ނައީމާގެ މަރުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

ނ. މަނަދޫގައި މަރާލާފައި އޮއްވައި ފެނުނު އެ ރަށު އަންނާރުމާގޭ، ނައީމާ މޫސާ-- ފޮޓޯ/ ކިޔުންތެރިއެއް

ނ. މަނަދޫގައި، އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު އެ ރަށު އަންނާރުމާގޭ، ނައީމާ މޫސާގެ މަރުގެ މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

އެ މަރުގެ ތަހުގީގަށް މަހަކަށް ވުރެ ގިނަ ދުވަސް ވެފައިވަނިކޮށް މިއަދު ކުރެއްވި ޓުވީޓެއްގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ އެ މަރުގެ ތުހުމަތުގައި ދެ މީހަކު މިހާރު ފުލުހުންގެ ބެލުމުގައި ދަށުގައި އެބަތިބި ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ދެ ދިވެހި ޒުވާނުންނެވެ.

ޕޮލިސް ކޮމިޝަނަރު އިތުރަށް ވިދާޅުވި ގޮތުގައި ނާއީމާ މަރާލަން ބޭނުން ކުރި ކަމަށް ބެލެވޭ ތޫނު ދެ ހަތިޔާރެއް ވެސް ވަނީ ހޯދައިފައެވެ. އަދި، ގާތިލުން ލައިގެން ތިބި އަންނައުނު ވެސް ވަނީ އަންދާލުމަށް ފަހު، ވަޅުލާފައި ހުއްޓާ ހޯދާފައެވެ.

އަދި، އެ މަރާ ގުޅޭ މުހިއްމު ހެކިތަކެއް ހުރި ކަމަށް ބެލެވޭ ތަނެއް، ފުލުހުން ބަލައި ފާސްކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މަރުގެ މައްސަލަ ތަޙްޤީޤު ކުރުމުގެ ތަޖުތިބާކާރު، އިންސްޕެކްޓަރު މުހައްމަދު ސާމިހް އިސްކޮށް ހުރެ މާލެއިން ދިޔަ ޓީމާއި ނ. އަތޮޅުގެ ފުލުހުން، މި މަރުގެ ހަޤީޤަތް ހޯދާ އިންސާފު ޤާއިމްކުރުމަށް ކުރަމުންދާ ބުރަ މަސައްކަތް ފަޚްރުވެރިކަމާ އެކު ފާހަގަކުރަން،" ހަމީދު ވިދާޅުވިއެވެ.

ނައީމާ ޒަޚަމްތަކަކާ އެކު މަރުވެފައި އޮއްވައި ފެނުނީ މިދިޔަ އޭޕްރީލް މަހުގެ ފަސްވަނަ ދުވަހުން ފެށިގެން ޚަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް އޭގެ ދެ ދުވަސް ފަހުން އެ މަހުގެ ހަތްވަނަ ދުވަހުއެވެ.

ފުލުހުން ނައީމާގެ ކޮޓަރީގެ ދޮރު ހަލާކުކޮށްލައިގެން ވަންއިރު، އޭނާ އޮތީ ބިންމަތީގައި މަރުވެފައެވެ. އެނގިފައިވާ ގޮތުގައި އޭނާ މަރުވެފައި އޮތީ ގިނަ އަދި ބައެއް ބޮޑެތި ޒަޚަމްތަކަކާ އެކުއެވެ.

https://sun.mv/175900

މީގެ ކުރިން މި ވަރުގެ ހާދިސާއެއް ހިނގާފައިނުވާ މަނަދޫއަށް ވަނީ ނައީމާގެ މަރާ އެކު ބޮޑު ސިހުމެއް ގެނުވައިފައެވެ. އަދި، އެ މަރުގެ ތަހުގީގަށް އެ ރަށުން ގިނަ ބައެއްގެ ފިންގާޕްރިންޓާއި ޑީއެންއޭ ވެސް ފުލުހުން ވަނީ ނަގައިފައެވެ.

ނައީމާގެ މަރާ ގުޅޭ ގޮތުން ތަފާތު ތުހުމަތުތައް ރަށު މީހުން ކުރެއެވެ. އެކަމަކު، ރަސްމީ ހައިސިއްޔަތުން ފުލުހުން އަދި އެ މަރާ ބެހޭ މާ ގިނަ މައުލޫމާތެއް ހާމައެއް ނުކުރެއެވެ.

comment ކޮމެންޓް