ޝީޝާ: އޮޅުވާލުމެއްގެ ތެރެއިން ނުރައްކަލަކަށް!

ޒުވާން އަންހެން ކުދިންތަކެއް ޝީޝާ ބޮނީ- ޝީޝާއަކީ ނުރައްކާތެރި އެއްޗެއް--

"ކޮބާ ޝީޝާއެއް ނެތް؟" މިއީ މިއަދުގެ ޒުވާނުންގެ މެދުގައި އެންމެ "ކޫލް" އެއް ސުވާލެވެ. އެކި އުމުރުގެ ޒުވާނުންގެ މެދުގައި ޝީޝާ ބުއިން މިހާރު މިވަނީ ފެޝަނަކަށްވެފަ އެވެ. ކޮފީތަށީގެ އިތުރުން މޭޒުމަތިން ޖާގަ ލިބޭ އެއް އެއްޗަކަށް ޝީޝާ އެވަނީ ހަދައިފަ އެވެ. އޭގެ ތެރެއިން ގިނަކުދިން ޝީޝާ ބޮނީ ތިމަންނަ ސިނގިރޭޓެއް ނުބޮމޭ ބުނަމުންނެވެ. އެކުދިންނަށް ހީވެފައި އޮންނަ ގޮތުން ޝީޝާ އަކީ ސިނގިރޭޓަށް ވުރެ ގެއްލުން ކުޑަ އެއްޗެކެވެ. އެ ވިޔަފާރި ކުރާ ފަރާތްތަކުން އިސްތިހާރު ކުރަނީ ވެސް އެގޮތަށެވެ.

މީގެ އަހަރުތަކެއް ކުރިން ރާއްޖެއަށް ތައާރަފްވެގެން ދިޔަ ޝީޝާ މިއަދު ވެފައި މިވަނީ ގިނަ ބަޔަކު ދުންފަތުގެ ވަބާއަށް ވައްދާ ވަސީލަތަކަށެވެ. ސިނގިރޭޓް ނުބޯ ފަރާތްތަކުން ވެސް ޝީޝާ ބުއިމަކީ މައްސަލައެއް ކަމަށް ނުދެކި ޝީޝާ ބޯން ފަށަނީ އެވެ. ނަތީޖާއަކަށް ވެގެންދަނީ އެކަން އެއީ ސިނގިރޭޓް ބޯން ކޮށޭ މަގަކަށްވުމެވެ. ޝީޝާ ބުއިމަކީ މިއަދު އެތައް ޅަކުދިންނަކާއި ޒުވާނުންގެ ފެޝަނެކެވެ. ރެސްޓޯރެންޓްތަކާއި ކެފޭ ތަކުން އެންމެ ގިނައިން ވިކޭ އެކަށްޗަށް ޝީޝާ މިވަނީ ވެފަ އެވެ.

ޝީޝާގެ ވިޔަފާރި ވަރަށް ފުޅާ

މީގެ ކުރިން މުޅިންހެން އަޑުއިވެނީ ރެސްޓޯރެންޓްތަކަށް ގިނަ މީހުން ވެއްދުމަށް ޓަކައި މޮޅެތި ބުއިންތަކާއި މޮޅެތި ކެއުންތައް ތައާރަފްކުރާ ވާހަކަ އެވެ. ނަމަވެސް މިއަދު މިވަނީ އެކަންކަމަށް ބަދަލުތައް އައިސްފަ އެވެ. ދުންފަތުގެ ވަބާއެއް ކަމަށްވާ ޝީޝާ އިސްތިހާރުކޮށް ވިޔަފާރިތަކުން އެވަނީ ނަފާހޯދަން ފަށައިފަ އެވެ. އެގޮތުން މާލެ އާއި ރާއްޖޭގެ އެކިކަންކޮޅުތަކުގެ ކެފޭތަކުން ޝީޝާއަށް ހާއްސަކޮށްގެން އެބަ ވިޔަފާރި ކުރެ އެވެ.

ޝީޝާގެ ވިޔަފާރި އެތައް ގޮތަކުން އިސްތިހާރު ކުރާ އިރު އެތައް ފުލޭވާއެއް ލިބޭނެ އިންތިޒާމް ކެފޭ، ރެސްޓޯރެންޓްތަކުން ވަނީ ހަމަޖައްސައިފަ އެވެ. އެތަކެތި ވިއްކަނީ އެކި އަގުތަކަށެވެ. ގާތްގަނޑަކަށް 70 ރުފިޔާ އިން ފެށިގެން 120 ރުފިޔާއާ ދޭތެރޭ އަގުތަކެއްގައި ޝީޝާވިއްކައެވެ. އެތަކެތި ބޯ ފަރާތްތަކުން އެބޮނީ ގްރޫޕު ހަދައިގެން އެކި މީހުންނަށް އެބަހާލައިގެންނެވެ.

ޝީޝާ ނުރައްކާތެރި އެއްޗެއް

ހޫކައް ނުވަތަ ޝީޝާ އަކީ ސިނގިރޭޓާ އެއްފަދައިގައިން ދެވި ހިފާ އެއްޗެކެވެ. ގިނަ ބަޔަކު ދެކޭގޮތުގައި ޝީޝާ އަކީ ސިނގިރޭޓް ބޭނުން ކުރުމަށް ވުރެ ގެއްލުން ކުޑަ ކަމެކެވެ. ނަމަވެސް އެއީ ކުށްހީއެކެވެ.

އެމެރިކާގެ ސެންޓާ ފޮ ޑިސީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން( ސީޑީސީ) ބުނެފައި ވަނީ ސިނގިރޭޓް ދުމުގައި ހިމެނޭ ގިނަ ވިހަ މާއްދާތަކެއް ޝީޝާގައި ވެސް ހިމެނޭ ކަމަށެވެ. އެގޮތުން ޝީޝާގެ ސަބަބުން ފުއްޕާމޭގެ ކެންސަރާއި ނޭވާ ލުމުގެ ނިޒާމަށް އެކި ކަހަލަ ބަލިތައް ޖެހުމާއި މާބަނޑު އަންހެން މީހާ އަށާއި ދަރިފުޅަށް ގެއްލުން ލިބުން ހިމެނެ އެވެ.

ސިނގިރޭޓާ ހިލާފަށް ޝީޝާ ބޯ މީހުންނަށް ވިހައިގެ ނުރައްކާ ބޮޑު ކަމަށް ސީޑީސީ އިން ވަނީ ބުނެފަ އެވެ. ސިނގިރޭޓާ ހިލާފަށް ޝީޝާއަކީ ދިގު ވަގުތަކަށް އެއްފަހަރާ ބޭނުން ކުރާ އެއްޗެކެވެ. އެހެން ކަމުން ގިނަ ވަގުތެއްގައި އެ ބޭނުން ކުރުމަކީ ދުވަސްތަކެއް ވަންދެއް ސިނގިރޭޓް ބުއިމުންވާ ވަރުގެ ގެއްލުވާ ކަމެކެވެ.

ޝީޝާގައި ބޭނުން ކުރާ ޗާކޯލްގެ ސަބަބުން ދުންފަތް ހޫނު ވެގެން ދާނެ އެވެ. އެހެން ކަމުން އެ ދެ ތަކެތި އެއްވުމުގެ ސަބަބުން މަތީ އަދަދަކަށް ކާބޮން މޮނޮކްސައިޑް އާއި ދަގަނޑު އަދި ކެންސަރު ޖެހޭ ފަދަ ވިހަތައް އިންސާނާގެ ހަށިގަނޑަށް ދާނެ އެވެ.

އެއް ގަޑިއިރުގެ ޝީޝާ ސެޝަނެއްގައި ގާތްގަނޑަކަށް 200 ފަހަރު ދަމާލެވޭނެ އެވެ. ނަމަވެސް އެވަރެޖްކޮށް ސިނިގިރޭޓެއްގައި ދަމާލެވޭނީ 20 ފަހަރު އެވެ. އެހެންކަމުން ސިނގިރޭޓަކަށް ވުރެ ގެއްލުން ބޮޑުކަމަށް ފެނެ އެވެ.

އެމަޅީގައި އެތައް އަންހެނުންނާއި ޒުވާނުންޖެހިފައި

ޝީޝާ ބުއިން މިހާ ބޮޑު ފެޝަނަކަށްވެފައިވާ އިރު އޭގެ އަޅުންނަށް ވެފައި މިވަނީ ޒުވާން ފިރިހެން ކުދިންނާއި އަންހެން ކުދިންނެވެ. ރެސްޓޯރެންޓްގެ މޭޒުތަކަށް ނަޒަރު ހިންގާލުމުން ޝީޝާގެ މަޅީގައި ޖެހިފައިވާ އަންހެންކުދިން ގިނަ ފާގަގަ ކުރެވެ އެވެ. އެއީ ކިތަންމެ ބޮޑު ފެޝަނެއް ނުވަތަ "ކޫލް" ކަމެއްގެ ގޮތުގައި ދެކުނަސް އޭގެ ގެއްލުން އިންތިހާއަށް ބޮޑެވެ. ހިތާމައަކީ އެހެރަ ރީތި ޒުވާން އަންހެން ކުދިން ދުންފަތުގެ އަޅުންނަށް ވުމެވެ. ނޭނގި ހުއްޓާ އެމީހުންގެ މުސްތަގުބަލް އެ ވައްޓާލެވެނީ ބޮޑު އަނދިރި ވަޅުގަނޑަކަށެވެ. އެކުރާ އަމަލުގެ ސަބަބުން މުސްތަގުބަލުގައި ދިމާވާން ހުރި ކަންކަން ކިތަންމެހާ ވެސް ބިރުވެރި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އައިޝަތު އަރޫނާ ވިދާޅުވީ ދުންފަތުގެ އިސްތިއުމާލް ކުރާ އަންހެނުންނަށް އެކަން ކުރާ ފިރިހެނުންނަށް ވުރެ މާ ބޮޑު ގެއްލުންތަކެއް ކުރިމަތިވާ ކަމަށެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލް ކުރާ އަންހެނުންނަށް އެކި ބާވަތްތަކުގެ ކެންސަރާއި ދަރިމައިވުމުގެ މައްސަލަތައް ޖެހުން "ވަރަށް، ވަރަށް، ވަރަށް ގާތް" ކަމަށް އޭނާ ވިދާޅުވި އެވެ.

"އަންހެނުންގެ ދިފާއީ ބާރު ވަރަށް ދަށްކޮލާ ދުންފަތުގެ އިސްތިއުމާލް ކުރުމުގެ ސަބަބުން. ހާއްސަ ގޮތެއްގައި ދުންފަތުގެ އިސްތިއުމާލް ކުރާ ނަމަ ނުވަތަ ދުންފަތުގެ ދުމުގެ އަސަރު އެއްވެސް ވަރަކަށް ކޮށްފައިވާ ނަމަ އެ އަންހެނަކު ބައިގެން ދިއުމަކީ ވަރަށް ގާތްކަމެއް. އަދި އެ އަންހެނަކު ބަލިވެއިނުމަށް ވެސް ބޮޑެތި މައްސަލަތަކެއް ކުރިމަތިވާނެ. އަދި އެފަދަ މީހުންގެ ރިޕްރަޑެކްޓިވް ސިސްޓަމް ކުޑަވާނެ. ދުންފަތުގެ އިސްތިއުމާލް ކުރުމުގެ ސަބަބުން ދަރިން ނުލިބުން ވެސް އެކަށީގެންވޭ،" ޑރ. އަރޫނާ ވިދާޅުވި އެވެ.

ޑރ. އަރޫނާ ވިދާޅުވީ ދުންފަތުގެ އިސްތިއުމާލު ކުރާ އަންހެނުންނަށް ހުރިހާ އުމުރެއްގައި ވެސް އޭގެ ގެއްލުންތައް ކުރިމަތިވާނެ ކަމަށެވެ. އެގޮތުން އެ އަންހެނެއްގެ ހަންގަނޑު އަނދައި ހަމުގެ އޮމާންކަން ގެއްލުމާއި ރަހިމުގެ ކެންސަރު ފަދަ ބަލިތައް ޖެހުން ވަރަށް ގާތް ކަމަށް އަރޫނާ ވިދާޅުވި އެވެ. ދުންފަތުގެ އިސްތިއުމާލު ކުރާ އެތައް އަންހެނަކު އެފަދަ ބަލިތަކުގެ ޝިކާރައަކަށް ވެފައިވާ ކަމަށް އަރޫނާ ވިދާޅުވި އެވެ.

އަންހެނުންގެ އިތުރުން އެތައް ޒުވާން ފިރިހެން ކުދިންނެއް ވެސް އެމަޅީގައި ޖެހިފައިވާއިރު މިއީ އެ ފަރާތްތަކަށް ވެސް ނުހަނު ގިނަ ގެއްލުންތަކެއް ކުރިމަތިވާ ކަމެކެވެ. ޒުވާން އުމުރުގައި ކެންސަރާއި އެފަދަ ނުރައްކާތެރި އެތައް ބައްޔަކަށް މީހާ މަގުފަހިކޮށްދޭ ވަސީލަތެކެވެ. ހަމައެހެންމެ މީހާގެ ބުންވަރު ދަށްވެ މީހާގެ ޒުވާންކަން ގެއްލިގެންދާ ކަންކަން ދުންފަތުގެ ސަބަބުން ކުރިމަތިވެ އެވެ.

އިސްތިހާރު ކުރަމުން ދަނީ ގެއްލުން ކުޑައެއްޗެއްގެ ގޮތުގައި

ސޯޝަލް މީޑިއާތައް މެދުވެރިކޮށާއި އެހެނިހެން ގޮތްގޮތުން ވެސް ޝީޝާ އިސްތިހާރު ކުރުމަކީ މިހާރު އާންމު ކަމެކެވެ. ބައެއް ރެސްޓޯރެންޓްތަކުން އެރެސްޓޯރެންޓެއްގެ ނަން އިސްތިހާރުކުރާ އިރު ސީދާ ޝީޝާ ބޭނުން ކުރެ އެވެ. އަދި ބައެއް ކުޅިވަރުތަކާއި ޒުވާނުންނާއި ގުޅުން ހުރި އެކިއެކި ކަންކަމުގެ ތެރެއިން ވެސް ޝީޝާ އިސްތިހާރު ކުރުމަކީ އާންމު ކަމެކެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ޑެޕިއުޓީ ޑައިރެކްޓާ ހަސަން މުހައްމަދު ވިދާޅުވި ގޮތުގައި ޝީޝާއަކީ ގެއްލުން ކުޑަ އެއްޗެއްގެ ގޮތަށް ޕުރޮމޯޓް ކުރަމުންދާކަން ފާގަކަ ކުރެވިފައިވާ ކަމަށާއި ޝީޝާ އިސްތިހާރު ކުރުމަކީ މަނާކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކިއެކި ވައިބާ ގްރޫޕުތައް، ފޭސްބުކް ގުރޫޕްތައް ހަދައިގެން ޝީޝާ ހިދުމަތްދޭ ތަންތަން އިސްތިހާރު ކުރުމަކީ ގާނޫނީ ގޮތުން މަނާކަމެއް." ހަސަން ވިދާޅުވި އެވެ.

ދުންފަތް އިސްތިހާރު ކުރުމަކީ މަނާކަމަކަށްވާ އިރު އެކިގޮތްގޮތަށް ޝީޝާ ޕުރޮމޯޓް ކުރާކަން ފާހަގަ ކުރެވޭ ކަމަށާއި އެފަދަ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަފައިވާނެ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.

މިވަބާއިން ސަލާމަތް ވާންޖެހޭ

ނޭންގި ތިބެ އެތައް ކުދިންއެއް އެވަނީ އެމަޅީގައި ޖެހިފަ އެވެ. ކޫލް ވާންވެގެން ބޮޑު ގޯހެއްގެ ތެރެއަށް އެވަނީ ވަދެވިފަ އެވެ. ތިމާމެން މިކަން ކުރަމުން މިދަނީ މިއީ ގެއްލުން ކުޑަ ކަމެއްގެ ގޮތުގައި ދެކިގެންނެވެ. ނަމަވެސް ކަން އޮތީ ދިމާއިދިކޮޅަށެވެ. ޝީޝާއަކީ އެތައް ނުރައްކާތެރި ކަންތައްތަކެއް ތިމާއަށް ކުރިމަތި ކުރުވަފާނެ ކަމެކެވެ. ޒުވާން ޖިންސުއްލަތީފުންނެވެ. ޒުވާން ފިރިހެން ކުދިންނެވެ. ތިވަބާއިން އަވަހަށް ސަލާމަށް ވާށެވެ. ތިއީ ކޫލްކަމެއް ނޫނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް