ސަޕޯޓުކުރާ ޓީމުގެ މެޗު ބަލާއިރު ހެލްތީ ސްނެކެއް ޚިޔާރުކުރޭ

މާލޭގައި ވޯރލްޑް ކަޕްގެ ފޯރި --- ސަންފޮޓޯ/ ނާއިލް ހުސައިން

ވޯލްޑްކަޕްގައި ސަޕޯޓުކުރާ ޓީމުގެ މެޗުތައް ބަލާއިރު ހެލްތީ ސްނެކެއް ނުވަތަ ސިއްހަތަށް ފައިދާވާ ލުއިކާނާއެއް ޚިޔާރުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.

މެޗު ބަލާއިރު ނުވަތަ ފިލްމެއް ބަލާއިރު ވެސް އެކި ބާވަތުގެ ލުއިކާނާ ކެއުމަކީ އެންމެން ވެސް ކުރާ ކަމެކެވެ.

އޭގެ ތެރޭގައި ތެލުލައިފައި ހުންނަ ޗިޕްސް، ޕޮޕްކޯން، ޕިއްޒާ ހިމެނެއެވެ.

ހަމައެއާއެކު ގިނަ އަދަދަކަށް ހަކުރު ހިމެނޭ ކޯކާއި އެކި ބާވަތުގެ އެނާޖީ ޑްރިންކާއި ފިޒީ ޑްރިންކަކީ ވެސް އާންމު ގޮތެއްގައި މެޗެއް ނުވަތަ ފިލްމެއް ބަލާއިރު ކޮންމެހެން ވެސް ހުރުން މަޖުބޫރު ތަކެއްޗެވެ.

ނަމަވެސް އެޗްޕީއޭއިން މި ވަނީ ސިއްހަތަަށް ފައިދާހުރި ކާނާއެއް ސްނެކަކަށް ނަގަން އިލްތިމާސްކޮށް ޓްވީޓެއްކޮށްފައެވެ.

އެގޮތުން ލޮނާއި، ތެލާއި، ހަކުރު މަދު ބާވަތްތައް ނެގިދާނެކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އޭގެ ތެރޭގައި ތެލުލައިފައި ހުންނަ ޕޮޓޭޓޯ ޗިޕްސްގެ ބަދަލުގައި ފިހެފައި ހުންނަ ޗިޕްސާއި، ލޮނު ނުލައި ހުންނަ ނަޓްސްގެ ބާވަތްތައް ބޭނުންކުރެވިދާނެއެވެ.

ޕޮޕްކޯން ވެސް ލޮނުމަދުކޮށް ބޭނުންކުރެވޭނެއެވެ. މީގެ އިތުރުން ކެރެޓުފަދަ ތަރުކާރީގެ ބާވަތްތަކާއި މޭވާގެ ބާވަތްތައް ވެސް ބޭނުންކުރެވިދާނެކަމަށް އެޗްޕީއޭއިން ބުނެއެވެ.

ހެލްތީ ޗޮއިސްއެއް މާ އަގުބޮޑު

އެޗްޕީއޭގެ ޓްވީޓަށް ރައްދު ދިން ބައެއް މީހުން ބުނި ގޮތުގައި ހެލްތީ ޗޮއިސެއް ސްނެކަކަށް ޚިޔާރުކުރުމަކީ ވަރަށް އަގުބޮޑު ކަމެކެވެ.

"ހެލްތީ ސްނެކްސްއަށްވުރެ މާ އަގުހެޔޮ ޕިއްޒާ އެންޑް ކޯކު ވެސް،" އެ ޓްވީޓަށް ކުރި ކޮމެންޓެއްގައި މީހަކު ބުންޏެވެ.

އަގުތަކަށް ބަލާއިރު ނަޓްސްފަދަ ބާވަތްތަކަކީ އަގު ބޮޑު ތަކެއްޗެވެ.

އެގޮތުން ޕީނަޓްސްގެ 100 ގްރާމް އާންމު ގޮތެއްގައި ލިބެން ހުންނަނީ 25 ރުފިޔާއަށެވެ.

ކެޝޫނަޓްގެ 100 ގްރާމް ލިބެން ހުންނަނީ 35 ރުފިޔާއަށެވެ.

އެއީ ޖޫސްޕެޓީ ކޮތަޅެއްގެ އެއްބައި ފުރޭ މިންވަރެވެ.

ތަރުކާރީއާއި މޭވާއަކީ ވެސް ސްނެކެއްގެ ގޮތުގައި ކާން ބަލާއިރު އަގު ބޮޑު ތަކެެތިކަމަށް ގިނަ ބަޔަކު ބުނެއެވެ.

comment ކޮމެންޓް