މިއީ އާންމު ހާލަތަށް އަންނަން ރައްޔިތުން ތައްޔާރުވާންވީ ވަގުތު: މަބްރޫކް

މަބްރޫކް: އޭނާ ވިދާޅުވީ ސަރުކާރު ބަންދުކޮށްފައިވާ މި ދުވަސްތަކުގައި ރައްޔިތުން ތައްޔާރު ވުމަށް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ބަންދުކޮށްގެން އަބަދު ނުތިބެވޭނެ ކަމަށާއި އެހެން ކަމުން ސަރުކާރު ބަންދުކޮށްފައިވާ މި ދުވަސްތަކުގައި އާންމު ދިރިއުޅުމަށް އެނބުރި ދިޔުމަށް ރައްޔިތުން ތައްޔާރު ވުމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ގޮވާލައްވައިފި އެވެ.

ކޮވިޑް-19 ރާއްޖެއިން ފެނުމާ އެކު އެ ބަލި ފެތުރުނަ ނުދިނުމަށް ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ހަތަރުވަނަ ހަފްތާއަކަށް ސަރުކާރު އޮފީސްތަކާއި ސުކޫލް ކޮލެޖުތައް މިވަނީ ބަންދުކޮށްފަ އެވެ. އިޖުތިމާއީ ގައިދުރުކަން ހިޔާރުކޮށް ޒަރުރީ ބޭނުމަށް ނޫނީ ގެއިން ބޭރަށް ނުދިއުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ސިލްސިލާ ގޮތެއްގައި ދަރުބާރުގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ކޮންމެ ވެސް ދުވަހަކުން ރާއްޖެ އާންމު ހާލަތަކަށް އަންނަން ޖެހޭނެ ކަމަށާއި ނަމަވެސް އެ އާންމު ހާލަތަކީ ކުރިން ދިރިއުޅުނު އާންމު ހާލަތަށް ނުވެދާނެ ކަމަށެވެ. އެހެން ކަމުން މި ފުރުސަތުގެ ބޭނުން ހިފާ އާންމު ދިރިއުޅުމުގައި މުޅިން އާ އާދަތަކެއް ގެންގުޅުމަށް ތައްޔާރުވުމަށް މަބުރޫކް ގޮވާލެއްވި އެވެ.

"މިހާރު ލިބިފައި މިއޮތް ވަގުތަކީ އެހެން ގައުމުތަކަށް ބަލައިފިއްޔާ މިގޮތަށް ލިބޭ ދުވަސް ކޮޅަކީ އެގައުމުތަކުގެ ރައްޔިތުން މިދުވަސްކޮޅު ބޭނުންކުރަނީ ދެން އަންނަ ހާލަތަށް ތައްޔާރުވުމުގެ ގޮތުން. އޭގެ މާނައަކީ ތަންތަނަށް ދާއިރުގައި ތޮއްޖެހިފައި ހުންނަ ތަންތަނަށް ނުދިއުން ފަދަ ކަންކަން ދަސްކުރަން،" މަބްރޫކް ވިދާޅުވި އެވެ.

އެގޮތުން، ފިހާރަތަކަށް ދާއިރު އެއްޗެހީގައި އަތް ނުލުމަށާއި ކޭޝް ލެސް ކޮށް އުޅެން ދަސްކޮށް އޮންލައިންކޮށް ނުވަތަ ކާޑުން ޓްރާންސްސެކްސަން ހެދުމަށް މަބްރޫކް ގޮވާލެއްވި އެވެ. އަދި ވިދާޅުވީ، ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅަތައް ގޭ ތެރޭގައި ވެސް ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ. އަދި ވިޔަފާރިތައް ވެސް ކުރިއެރުވުމަށް އާ އީޖާދީ ގޮތްތައް ހޯދަން ޖެހޭކަން މަބުރޫކް ފާހަގަ ކުރެއްވި އެވެ.

"ވަރަށް ރަނގަޅަށް އެހެން ގައުމުތަކުގައި ބޭނުން ހިފާފައި އެބަހުރި. އެހްންވީމަ އަޅުގަނޑަށް ހީވަނީ މި ލިބޭ ދުވަސްކޮޅުގެ ތެރޭގައި އެ ގޮތަށް ވިސްނަވައިގެން ދެން އަންނަ އާންމު ހާލަތަށް ތާއްޔާރުވުމުގެ ގޮތުން ކުރެވޭނެ ކަންތައްތައް ހަމެކަނި ގެތަކުގައެއް ނޫން. މިހާރު މިލިބިފަ އޮތް ވަގުތުގެ ތެރޭގައި ކޮމިއުނިޓީ ސްޕްރެޑެއް ވެސް ރާއްޖަގައި ވެސް ނެތް ވަގުތުގެ ތެރޭގައި ހުރިހާ ވިޔަފާރީއަކުން ވެސް އެބަޖެހޭ ވިޔަފާރީތައް ތަރައްގީ ކުރަން އާ ގޮތް ގޮތަށް އާ އީޖާދީ ގޮތްތަކެއް ހޯދަން،" މަބްރޫކް ވިދާޅުވި އެވެ.

އުޅޭ އުޅުމުގައި ކަންތައް ކުރާނެ ގޮތް އިތުރު ގޮތްތަކަށް ބަދަލުކުރަން ޖެހޭ ކަން ފާހަގަކޮށް މަބްރޫކް ވިދާޅުވީ، މިހާރު ލިބިފައި އޮތް ވަގުތުކޮޅުގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ މުހިންމު ކަމެއް ކަމަށެވެ.

comment ކޮމެންޓް