އެންމެ ގިނަ ޕޮޒިޓިވް ކޭސް 18-39 އަހަރާ ދެމެދުގެ އުމުރު ފުރާއިން

މާލެ މަގުމަތި --ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި މިވަގުތު 15،900 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެ ފަރުވާ ހޯދަމުންދާއިރު، އެންމެ ގިނަ ޕޮޒިޓިވް ކޭސް ފެނިފައިވަނީ އުމުރުން 18 އަހަރާ 39 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ކަމަށް ބުނެފި އެވެ.

މިރޭ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވަނީ ކޮވިޑަށް ފަރުވާ ހޯދަމުންދާ މީހުންގެ އުމުރުފުރާ ތަކަށް ބިނާކޮށް މައުލޫމާތު ހިއްސާކޮށްފަ އެވެ.

އޭގެ ތެރެއިން 1،663 ކުދިންނަކީ 10 އަހަރުން ދަށުގެ ކުދިންނެވެ. 10-18 އަހަރާ ދެމެދުގެ 1،449 ކުއްޖަކު ޕޮޒިޓިވް ވެފައިވާއިރު، 18-39 އަހަރާ ދެމެދުގެ 7،495 މީހަކު އަދި 40-59 އަހަރާ ދެމެދުގެ 3،185 މީހަކު، 60 އަހަރުން މަތީގެ 927 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައި އެބަތިއްބެވެ. އަދި އުމުރު ފުރާ ދެނެ ނުގަނެވޭ 284 މީހަކު ތިބި އިރު އޭގެ ތެރޭ ބިދޭސިން ވެސް ހިމެނޭ ކަމަށް މަބްރޫކު ވިދާޅުވި އެވެ.

މިވަގުުތު ޕޮޒިޓިވް ކޭސް ތަކަށް ބަލާއިރު އެންމެ ގިނައީ ދިވެހިންނެވެ. 12،013 ދިވެހިން މިވަގުތު ޕޮޒިޓިވް ވެފައިއެބަ ތިއްބެވެ. ބަންގްލަދޭޝްގެ 1،371 މީހަކު އަދި އިންޑިއާގެ 893 މީހަކު، ލަންކާގެ 205 މީހަކު އަދި ނޭޕާލްގެ 174 މީހަކު މިވަގުުތު ދަނީ ބައްޔަށް ފަރުވާ ހޯދަމުންނެވެ.

މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން 262 މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާއިރު 16 މީހަކު ތިބީ އައިސީޔޫގަ އެވެ. އެގެ ތެރެއިން 10 މީހަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގަ އެވެ.

މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ 28،459 އަށް އަރާފައިވާއިރު ބަލީގައި 97 މީހަކު ވަނީ މަރުވެފައެވެ. މިއަދުވެސް ކޮވިޑުގައި ރާއްޖެއިން ތިން މީހަކު މަރުވެފައި ވެއެވެ.

comment ކޮމެންޓް