ބަނގުރަލާއެކު އައްޑޫ އިން ދެ މީހަކު ހައްޔަރު ކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއް : ފޮޓޯ: ފުލުހުން

އައްޑޫ ސިޓީގައި ފުލުހުން ރޭ ކުރިއަށްގެންދިޔަ ދެ އޮޕަރޭޝަނެއްގައި ބަނގުރަލާއެކު ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި ދެ އޮޕަރޭޝަނެއްގައި، އައްޑޫ ސިޓީ ފޭދޫން މަސްތުވާތަކެތި ހޯދައި، މަރަދޫ އިން ބަނގުރާފުޅި ތަކަކާއެކު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މަރަދޫގައި ބަޔަކު ބަނގުރާ ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ އަންހެނަކާއި 41 އަހަރުގެ ފިރިހެނެއް ކަމަށާއި ރޭ ހިންގި އެ އޮޕަރޭޝަނުގައި އެ ދެ މީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު ފަސް ފުޅި ބަނގުރާ ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ފޭދޫން މީދުއަށް މަސްތުވާތަކެތި ގެންދަންއުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ހިންގި އޮޕަރޭޝަނުގައި ބޯޓަކަށް އަރުވާފައިހުރި ފޮށިގަނޑެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅަކާއި ޕާޓީ ޑްރަގްސް ކަމަށް ބެލެވޭ ބޭސްގުޅަ ތަކެއްގެ އިތުރުން މަނާ ބޭސްތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލާގައި އަދި މީހަކު ހައްޔަރު ނުކުރާ ކަމަށާއި ދެ މައްސަލަވެސް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް