ގަތަރުން އިޓަލީ އަށް ބޭހާއި ސިއްޙަތާބެހޭ ސާމާނާއި ދެ ހޮސްޕިޓަލް ފޮނުވައިފި

ގަތަރުން އެހީގެ ޝިޕްމަންޓް ފޮވި އަސްކަރީ ބޯޓުތަކުގެ ތެރެއިން ބޯޓެއް

ދައުޙާ (8 އެޕްރީލް 2020) : ކޮރޯނާ ވައިރަސް ފެތުރުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ އިޓަލީއަށް އަރަބި ކުޑަ އަދި މުއްސަނދި ގައުމެއް ކަމަށްވާ ގަތަރުން ބޭހާ ސިއްޙަތާބެހޭ ސާމާނުގެ ބޮޑު ޝިޕްމަންޓެއް ފޮނުވައިފި އެވެ.

ގަތަރުގެ ރަސްމީ ނޫސްއެޖެންސީން ބުނީ ގަތަރުން އިޓަލީއަށް ބޭހާ ސިއްޙަތާ ބެހޭ ރައްކާތެރިކަމުގެ ސާމާނު ފޮނުވީ ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު ބިން ޚަލީފާ އާލްޘާނީގެ ޚާއްސަ އަމަރުފުޅަކަށް ކަމުގަ އެވެ.

ގަތަރުން އިޓަލީއަށް ފޮނުވި އެހީގެތެރޭގައި އެތައް ޓަނެއްގެ ބޭހާއި ސިއްޙަތާބެހޭ ރައްކާތެރިކަމުގެ ސާމާނުގެ އިތުރުން ރާވާލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ފީލްޑް ހޮސްޕިޓަލުގެ ދެ ހޮސްޕިޓަލް ހިމެނެ އެވެ. މިދެ ހޮސްޕިޓަލުގެ ތެރެއިން އެއްހޮސްޕިޓަލަކީ 5200 އަކަ މީޓަރުގެ ހޮސްޕިޓަލެކެވެ. އަނެއް ހޮސްޕިޓަލަކީ 4000 އަކަ މީޓަރުގެ ހޮސްޕިޓަލެކެވެ. މި ދެހޮސްޕިޓަލުގައި ޖުމްލަ 1000 އެނދު ހިމެނޭކަމަށް ވެސް ގަތަރުގެ ރަސްމީ ނޫސްއެޖެންސީން ބުނެ އެވެ.

ގަތަރުން އިޓަލީ އަށް ދިން ދެ ހޮސްޕިޓަލް އިޓަލީ އަށް ގެންދިޔައީ ގަތަރުގެ ވައިގެ ސިފައިންގެ ޓްރާންސްޕޯޓް ދެ މަތިންދާ ބޯޓް ގައެވެ. ބޭހާއި ސިއްޙަތާބެހޭ ރައްކާތެރިކަމުގެ ސާމާނު ފޮނުވީ ގަތަރުގެ ވައިގެ ސިފައިންގެ އަސްކަރީ ކާގޯ ދެ ބޯޓު ގަ އެވެ.

އިޓަލީއަކީ ކޮރޯނާ ވައިރަސްގެ ސަބަބުން ދުނިޔޭގައި އެންމެ ބޮޑަށް ހާލުގައި ޖެހުނު ގައުމެވެ. އެރޯގާ ގައި މިހާތަނަށް އިޓަލީން 17 ހާހަށް ވުރެ ގިނަމީހުން މަރުވެފައިވާ އިރު 135 ހާސް މީހުން އެރޯގާގެ ޝިކާރައަކަށް ވެފައިވެ އެވެ.

އިޓަލީގައި މިހާގިނަ ބަޔަކު ކުޑަދުވަސްކޮޅެއްގެ ތެރޭގައި މަރުވީ ކޮރޯނާ ވައިރަސް އާ ކުރިމަތިލުމުގެ ގާބިލްކަން އިޓަލީގެ ހޮސްޕިޓަލްތަކުގައި ނެތުމުންނެވެ. އަދި އެ ރޯގާ ފެތުރިގެންދިޔުން ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމުގައި އިޓަލީ ސަރުކާރު ނާކާމިޔާބު ވުމުގެ ސަބަބުންނެވެ.

މީގެއިތުރުން ކޮރޯނާ ވައިރަސް ޖެހޭމީހުންގެ ތެރެއިން ގިނަ ބަޔަކު ނޭވާލުމަށް އުނދަގޫވެ އައިސީޔޫ އަށް ގެންދަންޖެހުނުއިރު އެމީހުންނަށް ފަރުވާދިނުމަށް ބޭނުންވާ ވެންޓިލޭޓަރު ފަދަ މެޝިންތައް ވެސް އިޓަލީގައި ވަރަށް މަދު އަދަދެއް ނޫނީ ނެތްކަމަށްވެއެވެ.

ކޮރޯނާ ވައިރަސް އާ ގުޅިގެން އިޓަލީއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ ޗައިނާއާއި ރަޝިއާއިންނެވެ. ނަމަވެސް ފަހުން ތުރުކީއާއި މިސްރާއި އެމެރިކާއިންވެސް އިޓަލީއަށް ބޭހުގެ އެހީތައް ފޯރުކޮށްދީފައިވެ އެވެ. އިޓަލީއަށް ކުރިމަތިވެފައިވާ ސިއްޙަތާބެހޭ ސާމާނު މަދުވުމުގެ މައްސަލަ އަދިވެސް މުޅިން ހައްލު ކުރެވިފައެއް ނުވެއެވެ. (ގަތަރުގެ ރަސްމީ ނޫސްއެޖެންސީ + އަލްޖަޒީރާ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު