އެމްބާޕޭ މޮޅު، އެކަމަކު ހާއްސަ ސަމާލުކަމެއް ނުދޭނަން: ކައިލް ވޯކާ

ކައިލް ވޯކާ (ކ) އަދި ކިލިއަން އެމްބާޕޭ (ވ) --

ފްރާންސްގެ ޒުވާން ތަރި ކިލިއަން އެމްބާޕޭ އަކީ ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިއަކަށްވީ ނަމަވެސް، އިންގްލެންޑު ޓީމުން ނުކުންނާނީ ހަމައެކަނި އެމްބާޕޭއަށް ހާއްސަ ސަމާލުކަމެއް ދީގެން ނޫންކަމަށް، އެޓީމުގެ ޑިފެންޑަރު ކައިލް ވޯކާ ބުނެފިއެވެ.

ހޮނިހިރު ދުވަހުގެރޭ 12 ޖަހާއިރު ފްރާންސާއި ދެކޮޅަށް މުބާރާތުގެ ކުއާޓާ ފައިނަލުގައި އިންގްލެންޑް ނުކުންނަ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ވޯކާ ބުނީ، މި މުބާރާތުގައި އެމްބާޕޭގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެންނަމުންދާ ކަމަށާއި، އެމްބާޕޭ ހުރީ ރަނގަޅު ފޯމެއްގައި ކަމަށެވެ.

ޕްރީ މެޗު ކޮންފަރެންސްގެ ތެރެއިން ކައިލް ވޯކާ --ފޮޓޯ/ގެޓީ އިމޭޖަސް

އަދި އެމްބާޕޭ އަކީ ފްރާންސްގެ އެންމެ ވަރުގަދަ އެއް ހަތިޔާރު ކަމަށާއި، އޭނާ ހުއްޓުވުމަކީ އުނދަގޫ ކަމަކަށްވާނެކަން ގަބޫލުކުރާ ކަމަށްވެސް ވޯކާ ބުނެފައިވެއެވެ.

އެހެންނަމަވެސް އެމްބާޕޭ އެކޭ އެއްފަދައިން ފްރާންސް ޓީމުގައި، ޒުވާން ހުނަރުވެރި ކުޅުންތެރިންނާއި ތަޖުރިބާކާރު ކުޅުންތެރިންވެސް އެބަތިބި ކަމަށާއި، އެމްބާޕޭއަށް ހާއްސަ ސަމާލުކަމެއް ދީގެން އޭނާއަށް "ރަތް ދޫލައިން" މަރުޚަބާ ނުކިޔާނެ ކަމަށް ވޯކާ ބުނެފައިވެއެވެ.

ވޯކާ އިތުރަށް ބުނީ މިއީ އިންގްލެންޑާއި އެމްބާޕޭގެ ކުރިމަތިލުމެއް ނޫން ކަމަށާއި، މިއީ އިންގްލެންޑާއި ފްރާންސްގެ ކުރިމަތިލުމެއް ކަމަށެވެ. އެހެންކަމުން އެމްބާޕޭ އަކީ ވަކި ކުޅުންތެރިއެއްގެ ގޮތުގައި ދެކި، އޭނާއަށް ވަކިން ހާއްސަ ސަމާލުކަމެއް ދިނުމަށް ޓީމުގެ ވިސްނުން ނެތްކަމަށް ވޯކާ ބުންޏެވެ.

ވޯކާ ވަނީ އިންގްލެންޑު ޓީމުގައިވެސް ޒުވާން، ހުނަރުން ފުރިފައިވާ ކުޅުންތެރިންތަކެއް ތިބިކަން ފާހަގަކޮށްފައެވެ. އެގޮތުން ޖޫޑް ބެލިންގްހަމްއާއި ފިލް ފޯޑަން އަދި ބުކާޔޯ ސަކާ ފަދަ ކުޅުންތެރިންނަކީ އިދިކޮޅު ޓީމުތަކުން ޖެހިލުންވާ ފެންވަރުގެ ކުޅުންތެރިންތަކެއްކަން ވޯކާ ފާހަގަކުރިއެވެ.

ޕޮލެންޑާއި ފްރާންސް ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އެމްބާޕޭ --ފޮޓޯ/ގެޓީ އިމޭޖަސް

ކުއާޓާ ފައިނަލުގައި އިންގްލެންޑުން ފްރާންސާ ދެކޮޅަށް ނުކުންނަ މެޗުގައި، އެމްބާޕޭގެ ނަން ވަކިން ފާހަގަކޮށް ނޫސްވެރިން ގިނަ ސުވާލުތަކެއް ވޯކާއާ އަމާޒުކުރިއިރު، އެމްބާޕޭ ވަނީ މިހާތަނަށް މި ފަހަރުގެ ވޯލްޑް ކަޕުގައި ފަސް ލަނޑު ޖަހާފައެވެ. އޭނާ އަކީ މިވަގުތު މުބާރާތުގެ ޓޮޕް ސްކޯރާވެސް މެއެވެ.

އުމުރުން އެންމެ 23 އަހަރުގެ އެމްބާޕޭ އަކީ، 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕް ފްރާންސްއިން ކާމިޔާބު ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރި ކުޅުންތެރިޔާއެވެ. އެ މުބާރާތުގައި އެމްބާޕޭ ހަތަރު ލަނޑު ޖަހާފައިވެއެވެ. އެ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއާގެ އެވޯޑުވެސް ލިބުނީ އެމްބާޕޭ އަށެވެ.

އެމްބާޕޭ ވަނީ ފްރާންސްގެ ގައުމީ ޓީމަށް މިހާތަނަށް ކުޅެދިން 66 މެޗުން 33 ލަނޑު ކާމިޔާބު ކޮށްދީފައެވެ. މިވަގުތު އެންމެ ބޮޑު މުސާރައެއް ލިބެމުން އަންނަ ފުޓުބޯޅަ ކުޅުންތެރިއަކީވެސް އެމްބާޕޭ އެވެ.

comment ކޮމެންޓް