ކުޑަކުދީންނަށް ކުރެވޭ ބޮޑެތި އަނިޔާ

ކުޑަކުދިންތަކެއް ރާއްޖޭގެ ރަށެއްގައި: ޖެންޑާ މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން 47 އިންސައްތަ މައްސަލައަކީ ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅޭ މައްސަލަތައް -- ސަން ފައިލް ފޮޓޯ

ކުޑަކުދީންނަށް އަނިޔާކުރުމުގެ ވާހަކަތައް ކުއްލިއަކަށް އިތުރުވެގެން ހިނގައްޖެއެވެ. ވ. ރަކީދޫގައި ކުޑަކުއްޖަކު މަރާލާފައި އޮއްވާ ފެނުނު ހިސާބުން ފެށިގެންނެވެ. އޭގެ ކުރީން، ދޭތެރެއަކުން އެފަދަ އަޑެއް އެރިނަމަވެސް، މި ވޭތިވެދިޔަ މަހެއްހައި ދުވަސް ވެގެން ދިޔައީ، ކުޑަކުދީންނަށް ކުރެވޭ އަނިޔާގެ ވާހަކަތައް މާ ގަދައަކަށް ދެކެވުނު ދުވަސްތަކަކަށެވެ.

ކީއްވެގެންބާވައެވެ؟ ރަކީދޫގެ ތުއްތުކުއްޖާއަށް ފަހު، ހަމަ ޙަޤީޤަތުގައި ވެސް ރާއްޖޭގައި އެ ފަދަ ކަންކަން ހިނގާ މިންވަރު އިތުރުވީ ބާވައެވެ؟

ކުޑަކުދީންނަށް އަނިޔާ ކުރުމަކީ، އިއްޔެއަކު މިއަދަކު ދިވެހީންގެ ތެރޭގައި ހިނގާންފެށި ކަމެއް ނޫނެވެ. މާ ކުރީންސުރެ ހިނގަމުން އަންނަކަމެކެވެ. ޖިސްމާނީ ގޮތުންނާއި ނަފުސާނީގޮތުން، ބޮޑެތި އަނިޔާތައް ކުޑަކުދީންނަށް ލިބެމުން އައިސްފައިވެއެވެ. އެހެންނަމަވެސް އެއީ މި ޒަމާނާ މުޅީން ތަފާތު ޒަމާނެކެވެ. މީޑިޔާގެ މާ ބޮޑު ދައުރެއް ނެތް ޒަމާނެކެވެ. ސޯޝަލް މީޑިޔާއޭ މި ކިޔާ ވަޞީލަތް، ހުވަފެނުން ވެސް ފެނިފައިވާ ޒަމާނެއް ނޫނެވެ. އެހެންކަމުން އެ ފަދަ ކަންކަން މީހުންނަށް އެނގޭ މިންވަރު ކުޑައީއެވެ. ޤައުމަށް އަޑު އަރާ މިންވަރު މަޑީއެވެ. އެ ފަދަ އަޑެއް ނުވެސް އަރަނީއެވެ.

ކުޑަކުދީންގެ ޙައްޤުތަކުގެ ވާހަކައަކީ ވެސް އޭރަކު އޮންނަ ވާހަކަތަކެއް ނޫނެވެ. އެއީ ޙައްޤެއް އޮތް ބަޔެއް ކަމެއް ވެސް އޭރަކު ނޭނގެއެވެ. ކުޑަކުދީންނަށް އަނިޔާ ކުރުމަކީ ކޮށްގެންވާނޭ ކަމެއް ނޫންކަމާއި، އެ ފަދަ ކަމެއް ކުރުމަކީ ކިހާވަރެއްގެ ކަމެއްކަމެއް އޭރަކު ނޭނގެއެވެ. އެހެންކަމުން އެއީ ގޯހެއްކަމަކަށް އޭރުގެ މުޖުތަމަޢަކަށް ނުވިސްނެއެވެ. ކޮންމެ މީހަކުވެސް ޤަބޫކުރަނީ، ތިމާގެ ދަރިއަކީ ތިމާގެ އަމިއްލަ ޙައްޤެއްކަމަށެވެ. ބޭނުން ގޮތެއް ހެދިދާނެއެވެ. އެކަމާ އެއްޗެއް ބުނެވޭނެ މީހަކު ނުހުންނާނެއެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގެ މީސްމީހުންނާ ވާހަކަދައްކައިލުމުން ފާހަގަކުރެވުނު ކަމަކީ، ރާއްޖޭގެ ކޮންމެ ހިސާބެއްގައި ވެސް (އުތުރާއި ދެކުނާއި މެދުރާއްޖެތެރޭގައި ވެސް) ކުދީންނަށް އަނިޔާކުރުމަކީ އޮތް ކަމެއް ކަމެވެ. ބައެއް ފަހަރު ބަސްނާހައިގެންނެވެ. ނުކިޔަވައިގެންނެވެ. ބައެއް ކަހަލަ ކުށްކުރާތީއެވެ. ވިޔާނުދައި ކަންކަމަށް އަރައިގަންނާތީއެވެ. އިސްލާޙުކުރުމަށް ދެވޭ އަދަބެއްގެ ގޮތުގައެވެ.

ކުދީންނަށް އަދަބު ދިނުމުގައި ފާހަގަކޮށްލެވޭ އެއްތަނަކީ، އޭރުގެ އެދުރުގެތަކާއި މަދަރުސާ މަކުތަބު ފަދަ ތަންތަނެވެ. އެދުރުމީހާ ކިތައްމެ ބޮޑު އަދަބެއް ދިނަސް، އެކަމާ އެއްޗެއް ބުނާނޭ މީހަކު ނުހުރެއެވެ. އަދި އެ އަދަބެއްގެ ސަބަބުން ތިމާގެ ދަރިފުޅަށް ކިތަންމެ ބޮޑު އަނިޔާއެއް ލިބިފައި ހުއްޓަސް، މައިންބަފައިން އެކަމަކާ އެއްޗެއް ނުބުނާނެއެވެ. އެއީ އެދުރުމީހާއަށް ލިބިފައި އޮތް ޙައްޤަކަށްވާތީއެވެ. ދަރިފުޅުގެ އުޅުން ވިޔާނުދާވެފައިވާތީ، އިސްލާޙުކުރުމަށް ކުރެވޭ ކަމަކަށްވާތީ ވެސް މެއެވެ.

އެދުރުގެތަކުގައި ނުވަތަ އޭރުގެ މަދަރުސާ މަކުތަބު ފަދަ ތަންތަނުގައި ދެވޭ މި ފަދަ ބައެއް އަދަބުތަކަށް ބަލައިލާނަމެވެ. އެއް އަދަބަކީ އެއްތޭލުން ނުފަދަ ފަތިގަނޑުން ކުދީންގެ އަތާއި ގައިގެ ބައެއް ތަންތަނުގައި ތެޅުމެވެ. ބައެއް ފަހަރު ޖަހައިލާލެއް ބާރުކަމުން ފަޅައިގެން ވެސް ދެއެވެ. މީގެ އިތުރުން ކުލާހުން ބޭރަށް ނެރި، މެންދުރުގެ ގަދަފަދަ އަވީގައި ގަޑި ދެގަޑިއިރު ކޮޅަށް ބަހައްޓައެވެ. ގުދަށް ބާއްވައެވެ.

ދާހިއްލާފޯވެ، ބޮލަށް އެނބުރުން އަރައި، ކަރުހިކިގެން ގޮސް ދޫނިކުންނަ ހިސާބަށް ދާންދެނެވެ. ދެ އަތް ދަމާފައި، އަތަށް ބަރު އަރުވާފައި ވެސް ބަހައްޓައެވެ. ދެ އަތް ކޮނޑުހުޅުން ވަކިވެގެން ހިނގައިދާނނެއޭ ހީވާވަރުވާންދެނެވެ. ކުރަފި ހިނި ކަނޑާ ބިޗޫ މީދާ ފަދަ ދިރޭ ތަކެތި އުޅޭ، އަނދިރި ގުދަނަށްލައި، ދޮރުލައްޕާފައި ބަހައްޓައެވެ. ބިރުން ފިތްކެނޑި، ރޮއިރޮއި ހަލާކުވާއިރު ވެސް ރަޙުމެއް ހަމްދަރުދީއެއް އޮތް ބަޔަކު ތިބޭހެނެއް ހިއެއް ނުވެއެވެ. އަދި ވެސް އެތައް އަދަބެކެވެ.

މައިންބަފައިންގެ ފުށުން ލިބޭ އަދަބު ވެސް ވަކި ސަހަލެއް ނޫނެވެ. ދަރީންގެ އުޅުން އިސްލާޙުކުރުމަށް ޓަކައި، ގިފިލީގައި ހުންނަ ފެންވަޅަށް ދަރިފުޅު ލާފައި ބަހައްޓައެވެ. އަތުންނާއި، އިލޮށިފަތި ފަދަ ތަކެތިން ހިތުހުރި ވަރަކަށް ތަޅާލައެވެ.

ރޭގަނޑު ގެއިން ބޭރަށް ނެރެ، ކަނު އަނދިރީތެރޭގައި އެތައް ދަމެއްވާންދެން ބަހައްޓައެވެ. ދުވާލު ހަތަރުދަމު ކައި އެއްޗެއް ނުދީ ބަހައްޓައެވެ. ހަނޑޫ ހުސްކޮށްފައި ހުންނަ ބޮޑެތި ސުތުލިގޯންޏަށްލައި ތުން އަސާފައި ބާއްވައެވެ. އަދި ކޮބައިތޯއެވެ. ދެ ލޮލަށް މިރުސް ފިތާފައި ނެރެ އަވީގައި ވެސް ބަހައްޓައެވެ. ވާނެ ވަރު އިހުސާސްކޮށްލަ ބަލާށެވެ. މިހިރީ މިއަދުގެ ބޮޑެތި މީހުން، އެ މީހުން ކުޑައިރު ތަޖުރިބާ ކޮށްފައި ހުރި ބައެއް ކަންކަމެވެ. މި ލިޔުން ކިޔުމުން، އެ ދުވަސްތައް ހަނދާނަށް އަންނާނެ އެތައް ބަޔަކު އުޅޭނެއެވެ.

މީހުން ބުނެއުޅެއެވެ. ކުދީންނަށް އަދަބު ދިން ދުވަސްވަރު ކުދީންގެ އުޅުން މާ ރަނގަޅެވެ. މިހާރު ކުޑަކުދީންގެ ޙައްޤުތަކާއި އޭތިމީތި އައިފަހުން މާ ގޯހެވެ. އެ މަޢުޟޫގައި އެއްޗެއް ބުނާކަށް ނެތީމެވެ. ބުނަން އޮތް އެއްޗަކީ ދަރިފުޅު ކިތަންމެ ގޯހަސް، ކިތަންމެ ނުލަފަޔަސް މި ފަދަ އަނިޔާއެއް ދަރިފުޅަށް ދޭތަން ބަލަން ހުންނާކަށް ބައްޕައެއްގެ ޙައިޞިއްޔަތުން ކެތެއްނުވާނެއެވެ. ކުދީންނަކީ ޟަޢީފު ބަޔެކެވެ. އެ ކުދީންނަށް އަނިޔާކޮށްގެން ހިތްހަމަޖެހުން ނުހޯދާށެވެ! ނުރުހޭކަމެއް ކުރިޔަސް، ޖިސްމާނީގޮތުންނާއި ނަފުސާނީގޮތުން ގެއްލުންލިބޭ ފަދަ އަދަބުތައް ނުދޭށެވެ! އަދަބޭ ކިޔަސް އެއީ ކުރެވޭ އަނިޔާއެވެ. އެކަމުގެ އަސަރު، އެ ކުދީން ބޮޑެތިވެ، ދިރިއުޅުމެއްފަށާ ދުވަހު، ޞީއްޙީ މައްސަލަތަކެއްގެ ގޮތުގައި ފެންނާން ފަށާނެއެވެ.

comment ކޮމެންޓް