ކައުސާހިބާ صلّى اللّـه عليه وسلّم ގެ ކާވެނިފުޅުތަކާމެދު ކުރެވޭ އިޢުތިރާޟުގެ ޖަވާބުގައި (ހަވަނަ ބައި)

(16 ނޮވެމްބަރުގެ އަދަދާ ގުޅޭ)

ހުޅަނގުގެ ސީރަތު ލިޔުންތެރިޔެއް ކަމުގައިވާ ވޮޝިންގޓަން އާރވިންގ (Washington Irving) މި ކާވެނިފުޅުގެ ފައިދާއާއި، ނަތީޖާއާ ބެހޭގޮތުން ލިޔުއްވައިފައިވެއެވެ.

"ޝައްކެއްނެތެވެ. މި ކާވެނިފުޅަކީ މަޞްލަޙަތުގެ މައްޗަށް ބިނާކުރައްވައި ކުރެއްވި ކާވެނިފުޅެކެވެ. ميمونة އަކީ ހުވަފަތްވެވަޑައިގެންފައި އިންނެވި، އުމުރުފުޅުން ފަންސާސް އެއްއަހަރުފުޅުވެފައިވާ (އިސްލާމީ މުއައްރިޚުން ވިދާޅުވާގޮތުގައި، އުމުރުފުޅުން ސައްބީސް ނުވަތަ ހަތާވީސް އަހަރުފުޅުވެފައިވާ) ބޭކަނބަލެކެވެ. ނަމަވެސް މި ގުޅުމުގެ ސަބަބުން، އިސްލާމްދީނުގެ ނަބިއްޔާ (صلّى اللّـه عليه وسلّم) އަށް ވަނީ ބާރުހުރި ދެ ފިދާއީން ލިބިވަޑައިގެންފައެވެ. خالد بن الوليد އާއި އެކަލޭގެފާނުގެ ރަޙްމަތްތެރިޔާ عمرو بن العاص އެވެ."

(Irving, Washington/The Life of Mahomet,

London, 1949, P-160, 161)

  1. ކައުސާހިބާ صلّى اللّـه عليه وسلّم އެއް އަނބިކަނބަލުންނަށްވުރެ ގިނަ އަނބިކަނބަލުންނާ އެއްފަހަރާ ކާވެނިބައްލަވައިގެންނެވުމުގެ ޙިކުމަތުގެ ތެރޭގައި، ޢަރަބީންގެ މެދުގައި މޫލައިފައި އޮތް ޢާއިލީ، ސަރަޙައްދީ، ނަސްލީ، ޤަބީލީ ޢަޞަބިއްޔަތު މުލުން ލުއްސަވައިލެއްވުންވެސް ހިމެނެއެވެ. މިދެންނެވި ޢަޞަބިއްޔަތަކީ، އެހައިތަނަށް ޢަރަބީން ފަޚުރެއްކަމުގައި ބަލަމުންއައި ކަންކަމެވެ. ކައުސާހިބާ ޢަރަބީންގެ އެކިހިސާބުގެ އެކި ޤަބީލާތަކުގެ ބޭކަނބަލުންނާ ކާވެނި ބައްލަވައިގަންނަވައި، އުންމަތަށް އެއްބައިވަންތަކަމާއި ހަމަހަމަކަމުގެ ނަމޫނާ ދެއްކެވިއެވެ. ޤަބީލީ ޝަރަފާއި ޤައުމިއްޔަތުގެ ދެބަސްވުންތަކާއި، ކުލައާއި ނަސްލުގެ ބުދުތައް ތަޅުއްވައި ބިމާހަމަކުރެއްވިއެވެ. ޖާހިލިއްޔަތުގެ ކިބުރުވެރިކަމާއި، ބޮޑާކަމާއި، ފަޚުރުވެރިކަން ޗިސްޗިސްކޮށްލެއްވިއެވެ.

ޑޮކްޓަރ محمّد حميداللّـه ލިޔުއްވައިފައިވެއެވެ.

"ޢަރަބީންގެ މެދުގައި ޢާއްމުކޮށް އޮތީ ޤަބީލާތަކުގެ ނިޒާމެކެވެ. އެހެންކަމުން، އެކުވެރިކަމާއި އެއް ޤަބީލާއެއް އަނެއް ޤަބީލާއަކާ ރަޙްމަތްތެރިވުމުގައި، ގާތްތިމާގެ ކަމަށްވުރެ ބާރުގަދަ އެހެންކަމެއް ނޯވެއެވެ. އެ ގުޅުމަކީ ކިތަންމެ ދުރު ތިމާގެކަމުގެ ގުޅުމަކަށްވިޔަސް، އެއީ އެންމެ ހަރުދަނާ އަދި އެންމެ މުސްތަޤިއްލު ގުޅުމެވެ." (ޑޮކްޓަރ محمّد حميداللّـه، ރަސޫލެ އަކްރަމް صلّى اللّـه عليه وسلّم ކީ ސިޔާސީ ޒިންދަގީ: 316)

ކައުސާހިބާ صلّى اللّـه عليه وسلّم ގެ އަނބިއަނބިކަނބަލުންނަކީ ޖޯގްރަފީގޮތުން ބަލާއިރު، ޢަރަބިކަރައިގެ އެކި ސަރަޙައްދުތަކާއި އެކި ޤަބީލާތައް ތަމްސީލުކުރައްވާ ބޭކަނބަލުންނެވެ. ނަސަބުން އަރާތިއްބެވި މަތީ ޢާއިލާތަކުގެ ބޭބޭކަނބަލުންގެ ޙައިޘިއްޔަތުން މުޖްތަމަޢުގައި ނުފޫޒު ހުރި ބޭބޭކަނބަލުންނެވެ.

أمّهات المؤمنين ގެ ތެރެއިން السّيّدة خديجة رضى اللّـه عنها އަކީ އަސަދުވަންހައިގެ ބޭކަނބަލެކެވެ. السّيّدة سودة بنت زمعة رضى اللّـه عنها އަކީ ޢާމިރު ބިން ލުއައްޔު ވަންހައިގެ ބޭކަނބަލެކެވެ. السّيّدة عائشة رضى اللّـه عنها އަކީ ތައިމުވަންހައިގެ ބޭކަނބަލެކެވެ. السّيّدة حفصة رضى اللّـه عنها އަކީ ޢަދިއްޔު ވަންހައިގެ ބޭކަނބަލެކެވެ. السّيّدة أمّ سلمة رضى اللّـه عنها އަކީ މަޚްޒޫމުވަންހައިގެ ބޭކަނބަލެކެވެ. السّيّدة زينب بنت حجش رضى اللّـه عنها އަކީ އަސަދު ބިން ޚުޒައިމާ ވަންހައިގެ ބޭކަނބަލެކެވެ. السّيّدة أمّ حبيبة رضى اللّـه عنها އަކީ އުމައްޔަތު ވަންހައިގެ ބޭކަނބަލެކެވެ. މިއީ ހައްތާވެސް މައްކާގެ ޤަދަރުހުރި ޤަބީލާތަކެވެ.

السّيّدة زينب بنت خزيمـة رضى اللّـه عنها އާއި السّيّدة ميمونة بنت الحارث رضى اللّـه عنها އަކީ ޔަމަނުކަރައިގެ ބާރުގަދަ ޤަބީލާއެއް ކަމުގައިވާ ބަނޫ ޞަޢުޞަޢާގެ ދެބޭކަނބަލުންނެވެ. السّيّدة جويرية رضى اللّـه عنها އަކީ ޢަރަބިކަރައިގެ މެދުތެރޭގައި ދިރިއުޅުނު ޤަބީލާއެއްކަމުގައިވާ ބަނުލްމުޞްޠަލަޤުގެ ރައީސުގެ ދަރިކަނބަލުންނެވެ السّيّدة صفيّة رضى اللّـه عنها އަކީ ޢަރަބިކަރައިގެ އުތުރުގެ އިސްރާއީލީ ޤަބީލާއެއްކަމުގައިވާ ނަޟީރުވަންހައިގެ ބޭކަނބަލެކެވެ.

މިދެންނެވި ޙަޤީޤަތްތަކުން އެނގެނީ، ކައުސާހިބާ صلّى اللّـه عليه وسلّم އެ ކާވެނިފުޅުތައް ކުރެއްވީ، ޤަބީލީ ޢަޞަބިއްޔަތު ނައްތައިލައްވައި، އެންމެހައި ޢަރަބީންނާއި މުސްލިމުން އެކުވެރިކަމާއި އެއްބައިވަންތަކަމުގެ އެއްގިލަފައްޗަކަށް އަމުނައިލައްވަންކަމެވެ. ޢަރަބިކަރައިގައި އިސްލާމްދީން ތަބްލީޣުކުރައްވަން މަގުފަހިކުރައްވަންކަމެވެ. ކައުސާހިބާގެ އެ މަސައްކަތްޕުޅު ނުހަނު ރަނގަޅަށް ކަމުފޮޅާގޮތްވިއެވެ.

  1. ކައުސާހިބާ صلّى اللّـه عليه وسلّم ގިނަ ކާވެނިފުޅުތަކެއް ކުރެއްވުމުގެ އަނެއް ސަބަބަކީ، ޣައިރު އިސްލާމީ ރަސްމުތަކާއި، އާދަކާދަތައް ނައްތައިލެއްވުމެވެ. އެގޮތުން ކައުސާހިބާ صلّى اللّـه عليه وسلّم އެކަލޭގެފާނު ދަރިކަލަކަށް ހައްދަވައިފައިވާ زيد بن حارثـة رضى اللّـه عنه ވަރިކުރެއްވި السّيّدة زينب بنت جحش رضى اللّـه عنها އާ ކާވެނިބައްލަވައިގަންނަވައި، ޖާހިލީ އާދައެއް ޢަމަލީގޮތުން ނައްތައިލެއްވިއެވެ.

ދުނިޔޭގެ ވަރަށްގިނަ ޤައުމުތަކުގައި ދުރުހިލޭ މީހުން ދަރިންކަމުގައި ހެދުމުގެ އާދަ ޢާއްމުވެފައި އޮތެވެ. ޢަރަބީންގެ ތެރޭގައި އެ މުސްކުޅި އާދަ އޮތީ އިޖްތިމާޢީ އަދި ދީނީ ސަނަދެއް ލިބިފައި އޮތްކަމެއްގެ ގޮތުގައެވެ. އެހެންކަމުން، އަރަހުށި މާތް اللّـه މިންވަރު ކުރެއްވީ މިބާވަތުގެ ޖާހިލީ އެތައް ރަސްމުތަކެކޭ އެއްގޮތަށް، ދުރުހިލޭ މީހުން ޙަޤީޤީ ދަރީންކަމުގައި ހަދައި، ޝަރުޢީގޮތުން އުފަން ދަރިންނަށް ލިބިގެންވާ ލޭގެ ގުޅުމުގެ ޝަރުޢީ އަދި ޤާނޫނީ ޙައްޤު، ދުރުހިލޭ މީހުންނަށް ދިނުމުގެ އާދަވެސް އުވާލެއްވުމަށެވެ. އަނބީންނަށް ޡިހާރު ކުރުމުގެ އާދަވެސް އުވާލެއްވި ފަދައިންނެވެ. އެހެންމީހުންގެ ދަރީން ތިމާގެ އުފަން ދަރީން ކަމުގައި ހެދުމުގެ ޖާހިލީ ރަސްމު އުވާލެއްވުމަށްޓަކައި، އަރަހުށި މާތް اللّـه ޚިޔާރު ކުރެއްވީ ޚުދު އިސްލާމްދީނުގެ ނަބިއްޔާ صلّى اللّـه عليه وسلّم ދަރިކަލަކަށް ހައްދަވައިފައިވާ زيد بن حارثـة رضى اللّـه عنه ގެ ތަބްނިއްޔަތު އުވާލެއްވުމެވެ.

ޡިހާރުކުރުމާއި މުތަބަންނީ ކުރުމުގެ އާދަ އުވާލެއްވުމުގެ ގޮތުން، ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވެއެވެ.

"އެއްވެސް މީހަކަށް، އެމީހެއްގެ އެތެރެހަށީގައި، اللّـه ދެހިތެއް ނުލައްވައެވެ. އަދި ތިޔަބައިމީހުންގެ އަނބީންގެ ތެރެއިން ތިޔަބައިމީހުން ޡިހާރުކުރާ (އެބަހީ: މަޔަކާ ހަމަކުރާ) އަނބީންނަކީ، ތިޔަބައިމީހުންގެ މައިންކަމުގައިވެސް ނުލައްވަތެވެ. އަދި ތިޔަބައިމީހުންގެ ދަރީންކަމުގައި ހަދައިގެންއުޅޭ ދަރީންނަކީ، ތިޔަބައިމީހުންގެ ދަރީން ކަމުގައިވެސް ނުލައްވަތެވެ. އެއީ ތިޔަބައިމީހުންގެ އަނގަތަކުން ބުނާ ބުނުމެކެވެ. އަދި اللّـه ޙައްޤު ބަސްފުޅު ވަޙީކުރައްވަތެވެ. އަދި އެކަލާނގެ ތެދުމަގަށް މަގު ދައްކަވަތެވެ. އެ ދަރީން އެއުރެންގެ ބަފައިންނަށް ނިސްބަތްކުރާށެވެ! އެގޮތް اللّـه ގެ ޙަޟުރަތުގައި ޢަދުލުވެރިކަން ބޮޑެވެ. އެ ދަރީންގެ ބަފައިން ތިޔަބައިމީހުންނަށް ނޭނގޭނަމަ، ފަހެ، އެއީ ދީނުގެ ފަރާތުން ތިޔަބައިމީހުންގެ އަޚުންނެވެ. އަދި ތިޔަބައިމީހުންގެ އެހީތެރީންނެވެ. އަދި ތިޔަބައިމީހުންނަށް ނޭނގިގެން (ކުށުން) ކުރެވުނުކަމެއްގެ ފާފައެއް ތިޔަބައިމީހުންގެ މައްޗަކަށް ނެތެވެ. އެހެނެއްކަމަކު، ފާފަވެރިކަން އޮންނާނީ، ތިޔަބައިމީހުންގެ ހިތްތައް ޤަޞްދުކުޅަ ކަމަކާ މެދުގައެވެ." (الأحزاب: 4، 5)

މި އާޔަތުގެ ޞަރީޙު އަމުރުފުޅާ ވިދިގެން، ޢަރަބީންގެ މެދުން އެކަން ފޮހެލެއްވުމަށްޓަކައި އިސްލާމްދީނުގެ ނަބިއްޔާ صلّى اللّـه عليه وسلّم އާ އެކަލޭގެފާނު ދަރިކަލަކަށް ހައްދަވައިފައިވާ زيد بن حارثـة رضى اللّـه عنه ވަރިކުރެއްވި السّيّدة زينب رضى اللّـه عنها އާ ސީދާ ހަތް އުޑުގެ މަތީން ކާވެނިކޮށްދެއްވިއެވެ.

ކައުސާހިބާ صلّى اللّـه عليه وسلّم އާއި، أمّ المؤمنين السّيّدة زينب بنت جحش رضى اللّـه عنها ގެ ކާވެނިފުޅު ހުޅަނގުން ވަނީ ކައުސާހިބާ صلّى اللّـه عليه وسلّم ގެ ރީތި ނަންފުޅު ހުތުރުކުރުމުގެ ޒަރީޢާއަކަށް ހަދައިފައެވެ. ޚާއްޞަކޮށް އޮރިއެންޓަލިސްޓުން ވަނީ އެ ޙާދިޘާއަށް ހަބަރާއި، ލޮނާއި، މިރުސް އަޅައި އެބައިމީހުން ބޭނުން ރަހައެއް ލައްވައިފައެވެ. އިސްލާމްދީނުގެ ނަބިއްޔާ صلّى اللّـه عليه وسلّم ގެ ޢިއްފަތްތެރިކަމާއި، އިޞްމަތްތެރިކަމުގެ ދާވަނިކޮޅުގައި ލައްޖެއްސުމަށް އެ ޙާދިޘާގެ ބޭނުންކޮށްފައެވެ.

ހ. މަދީނާގެ މުނާފިޤުންނާއި ޔަހޫދީން ފަތުރައިފައިވާ ދޮގު ވާހަކަތަކުން ވަނދުހޮވައިގެން، ހުޅަނގުގެ ހިތާއި ނަފްސު ކަޅުވެފައިވާ އޮރިއެންޓަލިސްޓުން ކިޔާ ފުލޯކު ވާހަކައިގައިވާގޮތުން، "محمّد ގެފާނު (صلّى اللّـه عليه وسلّم) އެކަލޭގެފާނު މިނިވަންކުރެއްވި زيد بن حارثـة ގެ ގެއަށް އޭނާ ގޭގައި ނެތިސް ވެދެވަޑައިގެންނެވިއެވެ. زيد ގެ އަނބިކަނބަލުން زينب بنت جحش ފެނިވަޑައިގެންފައި ވިދާޅުވިއެވެ. سبحان اللّـه އެވެ! ހާދަ ރީތި އަންހެނެކެވެ. އެކަމަނާ ފެނިވަޑައިގަތުމުން محمّد ގެފާނު އެކަމަނާދެކެ މޮޔަފުޅުވެއްޖެއެވެ. زيد އަށް އެކަން އެނގިވަޑައިގަތުމުން، އޭނާ އެކަމަނާ ވަރިކޮށްލެއްވިއެވެ. محمّد ގެފާނު އެކަމަނާއާ ކާވެނިބައްލަވައިގެންނެވިއެވެ." (نعوذ بااللّـه)

މިވާހަކަޔަކީ ކަނޑައެޅިގެންހުރި ދޮގު ވާހަކައެކެވެ. މިވާހަކައިގެ އެއްވެސް ހެތްކެއް، އަދި ޤަރީނާއެއްވެސް ނެތެވެ. މުފައްސިރުންގެ ޖުމްހޫރުން ވަނީ މިއީ ދޮގުވާހަކައެއްކަމަށް އިއްތިފާޤު ވެވަޑައިގެންފައެވެ. މިވާހަކައިން އެނގެނީ، އޮރިއެންޓަލިސްޓުންގެ ނުބައި ނުލަފާކަމެވެ. ދޮގުވެރިކަމެވެ. މިވާހަކައިގެ ހެތްކެއް އަދި ސަނަދެއްވެސް ނެތުމުގެ އިތުރަށް، މިވާހަކައަކީ ސަލާމަތް ބުއްދިއާވެސް ޚިލާފު ވާހަކައެކެވެ. السّيّدة زينب އަކީ އިތުރު ސާހިބާއަށް އެއްދުވަހަކު އިއްތިފާޤީ ޙާދިޘާއަކުން އަލަށް ފެނިވަޑައިގެންނެވި ބޭކަނބަލެއް ނޫނެވެ. އެކަމަނާއަކީ ކައުސާހިބާ صلّى اللّـه عليه وسلّم ގެ ބޮޑުދައިތާފުޅު أميمة بنت عبد المطّلب ގެ ދަރިކަނބަލެކެވެ. އެކަމަނާ ހޭމައާ ކުޅުއްވައި އުޅުއްވީވެސް، ކައުސާހިބާ صلّى اللّـه عليه وسلّم ގެ ކުރިފުޅުމަތީގައެވެ. ފަރުދާގެ އާޔަތް ބާވައިލެއްވީ، އިތުރު ސާހިބާއާއި السّيّدة زينب ގެ ކާވެނިފުޅުގެ ވަލީމާގެ ތެރޭގައެވެ. އެހެންކަމުން، السّيّدة زينب رضى اللّـه عنها ބޮޑުފުޅުވެ، ޒުވާންވެވަޑައިގަތީ ކައުސާހިބާގެ ލޯފުޅުމަތީގައެވެ. އެކަމަނާ زيد بن حارثـة رضى اللّـه عنه އާ ކާވެނިބެއްލެވީވެސް ކައުސާހިބާ صلّى اللّـه عليه وسلّم އެކަމަށް ބާރުއަޅުއްވައިގެންނެވެ. ކަންމިހެން ހުރިއިރު، އިތުރު ސާހިބާ صلّى اللّـه عليه وسلّم އެކަމަނާގެ ރީތިފުޅުކަމާހުރެ އެކަމަނާއާ ހިތްޕުޅާ ހަމަކުރައްވައިގެން ކާވެނިބައްލަވައިގެންނެވިނަމަ، ކާވެނިބައްލަވައިގަންނަވާނީ އެކަމަނާގެ އުމުރުފުޅުން 36 އަހަރުފުޅު ފުރި، ޢަރަބިކަރައިގެ ހޫނު ވެށީގައި އަންހެނުން ރީތިކަން މެދުންލަނބައިލާ އުމުރުފުޅަށް އައުމަކުން ނޫނެވެ. އިތުރު ސާހިބާ އަމިއްލަފުޅަށް އެކަމަނާއަށް ބާރުއަޅުއްވައިގެން މީހަކާ ކާވެނިކޮށްދެއްވައި، އެކަމަނާގެ ފިރިކަލުން އެކަމަނާ ވަރިކުރެއްވުމަށްފަހަކު ނޫނެވެ.

ށ. އޮރިއެންޓަލިސްޓުންގެ ދެވަނަ އިޢުތިރާޟަކީ، އިސްލާމްދީނުގެ ނަބިއްޔާ صلّى اللّـه عليه وسلّم އެކަލޭގެފާނުގެ ދަރިކަލަކަށް ހައްދަވައިފައިވާ زيد ވަރިކުރެއްވި ބޭކަނބަލަކާ ކާވެނިބެއްލެވުމެވެ. އިސްލާމްދީނުގެ ޢަދުއްވުން އެ ކާވެނިފުޅާ ވިދިގެން އަޑުއަރުވަމުން ގެންދިޔަ ގޮތުގައި، އެ ކާވެނިފުޅަކީ "ޅީދަރިކަނބަލަކާ" ކާވެނި ބެއްލެވުމެވެ.

މި ޙާދިޘާގެ ޙަޤީޤަތަށް ނަޒަރު ހިންގާއިރު، މި ޙާދިޘާ ހިނގައިފައިވަނީ މިދަންނަވާ ގޮތަށެވެ. زيد بن حارثة رضى اللّـه عنــه އަކީ، އެކަލޭގެފާނުގެ ބައްޕާފުޅުގެ ފަރާތްޕުޅުން ޤުޟާއަތުވަންހައިގެ ބޭކަލެކެވެ. އެކަލޭގެފާނުގެ މައިކަނބަލުން سعدة بنت ثعلبة އަކީ ބަނީ މަޢުނުވަންހައިގެ ބޭކަނބަލެކެވެ. މަޢުނުވަންހައަކީ ޠައްޔުވަންހައިގެ ގޮތްޕެކެވެ. އެހެންކަމުން އެކަލޭގެފާނަކީ ދެފަރާތްޕުޅުންވެސް ޢަރަބީންގެ ތެރެއިން ނަސަބުން އަރައިހުންނެވި ބޭކަލެކެވެ. زيد ގެފާނުގެ ތުއްޕުޅުއިރު މައިކަނބަލުންގެ އަރިހުގައި އެކަމަނާގެ ޤަބީލާގެ މީހުން ދިރިއުޅޭ ރަށަށް ދަތުރުފުޅެއް ކުރެއްވިއެވެ. އެދަތުރުފުޅުގައި މަގުފޭރޭ މީހުން އެކަލޭގެފާނު ވަގަށްނަގައިގެން ޢުކާޡުގެ ބާރަށް ގެންގޮސް ވިއްކައިލިއެވެ. ޢުކާޡުން އެކަލޭގެފާނު ބައްލަވައިގެންނެވީ حكيم بن حزام رضى اللّـه عنــه އެވެ. حكيم އެކަލޭގެފާނުގެ ބޮޑުދައިތާފުޅު أمّ المؤمنين السّيّدة خديجة رضى اللّـه عنــها އަށް އެކަލޭގެފާނު ވެދުމަށް އެރުއްވިއެވެ. އޭރު زيد ގެފާނުގެ އުމުރުފުޅަކީ ގާތްގަނޑަކަށް ނުވަވަރަކަށް އަހަރުފުޅެވެ. ކައުސާހިބާ صلّى اللّـه عليه وسلّم، أمّ المؤمنين السّيّدة خديجة رضى اللّـه عنــها އާ ކާވެނިބައްލަވައިގެންނެވުމަށްފަހު، އެކަމަނާ زيد بن حارثة ކައުސާހިބާ صلّى اللّـه عليه وسلّم އަށް ހިބަކޮށްދެއްވިއެވެ.

އެއްފަހަރަކު މައްކާއަށް ޙައްޖަށް އައި ކުލަބުވަންހައިގެ ބަޔަކަށް زيد بن حارثة ފެނިފައި، އެބައިމީހުންނަށް އެކަލޭގެފާނު ފާހަގަކުރެވުނެވެ. އެމީހުން ރަށަށްގޮސް، زيد ގެފާނުގެ ބައްޕަ حارثة بن شرحبيل އަށް އެ ޚަބަރު ދިނެވެ. އޭނާ، އޭނާގެ އަޚު كعب بن شرحبيل އާއެކު زيد ގެފާނު ބަލައި މައްކާއަށް އައެވެ. އެދެބޭން އިތުރު ސާހިބާ صلّى اللّـه عليه وسلّم ގެ ފައިންޕުޅު ދެކެފައި، زيد މިނިވަންކޮށްދެއްވުންއެދި ދެންނެވިއެވެ. އިތުރު ސާހިބާ صلّى اللّـه عليه وسلّم، زيد ގެފާނަށް އިޚްތިޔާރު ދެއްވިއެވެ. ބައްޕާފުޅާއި ބޮޑުބޭބޭފުޅާއެކު މިނިވަންކަމާއެކު އަމިއްލަފުޅު ރަށަށް ވަޑައިގަތުމާއި، ކައުސާހިބާ صلّى اللّـه عليه وسلّم ގެ އަރިހުގައި ހުންނެވުމާ ދެގޮތުންކުރެ އެއްގޮތެއް ޚިޔާރު ކުރެއްވުމުގެ އިޚްތިޔާރެވެ. زيد ގެފާނު ޚިޔާރުކުރެއްވީ، ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި ސާހިބާގެ ޚިދުމަތުގައި ދެމިހުންނެވުމެވެ. ނަތީޖާއެއްގެ ގޮތުން، އިތުރު ސާހިބާ صلّى اللّـه عليه وسلّم، زيد ގެފާނު މިނިވަންކުރައްވައި، އެޒަމާނުގެ އާދަކާދައިގެމަތީން زيد ގެފާނު ދަރިކަލަކަށް ހެއްދެވިއެވެ. زيد بن حارثة، زيد بن محمّد ގެ ނަންފުޅުން މަޝްހޫރުވިއެވެ.

އިތުރު ސާހިބާ صلّى اللّـه عليه وسلّم މަދީނާއަށް ހިޖުރަކުރެއްވުމަށްފަހު، އިސްލާމީ އުންމަތް ތަހްޒީބު ކުރައްވައި، ޖާހިލިއްޔަތުގެ ބޮޑާކަމާއި، ނަސަބާއި ހަސަބާހުރެ ފަޚުރުވެރިވުމުގެ އާދަ އުވާލެއްވުމުގެ ފިޔަވަޅުތައް އެޅުއްވިއެވެ. އެންމެހައި އިންސާނުން އެއްމަންމައަކާއި އެއްބައްޕައެއްގެ ދަރީންކަމުގައި ހެއްދެވުމަށްޓަކައި، އިތުރު ސާހިބާގެ ބޮޑުދައިތާފުޅު أميمة بنت عبد المطّلب ގެ ދަރިކަނބަލުން زينب بنت جحش އާ ކާވެނިކޮށްދެއްވަން ޤަސްދު ކުރެއްވިއެވެ. زينب އަކީ އެކަމަނާގެ ބައްޕާފުޅުގެ ފަރާތްޕުޅުން މުޟަރުވަންހައިގެ ޢިއްޒަތްތެރި ގޮތްޕެއްކަމުގައިވާ އަސަދު ބިން ޚުޒައިމާ ވަންހައިގެ ބޭކަނބަލެކެވެ. މައިކަނބަލުންނަކީ ހާޝިމްވަންހައިގެ ބޭކަނބަލެކެވެ. އަނެއްކޮޅުން زيد ގެފާނަކީ މިނިވަންވެފައި ހުންނެވި އަޅެކެވެ. ޔަމަނީއެކެވެ. އެހެންކަމުން، އެޒަމާނުގެ އިޖްތިމާޢީ މިންގަނޑުން އެދެފަރާތުގެ ޙައިޘިއްޔަތު، އުޑާއި ބިމާހައި ފަރަގެވެ. ޖާހިލީ މިންގަނޑުން ބަލާއިރު، زينب އާއި، زيد އަކީ ކުފޫހަމަވާ ދެފަރާތްކަމަކަށް زينب އަކަށް ޤަބޫލެއް ނުކުރެއްވުނެވެ. زينب ގެ ޢާއިލާގެ ބޭފުޅުންވެސް އެކާވެނިފުޅަކާ ރުހިވަޑައެއް ނުގެންނެވިއެވެ. ކައުސާހިބާ صلّى اللّـه عليه وسلّم އެކަމަށް ވަރަށްބޮޑަށް ބާރުއެޅުއްވިއެވެ. އިރްޝާދު ދެއްވިއެވެ. ޙަދީޘުކުރެއްވިއެވެ. ކާވެނިކުރުމުގައި ބައިވެރިޔާގެ ދީންވެރިކަމާއި، އަޚްލާޤު ފިޔަވައި އެހެނިހެން މިންގަނޑުތަކަކުން ކުފޫހަމަކުރާނަމަ، މުޖްތަމަޢުގައި ޢާއްމުވާނީ ފަސާދައެވެ. ނަމަވެސް، السّيّدة زينب އާއި އެކަމަނާގެ ޢާއިލާއިން އެކާވެންޏަށް ރުހޭބަސްފުޅެއް ނުދެއްވިއެވެ.

(ނުނިމޭ)

comment ކޮމެންޓް