ޑަބްލިއުއެޗްއޯގެ އެހީތެރިކަމަށް ރައީސް އެދިވަޑައިގެންފި

ރައީސް ސޯލިހް ޓެޑްރޯސްއާ ފޯނުން ގުޅުއްވާ ވާހަކަ ދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް

ކޮރޯނާވައިރަސް، ކޮވިޑް19އާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޯސް އަދޮނަމް ގެބްރެޔުސެސްއާ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ފޯނުން ގުޅުއްވާ މަޝްވަރާކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ސޯލިހާއި ޓެޑްރޯސް މިއަދު ފޯން ކޮންފަރެންސް މެދުވެރިކޮށް މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

ރައީސް އޮފީހުން ބުނީ، މި މަޝްވަރާގައި، ކޮރޯނާވައިރަސް އިން ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތައް ރައީސް ސޯލިހް ޓެޑްރޯސްއާ ހިއްސާ ކުރެއްވި ކަމަަށެވެ. އެގޮތުން މިހާތަނަށް ރާއްޖެއިން 19 ކޭސް ފެނިއިވާއިރު، ކޮމިއިނިޓީ ސްޕްރެޑެެއް ރާއްޖޭގައި ނެތް ކަމަށް ރައިސް ޓެޑްރޯސްގެ އަރިހުގައި ދެންނެވި އެވެ. އަދި މި ބަލިމަޑުކަމާ ގުޅިގެން ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް އެހީތެރިވެވިދާނެ ގޮތްތަކާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ޑަބްލިއުއެޗްއޯ އިން ދާދި ފަހުން ވަނީ ރާއްޖެއަށް ކޮވިޑް19ގެ ޓެސްޓު ކިޓުތަކެއް ހަދިޔާކޮށްފަ އެވެ. ރައީސްގެ ފޯނުކޯލުގައި ވަނީ އެކަމަށްޓަކައި ޝުކުރުވެސް އަދާކުރައްވާފަ އެވެ. މީގެ އިތުރުން ވައިރަހާ ގުޅިގެން ޑަބްލިއުއެޗްއޯ އިން ކުރަމުންދާ މަސައްކަތައްވެސް ރައީސް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. އެ ޝުކުރުގައި ރާއްޖޭގައި ހަރަކާތްތެރިވާ ޑަބްލިއުއެޗްއޯގެ ޓީމުވެސް ކުރަމުންދާ މަސައްކަތް ރައީސް ފާހަގަ ކުރެއްވި އެވެ.

ކޮރޯނާވައިރަސްއަށް ރާއްޖެއިން މިހާތަމަށް 19 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 13 ބިދޭސީން ވަނީ ވައިރަހުން ރަނގަޅުވެފައެވެ. މިހާރު ރާއްޖޭގައި ވައިރަސް ޖެހިގެން ފަރުވާދެމުން ދަނީ އިނގިރޭސީވިލާތުން އައިފަހުން ކަރަންޓީން ކުރި ހަތަރު ދިވެހިން އެކަންޏެވެ.

ކޮރޯނާވައިރަސް ރާއްޖޭގައި ފެތުރުނަނުދިނުމަށް ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން މިދިޔަ މަހު 13 ވަނަ ދުވަހު އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ 30 ދުވަހަށް އިއުލާންކޮށްފައެވެ. އެއާކު މިހާތަނަށް ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން އޮންއެރައިވަލް ވިސާ ދިނުން ހުއްޓާލުމާއި ކޮރޯނާ ފެތުރިފައިވާ ނުވަ ގައުމަކުން މީހުން އައުން ވަނީ މަނާކޮށްފަ އެވެ. އަދި ސުކޫލްތަކާއި ޔުނިވާސިޓީތަކާއި ސަރުކާރުގެ އޮފީސްތައްވެސް ވަނީ ބަންދުކޮށްފަ އެވެ.

comment ކޮމެންޓް