"ބާސެލޯނާ ދޫކޮށް މެސީ ދިޔަސް، ސްޕެނިޝް ލީގުގެ ޑްރާމާ ބޮޑެއް ނުވާނެ"

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ ----

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ އެކުލަބު ދޫކޮށް ދިޔަ ނަމަވެސް ސްޕެޝް ލީގުގައި ޑްރާމާއެއް ނުއުފެދޭނެ ކަމަށް ސްޕެނިޝް ލަ ލީގާގެ ރައީސް ހެވިއާ ޓެބަސް ބުނެފި އެވެ.

ބާސެލޯނާގެ ޔޫތް ޓީމުން ފުޓުބޯޅަ ހަޔާތް ފެށި މެސީ އެކުލަބުގައި މިވީހާ ދުވަހު ކުޅުނު އިރު ވެސް އޭނާ އެކުލަބު ދޫކޮށްލާނެ ކަމުގެ އެއްވެސް އިޝާރާތެއް ކޮށްފައެއް ނުވެ އެވެ. އެހެން ނަމަވެސް އެހެނިހެން އެތައް ކުލަބުތަކަކުން މެސީ ގެންދިއުމަށް އަބަދުވެސް ބޮޑެތި އަގުތަށް ހުށައަޅައި، ޝައުގުވެރިކަން ފާޅުކުރެއެވެ.

އެހެނަސް، ފަހަކަށް އައިސް މެސީއާއި ބާސެލޯނާގެ ބޯޑާއި ދެމެދު ހިޔާލުތަފާތުވުންތަކެއް އުފެދި ބަހުގެ ހަމަލާތަކެއް ވަނީ ސޯޝަލް މީޑިއާގައި ދީފަ އެވެ. ވުމާ އެކު މެސީ ކޮންމެވެސް ދުވަހަކުން އެހެން ކުލަބަކަށް ގޮސްދާނެ ކަމަށް އަދިވެސް ބައެއް މީހުން ގަބޫލުކުރެއެވެ.

އެގޮތުން އިޓަލީގެ އިންޓަ މިލާނަކީ މެސީ ހޯދުމަށް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރަމުން އަންނަ ކުލަބަކަށްވާ އިރު، ކުރިއަށް އޮތްތާ އެކުލަބުގެ އެހެން ކުޅުންތެރިޔަކާއި މެސީއާ ބަދަލު ކޮށްލުމަކީ ނުވާނެ ކަމެއް ނޫން ކަމަށް އިންޓަ މިލާނުގެ ރައީސް މަސިމޯ މޮރާޓީ ވަނީ ބުނެފަ އެވެ.

އެކަމަކު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ރެކޯޑު ހަފަހަރަށް ހޯދާފައިވާ މެސީ ބާސެލޯނާ ދޫކޮށް އެހެން ލީގަކަށް ބަދަލުވެއްޖެ ނަމަ ބާސެލޯނާއަށާއި، މުޅި ސްޕެނިޝް ލީގަށް ވެސް ބޮޑު ގެއްލުމެއް ދައްކާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

ނަމަވެސް މެސީ ބާސެލޯނާ ދޫކޮށް ދިޔަ ނަމަވެސް އޭގެ ލޮޅުމެއް ލީގަށް ނާންނާނެ ކަމަށް ޓެބަސް ވަނީ ބުނެފަ އެވެ.

"އަހަރެން ގަބޫލެއް ނުކުރަން އިޓާލިއަން ލީގަށް މެސީ ދިޔަ ނަމަވެސް އެ ލީގުގެ ހާލަތު ރަނގަޅުވާނެ ކަމަކަށް. ކުލަބުތަކުގެ ދަރަނި ބޮޑުވެ ނުރަނގަޅު އެތައް އަސަރެއް މިހާރުވެސް އެ ލީގަށް ވަނީ ކޮށްފައި،" ޓެބަސް ބުންޏެވެ.

ޓެބަސް ބުނީ މެސީ ސްޕެނިޝް ލީގު ދޫކޮށް ދިއުމަކީ އޭނާ ވެސް ބޭނުންވާނެ ކަމެއް ނޫން ކަމަށެވެ. އެކަމަކު އޭނަގެ ވިސްނުން ބަދަލުވެ އެހެން ލީގަކަށް ދިޔަސް ސްޕެނިޝް ލީގުގައި ޑްރާމާއެއް ނުއުފެދޭނެ ކަމަށެވެ.

"ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ލީގު ދޫކޮށްލަން ނިންމުމާ ގުޅިގެން ގިނަބަޔަކު ބުނަމުން ދިޔަ ސްޕެނިޝް ލީގުގެ ރެވެނިއު ދަށް ވާނެއޭ. އެކަމަކު ކަންތައް ވީ އެގޮތަކަށް ނޫން."

comment ކޮމެންޓް