އެމްއޭސީއެލްގެ ޙައްޖު ދަތުރު ފަސް މުވައްޒަފަކަށް

އެމްއޭސީއެލް އިން މިއަހަރުު ޙައްޖަށް ދާން ހޮވުނު ފަސް މުވައްޒަފުންނަށް އެކަމުގެ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތު -- ފޮޓޯ/ އެމްއޭސީއެލް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މި އަހަރުު ޙައްޖަށް ދާން ހޮވުނު ފަސް މުވައްޒަފުންނަށް އެކަމުގެ ލިޔުން ހަވާލުކޮށްފިއެވެ.

ލިޔުން ހަވާލުކޮށްފައިވަނީ ހުޅުލޭ އައިލަންޑް ހޮޓަލުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.

އެ ފަސް މުވައްޒަފުންނަށް ލިޔުން ރަސްމީކޮށް ހަވާލުކޮށްދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މަހްޖޫބު ޝުޖާއުއެވެ.

މިކަމާ ގުޅިގެން 'ސަން' އާ ވާހަކަދައްކަވަމުން އެމްއޭސީއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއީ ކޮންމެ އަހަރަކު ވެސް ކުރަމުން އައި ކަމެއް ނަމަވެސް ކޮވިޑާއި ގުޅިގެން 2019ވަނަ އަހަރުން ފެށިގެން އެކަން މެދުކެނޑިފައިވާ ކަމަށެވެ.

ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު، މި އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް އިސްލާމިކް މިނިސްޓްރީން ރިޒާވްކޮށްފައިވާ ކޯޓާގެ ތެރެއިން އެމްއޭސީއެލްއަށް ލިބިގެންދިޔައީ 5 ޖާގަކަމަށް މީޑިއާ އޮފިޝަލް މައުލޫމާތުދެއެވެ.

އެ ކުންފުނިން ބުނި ގޮތުގައި މީގެ ކުރީ އަހަރުތަކެކޭ ވެސް އެއްފަދައިން، މި އަހަރު ވެސް ޙައްޖު ދަތުރަށް ޖާގައިގެ ފުރުޞަތު ދިނުމުގައި ކުންފުނިން ބަލާފައިވަނީ ކުންފުންޏަށް ޚިދުމަތް ކޮށްފައިވާ މުއްދަތަށާއި، ކުންފުނީގެ އުސޫލުތަކާއި އެއްގޮތައް އެކަށައަޅާފައިވާ ޝަރުތުތައް ހަމަވާ މުވައްޒަފުންނަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްއޭސީއެލްއިން ބުނި ގޮތުގައި މިކަމަކީ ކުންފުނީގައި ގިނަ ދުވަހު މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ކުރާ ކަމެކެވެ.

comment ކޮމެންޓް