ކައުސާހިބާ صلّى اللّـه عليه وسلّم ގެ ކާވެނިފުޅުތަކާމެދު ކުރެވޭ އިޢުތިރާޟުގެ ޖަވާބުގައި (ފަސްވަނަ ބައި)

(12 ނޮވެމްބަރުގެ އަދަދާ ގުޅޭ)

މަޝްހޫރު ޣައިރުމުސްލިމް ސީރަތު ލިޔުންތެރިޔާ ޖޯން ބަގޮޓް (John Bagot) އޭނާ ލިޔުއްވި ފޮތެއްކަމުގައިވާ “The Life and Times of Muhammad” ގައި، މި ކާވެނިފުޅާމެދު ލިޔުއްވައިފައިވެއެވެ.

"މި ޙާދިޘާ އަހަރެންގެ ވިސްނުމަށް އަޖައިބުވެ ޙައިރާންވާފަދަ އަސަރެއް ކުރުވައެވެ. ބުނެވޭގޮތުގައި، محمّد (صلّى اللّـه عليه وسلّم) ތަފާތު ޢާއިލާތަކުގެ އަންހެނުންނާ ކާވެނި ބެއްލެވީ، އެ ޢާއިލާތަކާ ގުޅުން ބަދަހިކުރެއްވުމަށްޓަކައެވެ. އެކަލޭގެފާނު ޙަބަޝާގެ ޝަހެންޝާހަށް ލިޔުއްވައިގެން أمّ حبيبة މަދީނާއަށް ގެންނެވިއެވެ. އެކަމަނާއާ ކާވެނިބައްލަވައިގެންނެވިއެވެ. އެކަލޭގެފާނުގެ ބޭނުންފުޅަކީ، ހަމައެކަނި އަނބިކަނބަލަކު ހޯއްދެވުން ކަމުގައިވީނަމަ، އެކަމަނާއަށްވުރެ މާރީތި، މާޒުވާން އެތައް އަންހެންކުދީންނެއް، މާކައިރިން ޢަރަބިކަރައިން އެކަލޭގެފާނަށް ލިބިވަޑައިގެންފީހެވެ. ޢަރަބިކަރައިގައި ރީތި ޒުވާން އެތައްސަތޭކަ އަންހެންކުދީންނެއް ތިއްބެވެ. އެހުރިހާ ޕަރީންތަކެއްފަދަ ކުދީންތައް އެއްކިބާކުރައްވައިފައި ޚާއްޞަކޮށް أمّ حبيبة ޙަބަޝާއިން ގެންނަވައި ކާވެނިބައްލަވައިގެންނެވުމުން އެނގެނީ، އެކަލޭގެފާނުގެ ބޭނުންފުޅަކީ، އެކަމަނާ މެދުވެރިކުރައްވައި أبو سفيان އާ ގުޅުން ރަނގަޅު ކުރެއްވުންކަމެވެ."

ސަރ ވިލިޔަމް މުއިރުވެސް، މި ޙަޤީޤަތަށް އިޢުތިރާފުވެވަޑައިގެންފައިވެއެވެ.

"އިސްލާމްދީނުގެ ނަބިއްޔާ (صلّى اللّـه عليه وسلّم) އުންމީދުކުރެއްވީ، أمّ حبيبة ގެ ބައްޕާފުޅު أبو سفيان މިގޮތުން އެކަލޭގެފާނުގެ މަޤްޞަދާ ކައިރިޔަށް ގެންނެވޭނެކަމަށެވެ."

(Muir, Sir William/The Life of Mahomet, London,

  1. Vol iv, P-59)

ނ. أمّ المؤمنين السّيّدة جويرية رضى اللّـه عنها އަކީ ބަނުލްމުޞްޠަލިޤު ވަންހައިގެ ރައީސު حارث بن ضرار ގެ ދަރިކަނބަލުންނެވެ. އެކަމަނާގެ ފިރިކަލުން مسافح بن صفوان ވަނީ ޣަޒުވާ މުރައިސީއު (ޣަޒުވާ ބަނުލް މުޞްޠަލިޤު) ގައި ޤަތުލުވެފައެވެ. އެ ހަނގުރާމައިގައި ވަރަށްގިނަ މީހުން ހައްޔަރުވެ، އަޅުވެތިވިއެވެ. أمّ المؤمنين السّيّدة جويرية ވެސް އެ ހަނގުރާމައިގައި ހައްޔަރުވެވަޑައިގެންނެވިއެވެ. މުސްލިމުންނަށް އެ ހަނގުރާމައިން ވަރަށްގިނަ ޣަނީމާ މުދާ ލިބުނެވެ. އިސްލާމްދީނުގެ ނަބިއްޔާ صلّى اللّـه عليه وسلّم، السّيّدة جويرية މިނިވަންކުރައްވައި، އެކަމަނާއާ ކާވެނިބައްލަވައިގެންނެވިއެވެ. އެކަމަނާގެ ޤަބީލާ ބަނުލްމުޞްޠަލިޤަކީ ވަރަށް ބާރުގަދަ، ހަނގުރާމަވެރި ޤަބީލާއެކެވެ. މަގުފޭރުމާއި، ތަޅާފޮޅުމުގައި ވަރަށްބޮޑަށް ނަންހިނގައިފައިވާ ޤަބީލާއެކެވެ. ކުރީންވެސް ދެންނެވިފަދައިން، އެ ޤަބީލާގެ ރައީސަކީ السّيّدة جويرية ގެ ބައްޕައެވެ. މުސްލިމުންނާއި މުޝްރިކުންނާ ދެމެދު ހިނގާ ހަނގުރާމަތަކުގައި އެ ޤަބީލާއަކީ އަބަދުވެސް މުޝްރިކުންގެ ޙަލީފެކެވެ. ދުޝްމިނުންގެ ސަފުގައި ބައިވެރިވާ ބައެކެވެ. ކުރީންވެސް ދެންނެވި ފަދައިން، ހިޖްރައިން ފަސްވަނަ އަހަރުގެ ޝަޢުބާންމަހު އެ ޤަބީލާއިން މުސްލިމުންނާ ހަނގުރާމަޔަށް ތައްޔާރުވިއެވެ. މުސްލިމުން އެ ޤަބީލާއާ ހަނގުރާމަކޮށް ބަލިކޮށްލިއެވެ.

އިސްލާމްދީނުގެ ނަބިއްޔާ صلّى اللّـه عليه وسلّم، السّيّدة جويرية رضى اللّـه عنها އާ ކާވެނިބައްލަވައިގެންނެވުމުން، މަސްރަޙު މުޅީން ބަދަލުވިއެވެ. أمّ المؤمنين ގެ ބައްޕާފުޅު حارث بن ضرار އާއި ޤަބީލާގެ ގިނަމީހުން އިސްލާމްވެއްޖެއެވެ. މަގުފޭރުމާއި ތަޅާފޮޅުން ހުއްޓައިލައި ތައުބާވެއްޖެއެވެ. މުޞްޠަލިޤު ވަންހައާއި، އެ ޤަބީލާގެ ޙަލީފުންގެ ޙިމާޔަތް މުސްލިމުންނަށް ލިބޭންފަށައިފިއެވެ.

ޖޯން ބެގޮޓް (Johm Bagot) އެ ކާވެނިފުޅުގެ ސިޔާސީ ފައިދާއާއި، އެ ކާވެނިފުޅުގެ މޭވާއާ ބެހޭގޮތުން ލިޔުއްވައިފިއެވެ.

"މި ކާވެނިފުޅުން ވަނީ މުޞްޠަލިޤުވަންހައިގެ ހަނގުރާމައަށްވުރެ މާފުރިހަމަ ކާމިޔާބީއަކާއި މާގިނަ ޣަނީމާތަކެއް މުސްލިމުންނަށް ހޯދައިދީފައެވެ."

(John Bagot/The Life And Times of Muhammad,

New York, 1971, P-263)

ރ. أمّ المؤمنين السّيّدة ميمونـة رضى اللّـه عنها ވަނީ އިސްލާމްދީނުގެ ނަބިއްޔާ صلّى اللّـه عليه وسلّم އާ ކާވެނިބެއްލެވުމުގެ ކުރީން، ދެމީހަކާ ކާވެނި ބައްލަވައިގެންފައެވެ. އެކަމަނާ އެންމެފުރަތަމަ ކާވެނިބައްލަވައިގެންނެވީ، مسعود بن عمرو بن عمير الثّقفى އާއެވެ. އޭނާ އެކަމަނާ ވަރިކުރުމުން، ދެވަނަޔަށް ކާވެނި ބެއްލެވީ أبورهم بن عبدالعزىّ އާއެވެ. ކައުސާހިބާ صلّى اللّـه عليه وسلّم އާ އެކަމަނާއާ ކާވެނި ބެއްލެވީ أبورهم މަރުވެ އެކަމަނާ ހުވަފަތްވެވަޑައިގެންފައި އިންނަވަނިކޮށެވެ.

أمّ المؤمنين السّيّدة ميمونة بنت الحارث رضى اللّـه عنــها ގެ އެއްބަނޑުއެއްބައްޕާފުޅު އުޚުތެއްކަމުގައިވާ لبابة الكبرى (أمّ الفضل رضى اللّـه عنها) ގެ ފިރިކަލަކީ، ކައުސާހިބާ صلّى اللّـه عليه وسلّم ގެ ބޮޑުބޭބޭފުޅު عبّاس بن عبد المطّلب رضى اللّـه عنه އެވެ. އެކަމަނާގެ އެއްބަނޑު ދެ އުޚުތުން ކަމުގައިވާ أسماء بنت عميس އާއި، سلمى بنت عميس ވެސް ކާވެނިބައްލަވައިގެންނެވީ ހާޝިމްވަންހައިގެ ދެބޭކަލުންނާއެވެ. السّيّدة أسماء ކާވެނިބައްލަވައިގެން އިންނެވީ، جعفر بن أبى طالب رضى اللّـه عنه އާއެވެ. السّيّدة سلمى بنت عميس އަކީ حمزة بن عبد المطّلب رضى اللّـه عنه ޝަހީދުވެވަޑައިގެންނެވިއިރު ކާވެނިބައްލަވައިގެން އިންނެވި އަނބިކަނބަލުންނެވެ.

ކައުސާހިބާ صلّى اللّـه عليه وسلّم ޢުމްރަތުލްޤަޟާއަށް މައްކާއަށް ވަޑައިގަތުމުން، السّيّدة ميمونة ގެ ހިތްޕުޅުގެ އަޑީގެ އެދިވަޑައިގަތުމަކަށްވީ، އެކަމަނާއަށް أمّ المؤمنين ގެ ޝަރަފު ލިބިވަޑައިގަތުމެވެ.

ކައުސާހިބާ صلّى اللّـه عليه وسلّم މުސްލިމުންނާއިގެން ޢުމްރާވެވަޑައިގަތުމަށްޓަކައި މައްކާއަށް އަރައިވަޑައިގެންނެވިއިރު، މުސްލިމުންގެ އީމާންކަމުގެ ޖޯޝު ދުށުމަށްޓަކައި އެތައްބަޔަކު އެއްވިއެވެ. އޭގެތެރޭގައި، السّيّدة ميمونة ވެސް ހިމެނިވަޑައިގެންނެވިއެވެ. އެކަމަނާ އިންނެވީ، ޖަމަލަކަށް ސަވާރުވެވަޑައިގެންނެވެ. އެކަމަނާގެ ޝައުޤުވެރިކަމުގެ ލޯފުޅުން ހޯއްދަވަމުން ގެންދެވީ، ކައުސާހިބާ صلّى اللّـه عليه وسلّم ގެ އުޖާލާ މޫނުފުޅެވެ. އެކަމަނާއަށް އިތުރު ސާހިބާ صلّى اللّـه عليه وسلّم ފެނިވަޑައިގަތުމާއެކު، ބޭއިޚްތިޔާރުގައި ވިދާޅުވެވުނެވެ. "މި ޖަމަލާއި، މީގެމަތީގައިވާ ސަވާރު، މާތް اللّـه އަށާއި، އެކަލާނގެ ރަސޫލާއަށް ހިބަކުރަމެވެ." السّيّدة ميمونة بنت الحارث رضى اللّـه عنــها އެކަމަނާގެ ހިތްޕުޅުގެ އަޑީގެ އެދިވަޑައިގަތުމުގެ ވާހަކަ، އެކަމަނާގެ އުޚުތުންގެ އަރިހުގައި ވިދާޅުވިއެވެ. އެކަމަނާ ވިދާޅުވިއެވެ. އަޅުގަނޑުގެ ޤަބީލާ ކަމުގައިވާ ބަނޫހިލާލަށްވެސް ތައިމުވަންހައަށާއި، ޢަދީވަންހަޔަށާއި، އުމައްޔަތުވަންހަޔަށާއި، މަޚްޒޫމުވަންހަޔަށާއި، އަސަދުވަންހަޔަށާއި، މުޞްޠަލިޤުވަންހަޔަށް ލިބިފައިވާ ޝަރަފު ލިބުމަކީ އަޅުގަނޑުގެ އެދުމެކެވެ.

السّيّدة ميمونة رضى اللّـه عنــها ގެ މި އެދިވަޑައިގަތުމުގެ ވާހަކަ، އެކަމަނާގެ ދައިތާފުޅު لبابة الكبرى (أمّ الفضل رضى اللّـه عنها) އެކަމަނާގެ ފިރިކަލުން عبّاس بن عبد المطّلب ގެ އަރިހުގައި ވިދާޅުވިއެވެ. އެކަމަނާ ވިދާޅުވިއެވެ. ކަލޭގެފާނަކީ، ކައުސާހިބާ صلّى اللّـه عليه وسلّم ގެ ބޮޑުބޭބޭފުޅެވެ. ކައުސާހިބާ، ކަލޭގެފާނަށް އިޙްތިރާމު ކުރައްވައެވެ. އަޅުގަނޑުގެ ކޮއްކޮ برّة ގެ އެދިވަޑައިގަތުމަކީ، އިތުރު ސާހިބާ އެކަމަނާއާ ކާވެނިބައްލަވައިގެންނެވުމެވެ. ކަލޭގެފާނު މިކަމާ އުޅުއްވައިދެއްވުން އެދެމެވެ.

عبّاس رضى اللّـه عنه އެ މައުޟޫޢުގައި، ކައުސާހިބާ صلّى اللّـه عليه وسلّم އާ ވާހަކަފުޅު ދެއްކެވުމާ އެންމެ ފުރަތަމަ ޙަވާލުކުރެއްވީ، جعفر بن أبى طالب رضى اللّـه عنه އާއެވެ. ނަމަވެސް، އެ ޚިޔާލުފުޅު ބަދަލުކުރައްވައި، އިތުރު ސާހިބާގެ އަރިހަށް، އަމިއްލަފުޅަށް ވަޑައިގެން ވިދާޅުވިއެވެ.

އަޅުގަނޑު ކަލޭގެފާނުގެ އަރިހަށް މިއައީ ބޭނުމަކުއެވެ. އެބޭނުމަކީ، އަޅުގަނޑުގެ ފަހަރި برّة بنت الحارث (برّة ގެ ނަންފުޅު ميمونة އަށް ބަދަލުކުރެއްވީ، ކައުސާހިބާ صلّى اللّـه عليه وسلّم އެވެ.) ގެ ފިރިކަލުން ނިޔާވެ، برّة ވަނީ ހުވަފަތްވެފައެވެ. އެކަމަނާ ބެލެހެއްޓުމުގެ މަސްއޫލިއްޔަތު މިވަގުތު އެޅިފައިވަނީ އަޅުގަނޑުގެ ކޮނޑުގައެވެ. އަޅުގަނޑުގެ އެދުމަކީ، ކަލޭގެފާނު އެކަމަނާއާ ކާވެނިބައްލަވައިގެންނެވުމެވެ. އިތުރު ސާހިބާ صلّى اللّـه عليه وسلّم އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު عبّاس بن عبد المطّلب ގެ ހުށަހެޅުއްވުން ޤަބޫލުކުރައްވައި، އެކަމަނާއާ ކާވެނި ބައްލަވައިގެންނެވިއެވެ. ޢުމަރަތުލްޤަޟާގެ އިޙްރާމު ކެނޑުއްވުމަށްފަހުގައެވެ.

ނަޖުދުގެ ރައީސުގެ އަންހެނުންނަކީވެސް أمّ المؤمنين السّيّدة ميمونـة رضى اللّـه عنها ގެ އުޚުތެކެވެ. އެހެންކަމުން، ކައުސާހިބާ صلّى اللّـه عليه وسلّم، السّيّدة ميمونـة އާ ކާވެނިބައްލަވައިގެންނެވުމުން، މުސްލިމުންނާއި ނަޖުދާ ގުޅުން ރަނގަޅުވިއެވެ. ނަޖުދުގައި އިސްލާމްދީނުގެ ދަޢުވަތު ފަތުރަން މަގުފަހިވިއެވެ. އޭގެކުރީން ނަޖްދުގެ މީހުން ވަނީ އިސްލާމްދީނުގެ ނަބިއްޔާ صلّى اللّـه عليه وسلّم އެކަރަޔަށް ދީނަށް ގޮވައިލައްވަން ފޮނުއްވި ހަތްދިހަ ޞަޙާބީން ކެހިވެރިގޮތުގައި ޝަހީދުކޮށްފައެވެ. އެ ހަތްދިހަ ބޭކަލުންނަކީ ޤުއްރާއުންގެ ނަމުގައި މަޝްހޫރުވެވަޑައިގެންފައިވާ ބޭކަލުންނެވެ. ޞުއްފާ ޔުނިވަރސިޓީގެ އެސެންސު ކަމުގައި ހިމެނިވަޑައިގަންނަވާ ޖަމާޢަތުގެ ތެރެއިން ހިމެނިވަޑައިގަންނަވާ ބޭބޭކަލުންނެވެ. أنس رضى اللّـه عنه ރިވާކުރައްވާގޮތުގައި، އެބޭކަލުން ޝަހީދުވެވަޑައިގެންނެވި ޚަބަރު ލިބިވަޑައިގަތުމުން، އިސްލާމްދީނުގެ ނަބިއްޔާ صلّى اللّـه عليه وسلّم އެހެން އެއްވެސްކަމަކާ ހިތާމަ ނުކުރައްވާވަރަށް ހިތާމަ ކުރެއްވިއެވެ. އެ ހިތާމަފުޅުގައި، ތިރީސްރޭ ވަންދެން ކޮންމެ ރެޔަކު ފަތިސްނަމާދުގައި ޤުނޫތު ވިދާޅުވިއެވެ. މީގެއިތުރަށްވެސް މުސްލިމުންނަށް ވަނީ ނަޖްދުކަރައިގެ މީހުންގެ ފަރާތުން ފިތުނަވެރި އެތައް ޙާދިޘާތަކަކާ ކުރިމަތިވެފައެވެ. ނަމަވެސް، السّيّدة ميمونـة رضى اللّـه عنها ގެ ކާވެނިފުޅުގެ ސަބަބުން އިސްލާމްދީނުގެ ނަބިއްޔާ صلّى اللّـه عليه وسلّم އަށާއި، މުސްލިމުންނަށް ވަނީ ނަޖުދުކަރައިގެ މީހުންގެ ކިބައިން އަމާންކަން ލިބިވަޑައިގެންފައެވެ. ނަޖުދުކަރައިގައިވަނީ އިސްލާމްދީން ފެތުރޭން ފަށައިފައެވެ.

މި ކާވެނިފުޅުގެ ވަރަށްބޮޑު އަނެއް ފައިދާއަކީ، އަރާތިއްބެވި ޢަސްކަރީ ދެ ޖަނަރަލަކު އިސްލާމްވެވަޑައިގަތުމެވެ. ކައުސާހިބާ صلّى اللّـه عليه وسلّم ގެ ފިދާއީންގެ ތެރޭގައި ހިމެނިވަޑައިގަތުމެވެ. އެ ދެބޭކަލުންނަކީ سيف اللّـه خالد بن الوليد އާއި عمرو بن العاص (رضى اللّـه عنهم) އެވެ. خالد بن الوليد رضى اللّـه عنه އަކީ أمّ المؤمنين السّيّدة ميمونـة އަށް ބޮޑުދައިތަ ވިދާޅުވާ ބޭކަލެކެވެ. أمّ المؤمنين، خالد އާމެދު ބައްލަވަނީ، އުފަން ދަރިކަލެއްގެ ނަޒަރުންނެވެ. ހަމައެފަދައިން خالد ގެ އަރިހުގައިވެސް أمّ المؤمنين ގެ މަޤާމަކީ، މައިކަނބަލެއްގެ މަޤާމެވެ. خالد بن الوليد އާއި، عمرو بن العاص އާ ދެބޭކަލުންނަކީ އިސްލާމީ ފުތޫޙާތުގެ އަބްޠާލުންގެ ތެރެއިން އެންމެ ނަންހުރި އެއް ދެ ބަޠަލުންނެވެ. މުސްލިމުންގެ އިސްލަޝްކަރުގެ އެންމެ ލާމަސީލު ކޮމާންޑަރުންކުރެ ދެ ކޮމާންޑަރުންނެވެ. އެ ދެބޭކަލުންނަކީ، އިސްލާމީ ތާރީޚުގެ ނަމޫނާ ދެ ޝަޚްޞިއްޔަތެވެ.

(ނުނިމޭ)

comment ކޮމެންޓް