ސަންގެ އައިފޯން އެޕް ޒަމާނީ ބަދަލުތަކާއެކު އަލުން އެޕް ސްޓޯރަށް

ސަން އޮންލައިންގެ އައިފޯން އެޕްލިކޭޝަން --

މިއަދަކީ ސަން އޮންލައިންގެ ކިޔުންތެރީންނަށް އަނެއްކާވެސް އުފާވެރި ހަބަރެއް ލިބިގެންދާ ދުވަހެކެވެ. ސަން މީޑިއާ ގްރޫޕްގެ ކުޑައިގެ ދަށުގައި ހިމެނޭ އޮންލައިން ނޫހަކީ، ދިވެހި މީޑިއާ ޒަމާނާ އެއްގޮތަށް ބައްޓަންކުރުމުގައި އަބަދުވެސް އެންމެ މުހިއްމު ދައުރެއް އަދާކުރަމުން އަންނަ އެއް ނޫހެވެ. އެގޮތުން ރާއްޖޭގައި ސްމާޓް ފޯން ތައާރަފްވެ، މޯބައިލްއެޕްލިކޭޝަން ތައް ބޭނުންކުރާން ފެށުމާއެކު، ސަންއިން ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އޮންލައިން ނޫހެއް މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކިޔާލުމުގެ ޝަރަފް މި ނޫހުގެ ކިޔުންތެރީންނަށް ހޯދައިދީފައެވެ.

މިއަދު ސަން އޮންލައިނުން މިވަނީ އަނެއްކާވެސް، މި ނޫހުގެ އައިފޯން އެޕްލިކޭޝަން ޒަމާނާ އެއްގޮތަށް ބަދަލުކޮށް، ކިޔުންތެރީންނަށް ކަމުދާނޭ ގޮތަށް ރަހަތަށް ހެޔޮވަރުކޮށް އެޕަލްގެ އެޕްސްޓޯރަށް ދޫކޮށްލައިފައެވެ. އެޕް ސްޓޯރަށް ގޮސް، "ސަން އޮންލައިން" ނުވަތަ "ސަން އެމްވީ" ޖެއްސެވުމުން ހަމަ މުޅިން ހިލޭ ޑައުންލޯޑް ކުރެވޭ އެޕްތަކުގެ ތެރޭގައި ސަންގެ އެޕް ޑައުންލޯޑްކުރަން ލިބިވަޑައިގަންނަވާނެ އެވެ.

ސަން އޮންލައިން އައިފޯން އެޕްލިކޭޝަން ޑައުންލޯޑުކުރުމަށް ކްލިކްކޮށްލައްވާ --

މުޅިން އާ ފީޗާސް ތަކާއެކު ސަންގެ މޯބައިލް އެޕް މިއަދު އެޕަލްގެ އެޕް ސްޓޯރަށް ނެރެފައިވާއިރު އެންޑްރޮއިޑް އަދި ވިންޑޯޒް މޯބައިލް ބޭނުންފުޅުކުރައްވާ ފަރާތްތައް ވެސް މާޔޫސް ވުމުގެ ބޭނުމެއް ނެތެވެ. ސަބަބަކީ އަޅުގަނޑުމެންގެ ކިޔުންތެރީންނަށްޓަކައި އެންމެ ކިޔުންތެރިއަކުވެސް ބާކީ ނުވާނޭ ގޮތަށް ސަންގެ ޑިވެލޮޕަރުންގެ ޓީމުން އަންނަނީ، ވަރަށް އަވަހަށް، އެންޑްރޮއިޑް އަދި ވިންޑޯޒް މޯބައިލް ޕްލެޓްފޯމްގައި ތިއްބެވި ބޭފުޅުންނަށްވެސް މި އެޕް ގެނެސްދިނުމަށް މަސައްކަތްކުރަމުންނެވެ.

ސަން އޮންލައިން އައިފޯން އެޕްލިކޭޝަންގެ ޚަބަރު އަދި މަލްޓިމީޑިއާގެ ސްކްރީންޝޮޓެއް --

"އަޅުގަނޑުމެން މަސައްކަތްކުރަނީ، ސަންގެ ކިޔުންތެރީންނަށް ޚަބަރާއި އަދިވެސް އެހެނިހެން މައުލޫމާތު އަބަދުވެސް ވީހާވެސް ގާތުން، އެންމެ ފަސޭހައިން ހޯދޭނޭ ގޮތްތައް ތަނަވަސް ކޮށްދިނުމަށް،" ސަން މީޑީއާގެ ސީއީއޯ ސިނާން އަލީ ވިދާޅުވިއެވެ.

ސިނާނު ވިދާޅުވީ، މިއީ ކުރިއަށް އެޅުނު އިތުރު ފިޔަވަޅެއް ކަމަށާއި އަދި މުސްތަގުބަލުގައި މިއަށްވުރެ ހެޔޮ ބަދަލުތައް، ކިޔުންތެރީން ގަޔާވާނޭ ގޮތަށް ސަންގެ އެޕަށް ގެންނާނޭ ކަމަށެވެ.

އާ ބަދަލުތަކަކާއެކު ސަންގެ މޯބައިލް އެޕް މިއަދު ކިޔުންތެރީންނާ ހަމައަށް ގެނެސްދީފައިވާއިރު، ރާއްޖޭގައި މުޅިން އަލަށް އޮންލައިން ނޫހެއްގެ މޯބައިލް އެޕް ތައާރަފްކުރިގޮތަށް މިފަހަރުވެސް އާ ކަމެއް ހިމަނާލާފައި ވާނެއެވެ. އެއީ "ލައިވް ބްލޮގް" އެވެ. މިހާތަނަށް ރާއްޖޭގެ އޮންލައިން ނޫސްތަކުން ހަދާފައިވާ އެޕްތަކުގައި ނުހިމެނޭ މި "ފީޗާ" ސަންގެ ކިޔުންތެރީންނަށް މިހާރު ލިބޭނެކަމުގެ ޔަގީންކަން އުފަލާއެކު އަރުވަމެވެ.

"އަަބަދުވެސް އަޅުގަނޑުމެން މަސައްކަތް ކުރަނީ، ކިޔުންތެރީންނަށް ކަމުދާ ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް. އެގޮތުން މިއަދު އަޅުގަނޑުމެންނަކީ ރާއްޖޭގެ މީޑީއާގައި ލީޑަރެއްގެ މަގާމުގައި އޮތް ނޫހެއް. އެހެންކަމުން އެ މަގާމު ދެމެހެއްޓުމަށްޓަކައި، އަޅުގަނޑުމެން ނޫހުގައި ހިމަނާ ކޮންޓެންޓާ އެއްވަރަށް ޓެކްނޯލޮޖީގެ ގޮތުން ވެސް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރިއަށް ދާނަން،" ސަން އޮންލައިންގެ އެޑިޓަރ އިން ޗީފް ހިރިގާ އަހްމަދު ޒާހިރު ވިދާޅުވި އެވެ.

ސަން އޮންލައިންގެ އާ ބަދަލުތަކާކާއެކު ކިޔުންތެރީންނާ ހަމައަށް މިހާ ފުރިހަމަކޮށް ޑިޒައިންކޮށް ތައްޔާރުކޮށްފައި މިވަނީ، އަޅުގަނޑުމެންގެ "އިންހައުސް" ޑިވެލޮޕަރުންނާއި ގްރެފިކްޑިޒައިނަރުން އަދި ޓެކްނިކަލް ޓީމުގެ ބުރަ މަސައްކަތުންކަންވެސް އުފަލާއެކު ފާހަގަކުރަމެވެ.

ކުރިއަށް އަދިވެސް ހެޔޮ ބަދަލުތަކެއް އެބަ ހުއްޓެވެ. ސަން މީޑިއާ ގްރޫޕްގެ ކުޑައިގެ ދަށުގައި މިއަދު ސަން އޮންލައިންގެ އިތުރުން ސަން ޓީވީއާއި ސަން އެފްއެމް އަދިސަން މެގަޒިން ވެސް ހިމެނޭއިރު، އަޅުގަނޑުމެންނަކީ އޮންލައިން ޚަބަރުތައް ދިވެހިބަހާ އެއްވަރަށް އިނގިރޭސި ބަހުންވެސް އެންމެ ތާޒާކަމާއެކު ގެނެސްދޭ ނޫސްކަން ފާހަގަކޮށްލަމެވެ.

ސަންގެ އައިފޯން އެޕްގައި ހިމެނޭ ބައެއް ފީޗާސްތަކަށް ބަލައިލާއިރު، ސަންގެ ވެބްސައިޓްގައި ހިމެނޭ ޚަބަރު، ކުޅިވަރު، ބޭރު ކުޅިވަރު، ރިޕޯޓް، ދުނިޔެ، ވާހަކަ، ވިޔަފާރި، ކޮލަމް އަދި ފޮޓޯ ގެލަރީ މިއެޕުން ފެންނާނެއެވެ.

ސަން އޮންލައިންގައިވާ އާޓިކަލެއް ހުޅުވާލުމަށްފަހު، އެ ލިޔުމެއް ފަހުން ކިޔާލަން ބޭނުން ނަމަ ބުކްމާކް ކޮށްލަންވީއެވެ. މީގެ އިތުރުން ސޯޝަލް މީޑިއާގެ ރަސްކަންކުރަމުންދާ ފޭސްބުކް އަދި ޓްވިޓާ މެދުވެރިކޮށް ފަސޭހަކަމާއެކު އެ ލިޔުމެއް ޝެއާވެސް ކޮށްލެވޭނެ އެވެ. ހަމަ އެހެންމެ އަޅުގަނޑުމެންގެ ކިޔުންތެރީންނަށް ލިޔުންތަކަށް ކޮމެންޓް ކުރުމާއި، ކިޔުންތެރީން ކޮށްފައިވާ ކޮމެންޓްތައް ފަސޭހައިން ކިޔާލެވޭނޭގޮތް ވެސް މި އެޕްގައި ހިމެނިފައި ވާނެ އެވެ.

ކަޅު އަދި ހުދު ބެކްގްރައުންޑްގައި ލިޔުންތައް ފެންނާނޭގޮތް. މީގެ އިތުރުން އަކުރުތަކުގެ ޒައިޒުވެސްއެޖަސްޓް ކުރެވޭނެ --

ހުދު ބެކްގްރައުންޑެއްގައި ކަޅު ކުލައިން ލިޔެފައި ހުރުމުން ބައެއް ބޭފުޅުންނަށް އެލިޔުމެއް ކިޔާލަން ފަސޭހަވީ ނަމަވެސް އަނެއްބައި ބޭފުޅުންނަށް އެކަން އުނދަގޫވެދާނެއެވެ. ސަންގެ އެޕްގައި މިކަމަށްވެސް ހައްލެއް ހޯދައިދީފައި ވާނެއެވެ. އެގޮތުން، ލިޔުން ހުޅުވާލުމަށްފަހު، ސްކްރީން މަތީގައި "ޑަބަލްޓަޗް" ނުވަތަ ދެފަހަރު އަވަސްއަވަހަށް އިނގިލިން ޖައްސަވާލެއްވުމުން، އަކުރުތައް ހުދުކުލައަށް އަދި ބެގްގްރައުންޑް ކަޅުކުލައަށް ތީމް ބަދަލުވާނެއެވެ. ކުރިން ހުރިގޮތަށް ބަދަލުކޮށްލައްވަން ބޭނުންނަމަ ހަމަ އެ ހަރަކާތް ތަކުރާރުކޮށްލުމުން ފުދޭނެއެވެ.

މީގެ އިތުރުން، އެބޭފުޅަކު ބޭނުންފުޅުވާ ޚަބަރުތަކުގެ ނޯޓިފިކޭޝަން ލިބޭގޮތަށް، އެޕްލިކޭޝަންގެ ސެޓިން ބަދަލުކޮށްލެވޭނެއެވެ. އެގޮތުން ބްރޭކިން ނިއުސް، ނިއުސް، ވިޔަފާރި ޚަބަރު، ދުނިޔޭގެ ޚަބަރު އަދި ކުޅިވަރު ޚަބަރުގެ ނޯޓިފިކޭޝަން އެކަނި ނުވަތަ ހުރިހާ ކެޓަގަރީއެއްގެ ނޯޓިފިކޭޝަން ވެސް ލިބޭނޭ ގޮތަށް ކިޔުންތެރީންނަށް ސެޓިންގްސް ބަދަލުކޮށްލެވޭނެއެވެ.

އެލެކްސާ ރޭންކިންގައި މިވަގުތުވެސް ރާއްޖޭގެ އެންމެ މަގުބޫލު ނޫހެއްގެ ގޮތުގައި އޮތީ ސަން އޮންލައިން --

ސަން މީޑިއާގްރޫޕްގެ ކުޑައިގެ ދަށުގައި ތިބި ހީވާގި މުވައްޒަފުންގެ ބުރަ މަސައްކަތުން މިއަދު ރާއްޖޭގެ އެންމެ މަގުބޫލް އަދި އެންމެ ބޮޑު އަމިއްލަ މީޑިއާ ސްޓޭޝަންގެ ގޮތުގައި އަޅުގަނޑުމެން އޮތްއިރު، ދުނިޔޭގެ ވެބްސައިޓްތައް ރޭންކުކުރާ މަޝްހޫރު އެލެކްސާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ސަން އޮންލައިނަކީ މިއަދުވެސް ރާއްޖޭގެ އެންމެ ގިނަބަޔަކު ބަލާ އެންމެ މަގުބޫލު އޮންލައިން ނޫހެވެ.

comment ކޮމެންޓް