އެމްއެންޕީގެ ރިޔާސީ ޓިކެޓު ނާޒިމަށް އަރުވައިފި

އެމްއެންޕީން މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޓިކެޓު، އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމަށް އެރުވުން --- ފޮޓޯ/ އެމްއެންޕީ

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ން މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޓިކެޓު އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމަށް އަރުވައިފިއެވެ.

ނާޒިމަށް އެމްއެންޕީން ރިޔާސީ ޓިކެޓު އަރުވާފައިވަނީ މިރޭ އާޓިފިޝަލް ބީޗު ސަރަޙައްދުގައި އެ ކަމައްޓަކައި ބޭއްވި ޚާއްސަ ޖަލުސާގައެވެ.

މި ޖަލްސާގައި ނާޒިމަށް ރިޔާސީ ޓިކެޓް ހަވާލު ކޮށްދެއްވުމަށް ފަހު އޭނާގެ ކެމްޕެއިން ވަނީ ރަސްމީކޮށް ލޯންޗްކޮށްފައެވެ. އެގޮތުން މި ކެމްޕެއިންގެ ޝިއާރެއްގެ ގޮތުގައި "އުޖާލާ ޒަމާން" ވަނީ ކަނޑައަޅާފައެވެ.

އެމްއެންޕީން މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޓިކެޓު، އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމަށް އެރުވުން --- ފޮޓޯ/ އެމްއެންޕީ

މީގެ އިތުރުން ކެމްޕެއިންގައި ބޭނުންކުރާ ލަވަ ވެސް ވަނީ ރަސްމީކޮށް އިފްތިތާހްކޮށްފައެެވެ. މި ރަސްމިއްޔާތުގައި އެމްއެންޕީގެ މެމްބަރުންނާއި ސަޕޯޓަރުން ވަނީ ބައިވެރިވެފައެވެ.

އެމްއެންޕީން ރިޔާސީ ޕްރައިމަރީއަށް ހުޅުވާލުމުން ކުރިމަތިލާފައިވަނީ ވެސް، ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވި ނާޒިމް އެކަންޏެވެ. ޕްރައިމަރީގައި ވާދަކުރާނެ އިތުރު މީހަކު ނެތުމުން އެމްއެންޕީގެ ރިޔާސީ ޓިކެޓްވަނީ ނާޒިމަށް ލިބިވަޑައިގެންފައެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބަށް ސިޔާސީ ޕާޓީތަކުން ތައްޔާރުވާން ފަށާފައިވާއިރު މިހާތަނަށް ރިޔާސީ ޓިކެޓް ކަށަވަރު ކުރައްވާފައިވާ އިތުރު ބޭފުޅުންނަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެމްޑީޕީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިތުރުން އަމިއްލަ ގޮތުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަދި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރުއެވެ.

އިދިކޮޅު ޕީޕީއެމުން ވެސް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އެ ޕާޓީގެ ރިޔާސީ ޓިކެޓު އަރުވައިފައެވެ. އެކަމަކު، ދަށު ކޯޓުން އެ މަނިކުފާނުގެ މައްޗަށް އިއްވި ޖަލު ހުކުމާ އެކު އެ މަނިކުފާނުގެ ކެންޑިޑޭޓު ކަމުގެ ޝަރުތު ހަމައެއްނުވާނެއެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީޚަކީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ.

comment ކޮމެންޓް