މރ. ޗިކޯގެ ކުލި ހޯދުމަށް ކުރާ ދައުވާ:
އެކައުންޓުތައް މުސްތަފާގެ ނަން މަތީގައި؛ ހިއްސާދާރުންނަށް ކުންފުނީގެ އެއްވެސް މައުލޫމާތެއް ނޭނގޭ

މރ. ޗިކޯ ރެސްޓޯރެންޓް ހިންގާ ކުންފުނި ކަމަށްވާ ޔުނައިޓެޑް ފެމިލީ ޕްރޮޕެޓީސްގެ އެކައުންޓުތައް ވަނީ އެ ކުންފުނީގެ އެއް ހިއްސާދާރު އަދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ [އެމްޑީޕީ މުސްތަފާ]ގެ ނަން މައްޗަށް ބަދަލުކޮށްފައިވާ ކަމަށާއި ކުންފުންޏާ ބެހޭ އެއްވެސް މައުލޫމާތެއް ނޭނގޭ ކަމަށް އެ ކުންފުނީގެ ދެން ތިބި ހިއްސާދާރުން ޝަރީއަތުގެ މަޖިލީހުގައި މިއަދު ބުނެފި އެވެ.

މރ. ޗިކޯގެ ކުއްޔާއި ޖޫރިމަނާ ފައިސާ އަށް އަރާ ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދުމަށް މާލޭ ސިޓީން ދައުވާ ކުރާ މައްސަލައިގެ ޝަރީއަތުގައި ވާހަކަ ދައްކަމުން އެ ކުންފުނީގެ ތިން ހިއްސާދާރުން ކުރެ އެއް ހިއްސާދާރު އަހުމަދު އާތިފް ބުނީ އޭނާ އާއި ކުންފުންޏާ އެއްވެސް ގުޅުމެއް ނޯންނަ ކަމަށާއި މައުލާތެއް ވެސް ނޭނގޭ ކަމަށެވެ. އާތިފް ބުނީ މި މައްސަލައަކީ މާލޭ ސިޓީ ކައުންސިލުގެ އިތުރުން އެތައް ބައެއްގެ ހައްގުތަކެއް އެކުލެވިގެންވާ މައްސަލައެއް ކަމުން މި މައްސަލައިގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމަށްވާ މުސްތަފާއާ ވާހަކަ ދައްކާނެ ކަމަށެވެ.

ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ އަލީ ރަޝީދު ބުނީ އޭނާ އަށް ވެސް ކުންފުންޏާ ބެހޭ އެއްވެސް މައުލޫމާތެއް ނޭނގޭ ކަމަށާއި ކުންފުނީގެ އެކައުންޓުތައް ވެސް ވަނީ މުސްތަފާގެ ނަން މައްޗަށް ބަދަލުކޮށްފައި ކަމަށެވެ. އަދި އޭނާ އާ މުސްތަފައާ ބައްދަލުނުވާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް ވެސް ރަޝީދު ބުންޏެވެ.
ރަޝީދު ބުނީ އޭނާ އާ ކުންފުނީގެ އަނެއް ހިއްސާދާރު ފާތުމަތު ރާނިޔާ ޖެނުއަރީ 5، 2010 ގައި އެގްރިމެންޓެއްގެ ދަށުން ކުންފުނިން ވަކިވެފައިވާނެ ކަމަށެވެ. އެކަމަކު ޓްރޭޑް މިނިސްޓްރީ އަށް ދައްކަން ޖެހޭ ފީ ކުންފުނީގެ ފަރާތުން ދައްކާފައި ނުވާތީ ރަސްމީކޮށް ޓްރޭޑުން އެކަން ބަލައިގެންފައިނުވާ ކަމަށް ރަޝީދު ބުންޏެވެ.

މި މައްސަލަ ބައްލަވާ ސިވިލް ކޯޓުގެ އިސް ގާޒީ ވިދާޅުވީ ކުންފުނިން ވަކިވެފައިވާ ކަމަށް ޓްރޭޑުން ރަސްމީކޮށް ގަބޫލު ނުކުރަނީސް ކޯޓުގެ ކުރިމަތީގައި ރަޝީދާއި ރާނިޔާއަކީ ހިއްސާދާރުން ކަމަށެވެ. އެކަމަކު ވިދާޅުވީ މިއީ ހިއްސާދާރުންގެ މައްޗަށް ދައުވާ ލިބޭ މައްސަލައެއް ނޫން ކަމަށާއި މިއީ ކުންފުނީގެ މައްޗަށް ދައުވާ ލިބޭ މައްސަލައެއް ކަމަށެވެ. އަދި ވިދާޅުވީ ހިއްސާދާރުން ކޯޓަށް ހާޒިރު ކުރަންޖެހުނީ ބަންޑާރަ ނައިބު އޮފީހުންނާއި ޓްރޭޑުން ބުނި އެޑްރެހުގައި ޔުނައިޓެޑް ފެމިލީ ޕްރޮޕެޓީސް ކިޔާ ކުންފުންޏެއް ނުހިންގާ ކަމަށް ބުނެފައިވާތީ ކަމަށެވެ. ކުންފުނީގެ ހިއްސާދާރު އަދި މެނޭޖިން ޑިރެކްޓަރު މުސްތަފާ ހާޒިރު ނުކުރެވުނީ އޭނާ ދަފްތަރުގައި ރަޖިސްޓްރީވެފައިވުމާ އެކު މިހާރު ދިރިއުޅޭ އެޑްރެސް ނޭނގޭތީ ކަމަށެވެ. ނަމަވެސް މުސްތަފާގެ އެޑްރެސް އޮޅުންފިލުމަށް އިސް ގާޒީ ބަންޑާރަ ނައިބުގެ އޮފީހަށް އެންގެވި އެވެ.

ޔުނައިޓެޑް ފެމިލީ ޕްރޮޕެޓީސްގެ މައްޗަށް ކުރާ ދައުވާ އިއްވަވަމުން ބަންޑާރަ ނައިބު އޮފީހުގެ ވަކީލު މުހައްމަދު އިޔާސް ވިދާޅުވީ ތިން ނަންބަރު ފުޑް ކޯޓް ކުއްޔަށް ދިނުމަށް އިއުލާން ކުރުމުން ޔުނައިޓެޑް ފެމިލީ ޕްރޮޕެޓީސް އިން ބިޑްކޮށް، ބިޑް ކާމިޔާބުކޮށްފައިވާ ކަމަށެވެ. އަދި ތިން ނަންބަރު ފުޑް ކޯޓް (މރ. ޗިކޯ) ކުއްޔަށް ދިނުމުގެ އެގްރިމެންޓުގައި ޔުނައިޓެޑް ފެމިލީ ޕްރޮޕެޓީސް އާއި ސަރުކާރާ ޖެނުއަރީ 5، 2008 ގައި ސޮއިކޮށްފައިވާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ. ނަމަވެސް އެ އެގްރިމެންޓާ އެއްގޮތަށް ކުލީގެ ފައިސާ ޔުނައިޓެޑް ފެމިލީ ޕްރޮޕެޓީސް އިން ނުދައްކާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

ވަކީލު ވިދާޅުވީ މރ. ޗިކޯ ރެސްޓޯރަންޓަށް އޮގަސްޓް 31، 2010 އަކާ ހަމައަށް ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާ ފައިސާއަށް 3،617،483ރ. އަރާ ކަމަށެވެ. އަދި ވިދާޅުވީ އެ ފައިސާ އާއި މި މައްސަލައިގައި ސިވިލް ކޯޓުން ހުކުމެއް ކުރަންދެން ދައްކަން ޖެހޭ ފައިސާ ހޯދުމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު