މުއިއްޒުގެ ޕްލޭން: މުޅި މާލެ ވައިފައި ކޮށް، ސީސީޓީވީ ނެޓްވޯކަކުން ގުޅާލަނީ

މާލެ މަތިން-- ސަން ފޮޓޯ/ފަޔާޒު މޫސާ

މުޅި މާލެ ސިޓީ ވައިފައިކޮށް، އެއް ނެޓްވޯކަކުން ގުޅާލައި ސީސީޓީވީ ހިދުމަތުން މުޅި މާލެ ސިޓީ މޮނިޓާކުރެވޭނެ ނިޒާމު ގާއިމުކުރަން މާލެ ސިޓީ ކައުންސިލްގެ ކުރިއަށް އޮތް ފަސް އަހަރުގެ އެކްޝަން ޕްލޭންގައި ހިމަނައިފި އެވެ.

"ރައްޔިތުން އެދޭ އަމާޒަށް" އެކްޝަން ޕްލޭން މިއަދު ވަނީ މާލޭ ސިޓީ ކައުންސިލުން ފާސްކޮށްފަ އެވެ. އެ އެކްޝަން ޕްލޭންގައި، "ޑިޖިޓަލް މާލެެ" ގެ ނަމުގައި މާލެ ސިޓީ ކައުންސިލްގެ ހުރިހާ މައުލޫމާތެއް އެއް ޕްލެޓްފޯމަކުން ފަސޭހައިން ހޯދާލެވޭގޮތަށް މުޅި މާލޭ ސިޓީ ކައުންސިލްގެ ހިދުމަތްތައް ޑިޖިޓަލައިޒްކޮށް ގޭގައި ތިބެގެން ހިދުމަތްތައް ހޯދަން ކޮންމެ ރައްޔިތަކަށްވެސް ފަސޭހަވާނެ މަގު ފަހިކޮށްދިނުމަށް މަޝްރޫއެއް ވަނީ ހިމަނައިފަ އެވެ.

އެ މަޝްރޫއުގެ ދަށުން، މާލެ ސިޓީ ކައުންސިލްގެ ހިދުމަތްތަކާ ގުޅޭ ރައްޔިތުންގެ ޝަކުވާތައް އަޑުއެހުމަށްޓަކައި 24 ގަޑިއިރު ރައްޔިތުންނަށް ހިދުމަތް ދޭ ކޯލް ސެންޓަރެއް ގާއިމްކުރުމަށް ވަނީ ރާވައިފަ އެވެ.

ހަމައެއާއެކު، ހުރިހާ ފަރާތްތަކުގެ ސީސީޓީވީ ވަސީލަތްތައްތަކުގެ ލިންކުތައް އެއްކޮށް މުޅި މާލެ ސިޓީ އެއް ނެޓްވޯކަކުން ގުޅާލައި ސީސީޓީވީ ހިދުމަތުން މުޅި މާލެ ސިޓީ މޮނިޓާ ކުރެވޭނެ
ނިޒާމު ގާއިމްކުރުން ވެސް އެކްޝަން ޕްލޭންގައިވެ އެވެ. އަދި މުޅި މާލެ ސިޓީ ވައިފައި ކުރުމަކީ ވެސް މަޝްރޫއުގެ ބައެކެެވެ.

މިއަދު އއެކްޝަން ޕްލޭން ފާސްކޮށް، ކުރިއަށް ދިޔަ ޖަލްސާގައި، މޭޔަރު މުހައްމަދު މުއިއްޒު ވިދާޅުވީ، އާ ކައުންސިލަކީ ސިޔާސީ ޖަގަހައަކަށް ނުވާނެ ކަމަށާއި، ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހުރިހާ ހިދުމަތެއް، އެއްވެސް ތަފާތުކުރުމެއްނެތި ފޯރުކޮށްދޭނެ ކަމަށެވެ.

މައިގަނޑު ހަތް އަމާޒެއް ހިފައި، އެކުލަވާލާފައިވާ އެކްޝަން ޕްލޭންގައި، މާލެ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމުގައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ގިނަ ކަންތައްތަކެއް ވަނީ ހިމަނައިފަ އެވެ. އަދި މާލެ އަކީ "ޗާލު" އަދި ހިތްފަސޭހަ ތަނަކަށް ހެދުމަށް ވެސް ގިނަ ޕްލޭންތަކެއް އެބަހުއްޓެވެ. ހަމައެއާއެކު މާލެ ސިޓީ އަކީ ޑިޖިޓަލް ތަނަކަށް ހަދައި، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް ވެސް ކަންކަން ރާވާފައި އެބަހުއްޓެވެ.

https://sun.mv/152355

comment ކޮމެންޓް