"ޒީރޯ ޓޮލަރެންސް"ގައި ރައްޔިތުން ނުކުމެއްޖެނަމަ ރަނގަޅެއް ނުވާނެ: ޑީޑީ

ޑރ. ޑީޑީ: އިދިކޮޅު ފަރާތްތަކުން ތިބީ ގާނޫނީ އިމުގެ ތެރޭގައި ކަމަށް ޑީޑީ ވިދާޅުވި-- ސަން ފައިލް ފޮޓޯ

ރައްޔިތުންގެ ވާޖިބަށް ފުލުހުން ހުރަސްއަޅާނަމަ "ޒީރޯ ޓޮލަރެންސް"ގައި ރައްޔިތުން ނުކުންނަން ޖެހިދާނެ ކަމަށާއި އެހެން ވެއްޖެނަމަ ނަތީޖާ ރަނގަޅު ނުވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހީމް ދީދީ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ޑރ. އިބްރާހީމް ދީދީ (ޑީޑީ) ވަނީ "ޒީރޯ ޓޮލަރެންސްގައި މަގުމައްޗަށް ނުކުންނަންޖެހޭ ހާލަތްތައް މެދުވެރި ނުކުރުމަށް" ފުލުހުންނަށް ގޮވާލާފަ އެވެ.

"ރައްޔިތުންގެ ވާޖިބަށް ފުލުހުން ހުރަސްއަޅާ ކަމަށްވަންޏާ ރައްޔިތުން ވެސް ޒީރޯ ޓޮލަރެންސްގައި ނުކުންނަން ޖެހިދާނެއޭ. ރައްޔިތުން ޒީރޯ ޓޮލަރެންސްގައި ނިކުތީމަ މާކަ ރަނގަޅެއް ނުވާނެ. ރައްޔިތުންނަށް ގާނޫނު އަސާސީގެ ފުރަތަމަ ބާބުގެ ހަތަރު ވަނަ މާއްދާގެ ދަށުން ރައްޔިތުން ޒީރޯ ޓޮލަރެންސްގައި މަގުމައްޗަށް ނުކުންނަންޖެހޭ ހާލަތްތައް ފުލުހުން އަޅުގަނޑުމެންނަށް މެދުވެރި ނުކުރައްވާށޭ،" އެމްޑީޕީގެ ކުރީގެ ރައީީސް ޑީޑީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ތިބީ ގާނޫނީ އިމުގެ ތެރޭގައި ކަމަށާއި މީގެ ހަފްތާއެއްގެ ކުރިން ބޭއްވި އެއްވުން ވެސް ބާއްވާފައި ވަނީ "ގާނޫނުގައިވާ ގޮތުގެމަތިން އެސްއެމްއެސް މެދުވެރިކޮށް ފުލުހުންނަށް އެކަން އެންގުމަށްފަހު" ކަމަށެވެ. ނަމަވެސް ވަކި ހިސާބަކުން ފުލުހުން އެ އެއްވުން ރޫޅާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޒީރޯ ޓޮލަރެންސްގައި ރައްޔިތުން ނުކުމެއްޖެނަމަ ރަނގަޅު ނުވާނެ ކަމަށް ޑީޑީ ވިދާޅުވި އިރު މި މަހުގެ އެއް ވަނަ ދުވަހު ބޭއްވި މުޒާހަރާގައި ހަމަނުޖެހުން އުފެދުމާއެކު ޗީފް ސްޕުރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ނަވާޒު މީޑީއާއަށް ވިދާޅުވެފައި ވަނީ ފުލުހުން ދެން ނުކުންނާނީ ޒީރޯ ޓޮލަރެންސްގައި ކަމަށެވެ.

މިރޭގެ ޖަލްސާގައި އިބްރާހީމް ދީދީ ވަނީ ރާއްޖޭގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުން އެކަށީގެންވާ ގޮތެއްގައި ޚިދުމަތް ނުލިބޭ ކަމަށް ވިދާޅުވެ، ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

"އަދިވެސް މާލޭ އެހެރަ ބޮޑު ހޮސްޕިޓަލް އައިޖީއެމްއެޗްގައި ސްޕެޝަލިސްޓުންގެ ޚިދުމަތް އެކަށީގެންވާ ވަރަށް ލިބެމުން ނުދޭ. އަދިވެސް އެތަނުގައި ޔޫރޮލޮޖިސްޓެއް ނެތް. އަދިވެސް އެތަނުގައި ކުޑަކުދިންގެ ޚާއްސަ އޯޕީޑީއެއް ނެތް. އަދިވެސް އެތަނުގައި އެކަށީގެންވާގޮތުގައި ހޭނައްތާ ޑޮކްޓަރުންނެއް ނެތް. އަދިވެސް އެތަނުގައި އެކަށީގެންވާ މިންވަރަކަށް މާބަނޑު މީހުންގެ ޚާއްސަ ޑޮކްޓަރުންނެއް ނެތް. މިހިރީ އަޅުގަނޑުމެންގެ ހާލަތު ހުރިގޮތް،" އިބްރާހީމް ދީދީ ވިދާޅުވި އެވެ.

ޑރ. އިބްރާހީމް ދީދީ މިހެން ވިދާޅުވެފައިވާއިރު ސަރުކާރުން ބުނެފައި ވަނީ އައިޖީއެމްއެޗަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރެވޭނީ އެއަށްވުރެ ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް މާލެ ސަރަހައްދުގައި ގާއިމްކޮށްގެން ކަމަށެވެ.

އެގޮތުން ހުޅުމާލޭގައި ޓާޝަރީ ހޮސްޕިޓަލެއް އިމާރާތްކޮށް މެނޭޖް ކުރުމުގެ އެއްބަސްވުމެއްގައި ސަރުކާރުން ވަނީ ރާއްޖެއިން ބޭރުގެ ދެ ކުންފުންޏަކާއެކު ސޮއިކޮށްފައެވެ.

ޖުމްލަ 159 އެނދުގެ އެ ހޮސްޕިޓަލްގެ ޚިދުމަތް ފެށުމުން މިހާރު ރާއްޖޭން ފަރުވާ ލިބެން ނެތް ބޮޑެތި ބަލިތަކަށް ފަރުވާދެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެ ހޮސްޕިޓަލްގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައި ވަނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

comment ކޮމެންޓް