ޓީއެމްއޭ މުވައްޒަފުންގެ މުސާރައިން 50 ޕަސެންޓު އުނިކޮށްފި

ޓީއެމްއޭގެ ސީޕްލޭންތަކެއް-- ސަން ފޮޓޯ

ކޮވިޑް19އާ ގުޅިގެން ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައިން ބޮޑު ބައެއް އުނިކޮށް، ކޮންޓްރެކްޓް މުއްދަތު ކުރުކޮށްފި އެވެ.

'ސަން'އަށް އެނގިފައިވާ ގޮތުގައި ޓީއެމްއޭއިން ބައެއް މުވައްޒަފުންގެ މުސާރައިން 50 ޕަސެންޓު ވަނީ އުނިކޮށްފައެވެ.

އެކުންފުނިން މުވައްޒަފުންނާއެކު ހަދާފައިވާ ކޮންޓްރެކްޓަށް ވެސް ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ.

އެގޮތުން މުވައްޒަފުންނާއެކު އަލަށް ކޮންޓްރެކްޓް ހަދާފައިވަނީ ހަތަރު މަސް ދުވަހުގެ މުއްދަތަކަށެވެ.

އެ މުއްދަތުގެ ތެރޭގައި ކޮވިޑް19އާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެފައިވާ ހާލަތު ބަދަލު ނުވެއްޖެނަމަ ޓީއެމްއޭގެ ގިނަ އަދަދެއްގެ މުވައްޒަފުންގެ ވަޒީފާ ގެއްލިގެންދާނެ އެވެ.

މިހާރު ވެސް ދުނިޔޭގެ 20 ގައުމަކަށް ނިސްބަތްވާ 1000އަށް ވުރެ ގިނަ މުވައްޒަފުން އެކުންފުނީގައި ދަނީ މަސައްކަތް ކުރަމުންނެވެ.

ކޮވިޑް19އާ ގުޅިގެން ރާއްޖޭން އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލުމާއެކު ރާއްޖެއަށް ފަތުރުވެރިން އައުން މި ދުވަސްވަރު އޮތީ މަޑުޖެހިފަ އެވެ.

އެއާއެކު އެ ސިނާއަތުން ލިބޭ އާމްދަނީއަށް ބަރޯސާވެފައި އޮންނަ ޓީއެމްއޭގެ ދަތުރުތަކަށް އައި ހީނަރުކަމާއެކު އެ އެއާލައިންގެ ގިނަ އެއާކްރާފްޓުތައް ވަނީ ގްރައުންޑުކޮށްފަ އެވެ.

ކޮވިޑް19އާ ގުޅިގެން އިގްތިސާދީ ހީނަރުކަމެއް ކުރިމަތިވި ނަމަވެސް މުވައްޒަފުންގެ ވަޒީފާގެ ހާލަތަށް ބަދަލު ނުގެނައުމަށް ސަރުކާރުން ދަނީ އިލްތިމާސް ކުރަމުންނެވެ.

މި ހާލަތުގައި ވަޒީފާ ގެއްލޭ ފަރާތްތަކުގެ މައުލޫމާތު އެއްކުރުމަށް ގާއިމްކޮށްފައިވާ ޖޮބް ސެންޓަރު ޕްލެޓް ފޯމަށް 185 މީހެއް ވަޒީފާއިން ވަކިކުރިކަމުގެ ޝަކުވާ މިހާތަނަށް ވަނީ ހުށަހަޅާފަ އެވެ. އަދި ނޯ ޕޭ ލީވްއަށް ދިއުމަށް އަންގައިގެން 245 މީހުން ހުށަހަޅާފައިވާ އިރު، 113 މީހުންގެ މުސާރަ ކުޑަކޮށްގެން ޝަކުވާ ހުށަހަޅާފައިވެ އެވެ.

comment ކޮމެންޓް