ހުޅުމާލޭގައި މުޅިން އަލަށް މަގުހުރަސް ބައްތި ބޭނުންކުރަން ފަށައިފި

ހުޅުމާލޭގައި މަގުހުރަސް ބައްތި އިފްތިތާހްކުރުމުގެ ހަރަކާތުގެ ތެރެއިން -- ފޮޓޯ/ އާބަންކޯ

ހުޅުމާލެގައި މުޅިން އަލަށް "މަގުހުރަސް ބައްތި" ބޭނުންކުރަން ފަށައިފިއެވެ.

މިއަދު ހަވީރު ބޭއްވި ހާއްސަ ހަފުލާއެއްގައި މަގުހުރަސް ބައްތިތައް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

އާބަންކޯއިން ބުނީ މަގުހުރަސް ބައްތި ބެހެއްޓުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ، ހުޅުމާލޭގައި ދިރިއުޅުއްވާ ފަރާތްތަކާއި، އަދި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރަތް ކުރައްވާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ޤާއިމު ކޮށްދިނުން ކަމަށެވެ. އަދި، އެކަމުގެ ސަބަބުން މަގު ހުރަސް ކުރާ ފަރާތްތަކަށް ލުއި ފަސޭހަތަކެއް ވެގެންދާނެ ކަމަށް އާބަންކޯއިން ވަނީ ބުނެފައެވެ.

އެ ކޯޕަރޭޝަނުން ބުނީ ހުޅުމާލޭގެ އަށް ސަރަހައްދެއްގައި މަގުހުރަސް ބައްތި ހަރު ކުރުމަށް ހަމަޖެހިފައިވާއިރު އާއްމުން އެންމެ ގިނައިން ބޭނުން ކުރާ ކަފި ހުރަސްތައް އަދި މަގު ހުރަސް ކުރުމަށް ބޭނުންކުރާ ސަރަހައްދުތައް ދެނެގަނެ މި ތަންތަނަށް އިސްކަން ދެވޭނެ ކަމަށެވެ.

ހުޅުމާލޭގައި މަގުހުރަސް ބައްތި އިފްތިތާހްކުރުމުގެ ތެރެއިން -- ފޮޓޯ/ އާބަންކޯ

މިއަދުން ފެށިގެން ހުޅުމާލެ ހޮސްޕިޓަލް ކުރިމަތީގައި އެއް ލައިޓް އަދި ހިޔާ ސަރަހައްދުގައި އެއް ލައިޓް ބޭނުން ކުރާނެއެވެ.

މީގެން ކޮންމެ ލައިޓެއްގައި އިންނަ ފިތަށް ފިތާލުމުން އަމަލުކުރަންވީ ގޮތުގެ އިންޑިކޭޝަން ފެނިގެންދާނެއެވެ. އެގޮތުން ރަތް ބޮކީގައި މަޑުކުރަން، އަދި ހިނގައިގަންނަންވީމަ އޭގެން ބުނެދޭނެއެވެ. އެ ފިތަށް ފިތާލުމުން ކަނޑައެޅިފައިވާ ވަކި ވަގުތެއްގެ ތެރޭގައި ހުރަސްކުރަން އިންޑިކޭޓް ކުރާއިރު، ހުރަސްކުރުމަށް ވެސް ވަކި ވަގުތެއް ލިބިގެންދާނެއެވެ.

މަގުހުރަސް ބައްތި ނުވަތަ ޕެޑެސްޓްރިއަން ކްރޮސިން ލައިޓްތަކަކީ ދުނިޔޭގެ ގިނަ ޤައުމުތަކުގައި މިހާރު ވެސް ބޭނުން ކުރެވެމުން އަންނަ ލައިޓްތަކެކެވެ. އަދި، މި ލައިޓްތައް އާއްމުކޮށް ބަހައްޓަނީ ދުއްވާ އުޅަނދުތައް ހުއްޓުވައި، ހިނގާފައި ދާ ގިނަ އަދަދެއްގެ މީހުންނަށް ރައްކާތެރިކަމާ އެކު ހުރަސްކުރުމަށް ފަސޭހަ ކޮށްދިނުމަށެވެ.

comment ކޮމެންޓް