޓް ކުރެވޭނެތޯ މިވަނީ ބޮޑު ސުވާލެއްގެ ތެރޭގަ އެވެ. އެރަށަށް ދިމާވެދާނެ ބިމުގެ ޖާގައިގެ ދަތިކަމަކީ ވެސް އެރަށުގައި އެއާޕޯޓް ނާޅަން ބެލެވޭ އެއް ސަބަބެވެ. އަނެއް ސަބަބަކީ 25 މިނެޓުން ދެވޭހާ ކައިރީގައި އެއާޕޯޓެއް އޮއްވައި ކުޅުދުއްފުށީގައި އެއާޕޯޓް އެޅުން މުހިންމު ކަމަށް ނުފެންނާތީ އެވެ. ހަމަ އެހެންމެ ހަމައެކަނި ދިވެހިން އުފުލަށް ކުޅުދުއްފުށީގައި އެއާޕޯޓެއް ހިންގުމަކީ އިގްތިސާދީ ގޮތުން ދެކޮޅު ޖެއްސޭނެ ކަމެއް ކަމަކަށް ނުބެލެވެ އެވެ.

comment ކޮމެންޓް