އިންތިހާބީ މަގާމުތަކަށް ރައީސް ބަޔަކު އައްޔަނެއް ނުކުރާނެ: ނަޝީދު

ފެބްރުއަރީ 21، 2020: އެމްޑީޕީން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކެމްޕެއިން، "ރަށްވެހި ފަތިސް" އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ޑިމޮކްރަސީގެ ލާމަސީލު މިސާލެއް ކަމަށާއި އިންތިހާބީ މަގާމުތަކަށް އެމަނިކުފާނު ބަޔަކު އައްޔަންކުރައްވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވެއްދެން މިހާރު އިންތިހާބުވެފައި ތިބި ކައުންސިލަރުން މަގާމުގައި ތިބެވޭގޮތަށް، ދައުރު ދިގު ދަންމާލަން ގާނޫނު އަސާސީއަށް ވަނީ އިސްލާހެއް ހުށަހަޅައިފަ އެވެ.

ނަމަވެސް ގާނޫނު އަސާސީއަށް އިސްލާހު ނުގެނެސް، މައްސަލައަށް ހައްލެއް ހޯދަން މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސްގައި، ބައެއް މެމްބަރުން ވިދާޅުވެފައި ވަނީ، ރައީސަށް ކައުންސިލްތަކަށް މީހަކު އައްޔަން ކުރެވިދާނެ ކަމަށެވެ.

އެވާހަކައަށް އިޝާރާތް ކުރައްވައި މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ޑިމޮކްރެޓިކް އުސޫލުތައް ގަބޫލުކުރައްވާ ބޭފުޅަކަށް، އިންތިހާބީ މަގާމަކަށް ބަޔަކު އައްޔަން ކުރަން ވަރަށް އުނދަގޫ ވާނެ ކަމަށެވެ.

"އަޅުގަނޑު ދަންނަ ރައީސުލްޖުމްހޫރިއްޔާއެއް އަޅުގަނޑު ދެކޭގޮތުގައި އިންތިހާބީ މަގާމުތަކަކަށް މީހުން އައްޔަނެއް ނުކުރާނެ... އަޅުގަނޑު ދެކެނީ އަޅުގަނޑު ހިތުގެ އަޑިން ގަބޫލުކުރަނީ އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ އަކީ ޑިމޮކްރަސީގެ ލާމަސީލެއް ކަމަށް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މިކަމާ ގުޅޭގޮތުން ރައީސް އާ ވަކިން މަޝްވަރާވެސް ކުރެވިދާނެ ކަމަށެވެ.

ކައުންސިލްތަކުގެ މުއްދަތު ހަމަވުމުން ދެން ކަން ކުރާނެ ގޮތަކާ މެދު ހިޔާލު ތަފާތުވެފައިވާ މި ދަނޑިވަޅުގައި މަޖިލީހުން އެކަމަށް ހައްލު ހޯދައިދޭނެ ކަމަށާއި އެކަމާ ރައިސުލްޖުމްހޫރިއްޔާ ވެސް އަދި އެއްވެސް ރައްޔިތަކު ކަންބޮޑުވެވަޑައިނުގަތުމަށް ނަޝީދު އިއްޔެ ވަނީ އެދިވަޑައިގެންފަ އެވެ.

comment ކޮމެންޓް