ކޯޑި ކުޅެން ކަފަމާލި ހެދިގެން އުޅުނު މީހެއްގެ ގައިގައި ރޯވެ، ފިހިއްޖެ

ހާދިސާގައި ފިހުނު އުމުރުން 20 އަހަރުގެ ޒުވާނާ -- ފޮޓޯ/ ޑޯން ސްކައި

އަޟްހާ އީދުގެ އުފާ ފާޅު ކުރުމަށް، ށ. ޅައިމަގުގައި ކުރިއަށް ގެންދި ކުޅިވަރު ތަކުގެ ތެރޭގައި ކަފަމާލި ހެދިގެން އުޅުނު މީހެއްގެ ގައިގައި އަލިފާން ރޯވެ، ހަށިގަނޑުގެ ބައެއް ފިހިއްޖެއެވެ.

މި ހާދިސާ ހިންގާފައިވަނީ މިއަދު މެންދުރުފަހު 3:00 ގައެވެ.

ޅައިމަގު ކައުންސިލްގެ ރައީސް އާދަމް އަޒުމީރު "ސަން"އަށް ވިދާޅުވީ މި ހާދިސާގައި ފިހުނީ އުމުރުން 20 އަހަރުގެ ޒުވާނެއް ކަމަށެވެ.

"ކޯޑި ކުޅެން ވެގެން ކަފަމާލި ހެދީ. ދެން ކޯޑި ކުޅެ ނިންމާލި ވަގުތު އެކަން ހިނގީ. ކަފާގަ ރޯވެފަ ހުރީމަ މީހާގެ ހަށިގަނޑުން ބައެއް ވަނީ ފިހިފަ. ޒީރޯ ޓު ޓްވެންޓީ ޕަސެންޓޭ ޑޮކްޓަރު ބުނީ،" އާދަމް އަޒުމީރު ވިދާޅުވިއެވެ.

އަޒުމީރު ވިދާޅުވީ އެ ޒުވާނާ އަށް މި ވަގުތު އަންނަނީ ޅައިމަގު ސިއްހީ މަރުކަޒުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ކަމަށާއި ނަމަވެސް ހާލު ސީރިއަސް ނޫން ކަމަށެވެ.

comment ކޮމެންޓް