ރަނީން އަރާމު ފުންނިންޖަކުން ހޭލެވުނީ ބޯކޮށް ވެހެމުން ދިޔަ ވާރެއާއި ވައިރޯޅިތަކުގެ ޒޫމް އަޑަށެވެ.އެދިމާލަށް ހުންނަ ގަހުގެ ގޮފިތައްވެސް ވައިގެ ގަދަ ހަމަލާއަށް ކެތްނުވެގެން ހޫރެމުންދާ ހިޔަނި ބެލްކަނީގެ ދޮރުތަކުން ފެންނަން ހުއްޓެވެ. ފިނިކަން ގަދަވެފައިވާވަރުން ވިއްސާރަވެފައިވާ ވަރު އަންދާޒާ ކުރެވުނެވެ. ނިދަން ލައިގެން ހުރި ނޫކުލައިގެ ޕިޖާމާ ބަދަލުކޮށްލުމެއްނެތި ބެލްކަނީގެ ދޮރުތައް ކަހާލާފައި އޭނަ ނުކުތުމާއިއެކު ވާރޭގެ އަސަރު މޫނަށް ކުރިއެވެ. ކުދި މުތްތައް ފަދައިން ވާރޭގެ ތިކިތައް މޫނުގައި ބީހެން ފެށުމުން ހީބިހި ނެގިއެވެ.އަންނަ ވައިރޯޅިތަކުގެ ގޯނާތަކުން ކުރުކޮށް ކޮށާލާފައިވާ ފަން އިސްތަށިގަނޑު އެކިގޮތްގޮތަށް އުދުހެންފެށިއެވެ. އެކަންވެސް ރަނީންއަށްވީ މަޖާކަމަކަށެވެ. ވާރެއާއިހެދި މޮޔަވެފައި ހުންނަކުއްޖަކަށް އެއިން ކޮންމެ ކަމަކުން ލިބެމުން ދިޔައީ ބަޔާންނުކުރެވޭ ޒާތުގެ އުފަލެކެވެ. ވާރެޔާ ތެމިލާ ހިތުން ހުރެވުނީއެއް ނޫނެވެ. ނަމަވެސް ގަޑީގެ ގޮތުން ތަންކޮޅެއް ކަންނެތްވެ ދެ ޚިޔާލެއްގައި ހުއްޓާ ދޮރުގައި މީހަކު ޓަކިދޭހެން ހީވިއެވެ. އެއީ ބައްޕަ އަޒީޒު ނޫންމީހަކަށް ނުވާނެކަން ވިސްނިފައި އޭނަ އަވަސްވެގަތީ ދޮރު ހުޅުވުމަށެވެ.

"ބައްޕާ، ވާރޭ ވެހެން ފެށީމަ ހޭލެވުނީ، އަދި ނިދާލީމަ ނޫނީ ފްރެޝްއެއްނުވާނެ..... "ރަނީން އޭރުވެސް ހުރީ ކަންނެތްވެ އަލުން ނިދާލަން ބޭނުންވެފައެވެ. ރޭގަނޑު ދަންވަންދެން ހޭލާ އުޅުން އާއްމުވެފައިވާތީ ދުވާލުގަޑީގައި ނިދުން އޭނަގެ ކަށީގައި ހިފާފައިވާ ނުބައި އާދައަކަށްވެފައިވެއެވެ. ކެއުންވެސް ހުންނަނީ އެކަހަލަ ގޮތަކަށް ގަވާއިދެއްނެތިއެވެ. އެކަން ބަދަލުކުރަން މަސައްކަތްކުރާވަރުގެ މީހެއް ރަނީންގެ ހަޔާތަށް އައިސްފައެއްނުވެއެވެ.

"ބައްޕަ ކޮންމެވެސް މީހަކު ނިންނިއަށް އިންޓްރޮޑިއުސްކޮށް ދޭންވެގެންނޭ، ހަނދާން އެބަހުރިތަ ނާޒްލީ ދައްތަ؟ މީގެ ދެއަހަރު ކުރިން އެދައްތައާއި ދިމާވެގެން ދަރިފުޅު ގޮވައިގެން ޑިނަރއަކަށް ގެންގޮއްސަ ފަހުދުވަހު ދިން ގިފްޓް އަދިވެސް ނިންނި އެންމެ ލޯބިން ތިގެންގުޅެނީ........" އަޒީޒުގެ ޖުމްލަތަކުން ރަނީން ކަމެއް ހަނދާންކުރާކަހަލަ ގޮތަކަށް ލޯ ކުޑަކޮށް ލާފައި ހިނިތުންވެލަމުން ބޯ ޖަހައިލިއެވެ. އަތުކުރީގައި އަޅާލަދިން ކެވެލިވެފައިވަނީ ރަނީންއަށް މާ ޚާއްސަ އެއްޗަކަށެވެ.

"އޮފްކޯޒް، ހިޖާބުލައިގެން ހުރި ލޭޑީއެއްދޯ، އިޒްޔަން އައިތަ؟ " ރަނީން ހަނދާންވީ ނާޒްލީގެ ފިރިހެންދަރިފުޅު އިޒްޔަންގެ މަތިންނެވެ. އިޒްޔަން އޭރު ހާދަ ފޮންޏެވެ. އޭނަ އަނގައިން ބުނީމަވެސް އަޅައެއްނުލިއެވެ. އެހެންވެ ރަނީން ރުޅިގަދަވެގެން ގަސްތުގައި އަރައިގެން ހުރި ހައިހީލްއިން އިޒްޔަންގެ ފަޔަށް އަރާ ތަދުކޮށްލިއެވެ. ގަޔަށް ސޯސްފުޅި ބަންޑުންކުރިއެވެ. އެވެސް އޮޅުމަކުން ކަމަށް ހަދާފައެވެ. އިތުރު ވަގުތުތައް ލިބުނުނަމަ ކުރާނެ ކަންތައްތަކުގެ ލިސްޓެއް ސިކުނޑީގައި ރާވާލިނަމަވެސް އެފަހުން އޭގެފަހުން ފުރުސަތެއް ނުލިބި އިޒްޔަން ދިޔުމުން ރަނީން އިންތިހާއަށް މާޔޫސްވިއެވެ.

"ނާޒްލީ ދައްތަ އައީމަ މީރުކޮށް ކައްކާފައި ކާންދޭނެ....." އަޒީޒު ދުރުދުރުން ވާހަކަފެށިއެވެ.

"ނާޒްލީ ދައްތަ ނެތަސް މިހުރިހާ ދުވަހުވެސް ކައްކާފައި ގެ ސާފުކޮށްދޭން މީހަކު އައެއްނު ބައްޕާ، އެހެންމީހަކު އައީމަ ދެން ފްރީކޮށް އުޅެވޭނެތަ؟ "ރަނީން އޮޅުންފިލުވާލަން ބޭނުންވިއެވެ.އެހެން މީހަކާއި ބައްޕަ ހިއްސާކުރާކަށްވެސް ރަނީންގެ ހިތެއް ނުރުހެއެވެ. ޚާއްސަކޮށް ނާޒްލީއެވެ.

"ދައްތަ ވަރަށް ނައިސްވާނެ، މިގެއަށް އަޔަސް ނިންނިގެ މިނިވަންކަމަކަށް ހުރަސް އަޅާކަށް އޭނަ ނޫޅޭނެ، އެކަމާ ނުވިސްނާ، އަދި ސޯފީ ކައްކާ އެއްޗެހި ނުބައިވެގެން ޝަކުވާކުރަމެއްނު، އެކަމުގެ ހައްލެއް ހޯދަން ވިސްނާފައި އަދި މާމަ ކިޔާވަރުން ދައްތަ މިގޭގައި ބަހައްޓަން މިނިންމީ، ދެން ނިދާނީ ސައި ބޮއިގެން އިނގޭ......." އަޒީޒު ހީލާފައި ދާން އެނބުރުނެވެ.

"އޯކޭ، ފެންވަރާލައިގެން ދާނަމޭ ބައްޕާ....." ރަނީން ހުރީ އުދަގޫވެފައެވެ. ބައްޕަ އެހާވަރުން އޭނަ ގެންގޮސް އެކުވެރިންނާއި ބައްދަލުކުރުވުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ ރަނީން އަތުގައިވާ ކެވެލިކޮޅުގައި ފިރުމާލާފައި އަނގަޔަށް ވައްތަރެއް ޖައްސައިލިއެވެ. ރީތި އެއްޗެހި ބޭނުންވިޔަސް އެގޮތަށް މީހުންގެ އަތުން އެއްޗެހި އަތުލާކަށް އޭނަ ބޭނުމެއްނޫނެވެ. އޭނަ ބޭނުމީ ކިޔަވައިގެން މޮޅުކުއްޖަކަށްވެގެން އަމިއްލަ މަސައްކަތުން މުއްސަދިމީހަކަށް ވާށެވެ.

ހުރި އެންމެ އަންހެން ދަރިފުޅުކަމުގައި ވުމުން އަޒީޒު ދަރިފުޅުގެ ކޮންމެ އެދުމެއް އޭނައަށް ވީވަރަކުން ފުރިހަމަކޮށްދޭން އިންތިހާއަށް މަސައްކަތްކުރެއެވެ. އެދަރިފުޅުގެ މަންމަ ވަކިވެގެން ދިޔުމަށްފަހު އަޒީޒު ރަނީންއަށް ދޮންމަންމައެއް ހޯދަދޭކަށްވެސް ބޭނުމެއްނުވިއެވެ. ތަންކޮޅެއް ޅައިރު ދޮންމަންމައެއްގެ ފަރާތުން ލިބިފައިވާ އަނިޔާތައް އަމިއްލަ ދަރިފުޅު ތަޖުރިބާކުރަން އަޒީޒު ނޭދުނީއެވެ. ޒުވާން އުމުރު ހުސްހަށިބަޔަށް ނުހުންނަން އޭނަގެ އާއިލާ ކިތަންމެހާވެސް ބާރުއަޅައެވެ. ނަމަވެސް ހުރިހާ އިޙުސާސްތަކުގައި ގަނޑުފެން އަޅަން މަޖުބޫރުކުރުވީ ދަރިފުޅުދެކެވާ ލޯތްބެވެ. އުމުރުން ފަނަރަ އަހަރު ފުރުނީ އޯގާތެރި ބައްޕައެއްގެ ހިމާޔަތުގައެވެ. ރަނީންގެ ހަށިގަނޑުގައި ކޫރުމެއް އެޅެންވެސް ނޭދޭފަދަ ބައްޕައެކެވެ. ޒުވާން އުމުރު އެކަނިމާ އެކަނި ވޭތުކުރަމުން އެދަނީ ރަނީންއަށްޓަކައެވެ.އަޒީޒުއަށް ލިބޭ މުސާރައިގެ ބޮޑުބައި އޭނަ ޚަރަދުކުރަނީ ރަނީންއަށެވެ. ރަނީންއަށްޓަކާ އޭނަވަނީ ކޮޓަރި ފުދޭވަރަކަށް ރީތިކޮށް ޒީނަތްތެރިކޮށް ފަރުނީޗަރުތައް އާކޮށްދީފައެވެ. ރަނީން ބޭނުންވާފަދައިން ހުދު އަދި ވައިލެޓްކުލައިން ޑިޒައިންކޮށްލުމުން އެތަނުގެ ރީތިކަން އެތައް ގުނަ އިތުރުވެފައިވެއެވެ. ފަނަރަ އަހަރު ފުރުނުދުވަހު ފޯނެއް ލިބުމުން ރަނީން އުފަލުން މޮޔަވާވަރުވިއެވެ. އެންމެ މުއްސަދިކޮށް ނޫޅެވުނަސް އަޒީޒުގެ މަސައްކަތުން ރަނީން އަށް އުފާވެރި ދިރިއުޅުމެއް ހޯދަދީފައިވެއެވެ.

ރަނީން ބައްޕައާއި ވާހަކަދައްކަން ހުރެފައި ތައްޔާރުވާންވެގެން ފާޚާނާއަށް ވަނުމުން އަޒީޒު ދޮރުލައްޕާލާފައި ނުކުމެ އިރުކޮޅެއްވާންދެން އަމިއްލަ ދުނިޔެއަކަށް ގެއްލިފައި ހުއްޓެވެ.އަޒީޒު ހުރީ ކޮންމެވެސް ވަރަކަށް ނުތަނަވަސްވެފައެވެ. ހަގީގަތް އެނގުމުން ރަނީން އެކަން ނަގައިގަންނާނެ ގޮތެއް ނޭގޭތީއެވެ. މަންމަ މަޖުބޫރުކުރާވަރުން އޭނަ ނާޒްލީ އާއި ކައިވެނިކޮށްގެން ގެއަށް މިގެނައީ ރަނީންއަށް މަޑުމަޑުންގޮސް ނާޒްލީ ތަޢާރަފުކޮށްދޭންކަމަށް ގަސްތުކޮށްފައެވެ. ރަނީން ކައިރީގައި ކުރިން ނުބުނެވުނުކަމުގެ މޮޔަހީވިއެވެ.

ދިހައެއް ޖެހިއިރުވެސް ވިއްސާރަ މައިތިރިވާން އުޅޭކަމުގެ ނިޝާނެއް ނުފެނެއެވެ. ވައިރޯޅިތައް ބާރުކަމުން ދޮރުގައި ދަމާފައިވާ ފަރުދާތައްވެސް އުކާލަފާނެހެން ހީވިއެވެ. ރަނީން ކުޑަދޮރު މަތީގައި ވާހަކަ ފޮތެއްހިފައިގެން ކިޔަން އިންއިރު އެންމެ ސަފުހާއެއްވެސް ކުރިއަކަށް ނުދެއެވެ. އެންމެފަހުން ރަނީން އެނދުމައްޗަށް ފޮތް އެއްލާލާފައި ފެންވަރާލުމަށްފަހު ކުދި މާތަކެއްޖެހި ނޫކުލައިގެ މިޑީހެދުމެއް ލިއެވެ.އޭނަ ގެންގުޅޭ ޝޯލެއް ބޮލާއިއެއްކޮށް އޮޅާލީ ފިނިކަން ގަދަވާންފެށީމައެވެ. ބޭރަށް ނުކުންނަ ހިތް ނުވެފައި ހުރެ ދޮރުން ބޯ ދިއްކޮށްލިއިރުނާޒްލީ ފްރިޖަށް ފެންފުޅިއެއް ލާފައި ތެދުވަނީއެވެ. އެނބުރި ބަލަންވާއިރަށް އޭނަ މޫނުމަތި ރީތިކޮށްލާފައި ތަންކޮޅެއް ހަމަޖެހިލައިފިއެވެ.

"ނިންނި، މިއީ ނާޒްދައްތަ، ކިހިނެއްތަ؟ " ނާޒްލީ ރަނީން ގެނެސް މޭގައި ޖައްސާލުމުން ރަނީން ހުރީ އުދަގޫވެފައެވެ. އެއްވެސް މީހެއްގެ ފަރާތުން އެހާ ގާތްގުޅުމެއް އިޙުސާސްކުރުމަކީ އޭނައަށް ފަސޭހަކަމެއް ނޫނެވެ.

"އައިމް ފައިން...." ރަނީން އަދަބުވެރިވުމުގެ ގޮތުން ހިނިތުންވެލިއެވެ.

"ނިންނި ޝޯލް އެޅީތަ؟ " ނާޒްލީ ސުވާލުކޮށްލިއެވެ.

"ނޫން، ފިނިކަމުން......" ރަނީން ޝޯލް ބޮލުން ނައްޓާލާފައި އުނަގަނޑުގައި އަޅުވާލުމަށްފަހު ގޮނޑިއެއް ދަމާލައިގެން އިށީދެއްޖެއެވެ. ނާޒްލީ ތަންކޮޅެއް ފުން ނަޒަރަކުން ރަނީންގެ މޫނަށް ބަލާލައިފިއެވެ. ކަޅީގައި ހުރި މުށިކުލައާއި ދޮންކަން ގުޅެއެވެ. އިސްތަށިގަނޑުގައި ފޮތި ބޭންޑެއް އަޅާފައިއޮތްއިރުވެސް އިސްތަށިކޮޅު ފަންކާގެ ވަޔާއިއެކު މޫނަށް ގޯނާކުރެއެވެ.އެއުމުރުގެ ކުއްޖަކަށްވިޔަސް އޭނަ ހުރީ މޭކަޕްކޮށްލައިގެންނެވެ. މުށިކުލައިން ބުމަ އަޅާފައިވާއިރު ތުންފަތުގައި ލިޕްސްޓިކް ޖައްސާލާފައިވެއެވެ. ހިމޭނުން އިންނަން އުދަގޫ ހަލަނިކުއްޖެއްކަން އެނގެނީ އޭނަގެ ހަރަކާތް ހުރިގޮތުންނެވެ. ދެފައި ހަލުވަހަލުވާ އިނދެ ސައިތަށި ބޮމުން އޭނަ ފޯނާއި ކުޅެންފެށިއެވެ. އެވަރުން ނުވެގެން އަނެއް އަތުގައި އޮތް ވާހަކަފޮތް ކިޔަންފެށީ ނާޒްލީއަށް މެސެޖެއްދިނުމަށެވެ. އޭނަ އިތުރު މީހަކާއި ވާހަކަދެއްކުމުގެ މޫޑެއްނެތްކަން އެންގުމަށެވެ. އެހެން އިނަސް އޭނަ ނާޒްލީ ކުރާކަންތައްވެސް ސިއްރުންބެލިއެވެ.

ނާޒްލީ ފާރުގައި އެލުވާފައި ހުރި ކަލަންޑަރުގައި ބޮޅެއް އަޅާލަމުން މާނަވީ ގޮތަކަށް ހިނިތުންވެލިއިރުވެސް ރަނީންއަކަށް ވެގެން އުޅޭގޮތެއް ރޭކާނުލިއެވެ. ޖެނުއަރީ އެކެއް އެހާ ޚާއްސަވާންވީ ސަބަބެއް ނުވިސްނުނެވެ. ބައްޕަ އެކުވެރިއެއްގެ ގޮތުގައި ގެއަށް މިގެނެސްދިނީ ދޮންމަންމައެއްކަމެއް ހިތަކަށް ނޭރިއެވެ.

"މީ ވަރަށް ޚާއްސަދުވަހެއް އެހެންވެ ހަނދާނުގައި ބަހައްޓަން މާކްމިކޮށްލީ....." ނާޒްލީ ހިނިތުންވެލިއެވެ.

"ތީ ދެން އެންމެންވެސް ފާހަގަ ކުރާ ދުވަހެއްނު، ހަނދާން ނެތޭކަހަލަ ދުވަހެއްވެސް ނޫން...." ރަނީން ހިތާހިތުން ކިޔާލާފައިވެސް އެގޮތަށް އެހެންމީހަކާއި މުޚާތަބުކުރުން ރީތިކަމަކަށް ނުވާތީ ހިމޭނުން އިނީ އިތުރު ތަފްސީލެއް ލިބޭނެކަމުގެ އުއްމީދުގައެވެ.

"ނިންނި ވެސް އާކަމެއް ކޮށްލަބަލަ، މިސާލަކަށް ބުރުގާ އެޅުން..." ނާޒްލީ ކޮފީ ޖަގު ގިރަންފެށުމުން ތަނުގައި ހިފާލީ ދެވިހިފާފަދަ ވަރުގަދަ ވަހެކެވެ.

"ހެހެ......" ރަނީން ހުނުމަކުން ފުއްދާލިނަމަވެސް ހިތާހިތުން އަނދައިގަތެވެ. އޭނަގެ ޒާތީ ކަންތައްތަކާ ބެހެން މިއީ ކާކުހެއްޔެވެ؟ އެންމެ ރަގަޅެވެ. ނާޒްލީ މިހިރީ ހަރުވާޅު ހެދުމަކާއިއެކު ބުރުގާ އަޅައިގެންނެވެ. ރީތި އަންހެނެކެވެ. މިފަދަ މީހަކު އޭނަގެ ބައްޕަގެ އެކުވެރިއެކޭ ކިޔާފައި މާ ގިނައިން ގެއަށް ވަދެ އޭނަގެ ކަންތައްތަކަށް ފާޑު ކިޔާ އޭނަ އުޅޭގޮތް ބުނެދޭން ވެއްޖެއްޔާ ރަނީންއަށް ކެތްކުރެވޭނެހެއްޔެވެ؟

"ނިންނިއަށް ކިތައް އަހަރުތަ؟ "ނާޒްލީ އިތުރު ސުވާލެއްކޮށްލިއެވެ.

"ހޫމް ދެން އިންޓަވިއު އަށް ގެނެސްފައިތަ މިއިނީ، އަޖައިބެއް، ހޫޒް ދިސް ލޭޑީ....." ރަނީން ވާހަކަދެއްކީ އަމިއްލަ ހިތާއެވެ. އޭނަގެ އަތްތިލަ ކޮފީމަގުގެ ވަށާލެވިގެންދިޔައިރު މަޑު ހޫނުކަމެއް އިހުސާސްކުރެވުނެވެ.

"ފިފްޓީން...." ރަނީން ކުފިދަތްތައް ފެންނަވަރަށް ހީލިއެވެ.

"ލަވްލީ، ޔޫ ލުކް ޕްރިޓީ...." ތައުރީފުކުރިއެވެ.

"ތެންކިއު...." ރަނީން ކުޑަކޮށް ރަކިވިއެވެ. އެގޮތަށް މީހުން އޭނައަށް ތަޢުރީފުކުރުމަކީ އޭނަ ރުހޭކަމެއްނޫނެވެ.

"އެހެން ދުވަސްދުވަހު މިގެއަށް ކައްކާ ސާފުކުރާ ކުއްޖަކު އާދޭ ދޯ ނިންނި، ދެން އޭނައެއް ނާންނާނެ، ސޯ ނާޒްދައްތައަށް ރަނީން ކުޑަކޮށް ހެލްޕްވާން ވާނެ، އަސްލު އަންހެންކުދިން ބަދިގެއަށް ވަދެ މަސައްކަތްތައް ދަސްކުރުމަކީ ގެވެހި ރަގަޅު އަންބަކަށްވުމަށްޓަކާ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމެއް ދޯ، ބައްޕަ ނިންނިދެކެ ލޯބިވާވަރު އެނގޭ، އެއްވެސް ކަމެއް ނުކުރުވާ ހަމަ އެކަނި ކިޔަވާ މޮޅުކުއްޖަކަށް ހަދަން ބޭނުމީ، އެކަމަކު ކޮންމެ އަންހެންކުއްޖަކަށް ކެއްކުމުގެ ބޭސިކް ބައި ކޮންމެހެން އެނގެން ޖެހޭނެ، އެހެންނޫނީ ފިރިމީހާ ނޫނީ އާއިލާއާއި މައްސަލަތައް ޖެހި ކައިވެނީގެ ދިރިއުޅުން ފުރިހަމަނުވެ ހިނގައިދާނެ، ސައި ބޮއިގެން މެންދުރަށް އެއްޗެއް ތައްޔާރުކޮށްލަން ނިންނި އެހީވާންވާނެ އިނގޭ......." ނާޒްލީ ދައްކަމުން ދިޔަ ވާހަކަތަކުން ރަނީން ބޯ ގޮވާވަރުވިއެވެ. އޭނަގެ އުމުރުން ފަނަރައަހަރުވީއިރު މި ނާޒްލީ އޭނަ މީހަކާއި ދެވަން ވެއްޖެއެވެ. ބަދިގޭގެ މަސައްކަތްކުރަން ވެއްޖެއެވެ. މިގޮތަށް ލެކްޗަރު ދޭންވެއްޖެއްޔާ ދެވަނަފަހަރު މި އަންހެންމީހާ ފެންނަ ހިސާބަށް ނުގެންނަން އޭނަ ބައްޕައަށް އަންގާނެއެވެ.

ރަނީން ކެތްކުރިއެވެ. ކެތްކުރެވޭނެ އެންމެ މައްޗަށް ކެތްކުރަމުން އޭނަ ފޯނާއި ކުޅެންފެށިއެވެ.އެވަރުންވެސް އޭނަ އެތަނުން ނުކުމެގެން ދިޔައީ ނާޒްލީއާއި އެހީވާން އުޅުމެއްނެތިއެވެ. ބޮލުގައި ރިއްސާކަމުގެ ބަހަނާ ދައްކާފައި އެނދަށް އެރިގޮތަށް އޭނަ އޮތީ ރަޖާ ދަށުގައި އެކި ޚިޔާލުތަކަށް ގެއްލިފައެވެ.

ރަނީން ނިދަނިދާފައިހޭލެވިގެން ފާރުގައި ހުރި ގަޑިއަށް ބަލައިލިއިރު ހަވީރު ތިނެއް ޖަހާ ބޮޑުވެއްޖެއެވެ. މިގަޑީގައިވެސް ދުނިޔެފެންނަލެއް އަނދިރިކަމުން ހީވަނީ އިރުއޮއްސިފައިވާހެންނެވެ. ޖެހި ބާރު ގުގުރިއަކާއިއެކު ރަނީން ސިހޭގޮތްވިނަމަވެސް އެއީ މޫސުން އިތުރަށް ހިތްގައިމު ކުރުވާކަމެއްގެ ގޮތުގައި ރަނީންދެކެއެވެ. ވިދުވަރުގެ ހުދު އަލި ބިއްލޫރިތަކަށް އެޅިލަނީ ގުގުރީގެ އަޑު އަންނާނެކަމުގެ އިންޒާރު ދެމުންނެވެ. އޭނަ ފާޚާނާއަށް ވަދެފައި ތާޒާވެލައިގެން ބޭރަށް ނުކުތްތަނާހެން އަޒީޒުގެ ދައްތައެއްގެ ދަރިއެއްކަމަށްވާ ވިޝާމް ސޯފާގައި އިންތަން ފެނިފައި ރަނީން ދުވެފައިގޮސް ވިޝާމްގެ ގާތަށް ސޯފާއަށް އެރިއެވެ. އޭނައަށްވުރެ ދެތިން އަހަރު ދޮށީކުއްޖަކަށްވެފައި ދެބެން އުޅެނީ ވަރަށް އެކުވެރިކޮށެވެ. ދޭތެރެއަކުން ވިޝާމް އެގެއަށް އައިސް ރަނީންއާއިއެކު ވަގުތުތައް ހޭދަކޮށް ރަނީންގެ ކިޔެވުމަށްވެސް އެހީތެރިވެދީހަދައެވެ. އެއީ އެގެއަށް އާ މެހުމާނެއް ނޫނެވެ.

"ސޭމް ހާދަ ރަގަޅޭ ލެޕް ހިފައިގެން އައީމަ، ސުޕަރނެޗުރަލް ރީއްޗޭ ޖިޔާ ބުނީއްސުރެން މި ބަލާހިތުން މޮޔަވެފައި މިހިރީ، ކިތައް ޕާޓް ޑައުންލޯޑްވީ...... "ވިޝާމް އުނގުމަތީގައި އޭނަގެ ލެޕް ބައިންދައިގެން އިންތަން ފެނިފައި ރަނީންއަށް ލިބުނު އުފަލުން ހިތްވެސް އުދުއްސައިގެންފާނެހެން ހީވިއެވެ. ދެލޯވެސް ހިނިތުންވާފަދައެވެ.

"ފަސްވަރަކަށް ޕާޓް ޑައުންލޯޑްކޮށްލެވުނީ، އެކަމަކު މީތި ބަލަބަލާފައި އެކަނި ނިދޭނެތަ؟ ނައިޓްމެއަރސް ފެނިގެން ހަޅޭއްފަޅޭއް ޖަހާނެހެން މަށަށް ހީވޭ، މިހާރުއްސުރެން ތިއޮތް ގޫޒްބަމްޕް ނަގަނީ........" ވިޝާމް ދިމާކޮށްލިއެވެ.

"މީ؟ ފިއަރ؟ ކަމްއޯން ވިޝާމް ނަދީމް، އަހަރެން ބިރުގެންފިއްޔާ ފިނިހަކަވެސް އުދުހޭނެ......" ރަނީން ހިނިގަނޑެއްޖަހާލަމުން ވިޝާމްގެ އަތުގައި އޮތް ސުޕާރީ ޕެކެޓް އަތުލައިގެން އެއްބައި އަނގަޔަށް އޮއްސާލިއެވެ.

"މަ ބަލާނަން، ފޮނި ކަނޑަކަނޑާފައި އުޅެނިކޮށް ކުރަތްޕެއް ފެނިލިޔަސް ފެއިންޓްވާ ކުއްޖާ ތީ......" ވިޝާމް ހަނދާންކޮށްދިނެވެ. ހެޑްސެޓް ދެމީހުން ކަންފަތުގައި އަޅައިގެން ކައިރީގައި ސީރީޒް ބަލަން ތިބިއިރު ދޭތެރެއަކުން ރަނީން ހަޅޭއްލަވައިގަނެއެވެ. ރަނީން ސީރީޒްގެ ތެރެއަށް ވަދެފައި އިންނަ ވަރު ފެނިފައި ވިޝާމް އިންނަނީ މަޖާވެގެން ހީލަހީލައެވެ. ދެމީހުން އުޅުނުލެއް ކައިރިކަން ދެކެން އިރުކޮޅަކު ހުރެލާފައި ނާޒްލީ އެތަނަށް ނުކުތްއިރު މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފާޅުވިއެވެ. ވިޝާމްއަކީ ކާކުކަން އެނގުމަށްފަހުގައިވެސް ނާޒްލީގެ ނިތްކުރިއަށް އެރި ރޫތައް ފިލައިގެނެއް ނުދިޔަތާގައި އޭނަ ހީވެސް ނުލާ ކޮޓަރިއަށް ވަންތަން ފެނިފައި ވިޝާމްއަށް ހައިރާންކަމެއް ލިބުނެވެ. ރަނީންގެ މަންމަގެ ދުވަސްވަރުވެސް އޭނަ ގިނަގިނައިން މިގެއަށް އައިސްއުޅޭއިރު މަންމަގެ ފަރާތުން ނުރުހުމުގެ ބަހެއް ނުބުނާތާގައި ވިޝާމްއަށް ވަރަށް ކަމޭހިތައެވެ. ބޮޑުބޭބެގެ އަންހެނުންގެ މަގާމަށް މިފަހަރު މިއައީ ތަންކޮޅެއް ހަރުކަށި ތަފާތު އަންހެނެއް ކަމަށް ވިސްނިފައި ވިޝާމް އިނީ ކޮންމެވެސް ވަރަކަށް ހާސްވެފައެވެ. ގަޑިއެއްހާއިރުކޮށްފައި އޭނަ އެގެއިން ދިޔުމުން ރަނީން އިނީ ފޫހިވެފައެވެ. ބައްޕަ ފޯނުގެ ބަދަލުގައި ލެޕެއް ގަނެދިންނަމަ ކިހާ ރަގަޅުވީސްހެއްޔެވެ؟ވިޝާމްގެ ލެޕް ލިބޭނީ ކަނޑައަޅާފައިވާ ވަކި ގަޑިއަކަށެވެ. އެހާ ލޯބިން ގެންގުޅޭ އެއްޗެއް ވިޝާމް އެހެން ދޭކަމަށްޓަކައި އޭނަ ޝުކުރުވެރިވުން ހައްގެވެ.

ގޭތެރޭގައި އެނބުރި އެނބުރިފައި ކުރާނެ ކަމެއް ނުފެނިގެން ބެލްކަންޏަށް ނުކުތްއިރު ނާޒްލީ ފޯނެއްގައި ހުރިތަން ފެނިފައި ފަހަތަށް ޖެހިލަން އުޅެނިކޮށް ބުނެލި ޖުމްލައެއް އިވިފައި ރަނީންއަށް އަތް އަޅައިލެވުނީ އަނގަމަތީގައެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު