ނުއުމާންގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގެ ލިޔުން އަހްމަދު ނުއުމާނަށް ރައީސް ސޯލިހު ހަވާލުކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ކަސްޓަމްސްގެ ވެރިޔާ، ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާން އަވަހާރަވުމާ ގުޅިގެން، އެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނުއުމާނަކީ ތެދުވެރި އިހްލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށާއި ނުއުމާން އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތާމައާއި އެކުގައި ކަމަށެވެ.

އަދި އާއިލާއަށް ތައުޒިޔާ ދަންނަވައި މަރުހޫމުގެ ފުރާނައަށް ސުވަރުގެ މިންވަރުކުރެއްވުމަށް އެދި ދުއާ ދަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.

ނުއުމާން އަވަހާރަވީ އާލާސްކަންފުޅެއްގައި އިންޑިއާގެ ބެންގަލޫރުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް ރޭ އިރާކޮޅު އެވެ. ނުއުމާން އަވަހާރަވުމުގެ ހިތާމައިގައި، ކަސްޓަމްސްގެ މައި އޮފީސް ވެސް މިއަދު ވަނީ ބަންދުކޮށްފައެވެ.

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގައި މެމްބަރެއްގެ ގޮތުގައި އިންނަވާ ނުއުމާން ކަސްޓަމްސްގެ ވެރިއަކަށް އައްޔަން ކުރެއްވީ ޑިސެމްބަރު 11، 2018 ގައެވެ. އޭނާ އަކީ އަދާލަތު ޕާޓީގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީގެ ޗެއާކަންވެސް ކުރެއްވި ބޭފުޅެކެވެ.

ނުއުމާން ވަނީ ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމުގެ އިތުރުން ސްޓެލްކޯ އާއި ހައުސިން މިނިސްޓްރީގައި ވެސް ކުރިން މަސައްކަތް ކުރައްވައިފަ އެވެ.

comment ކޮމެންޓް