ބައްސާމުގެ މާމަ މޫމިނާ އަވަހާރަވުމުން ފީފާގެ ރައީސް ތައުޒިއްޔާ ފޮނުވައިފި

އެފްއޭއެމްގެ ރައީސް ބައްސާމް އަދި ފީފާގެ ރައީސް އިންފަންޓީނޯ ---

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މާމަ، ގަލޮޅު ފަހިވާގޭ މުއުމިނާ ޢަބްދުލްޤައްޔޫމް އަވަހާރަވުމާ ގުޅިގެން، ބައްސާމަށާއި އެ އާއިލާއަށް ފީފާގެ ރައީސް ޖިއަނީ އިންފަންޓީނޯ ތައުޒިއްޔާގެ ސިޓީއެއް ފޮނުވައިފި އެވެ.

ބައްސާމްގެ މާމަ، މުއުމިނާ އަވަހާރަވި ޚަބަރު ލިބިވަޑައިގަތުމާ ގުޅިގެން އިންފަންޓީނޯ ފޮނުވި ސިޓީގައި އޭނާ ބުނެފައި ވަނީ އެ ޙަބަރު އަޑުއެހީ ފުން ހިތާމައާ އެކު ކަމަށާއި ގާތް މީހަކު މަރުވުމުން ލިބޭ ހިތާމަ ބުނެލާ ބަހަކުން ތަސައްވަރު ނުކުރެވޭނެ ކަމަށެވެ.

"ގާތްތިމާގެ މީހަކު މަރުވުމުން ލިބޭނެ ހިތާމައަކީ ބުނެވޭ ބަހަކުން ބަޔާން ކުރެވޭނެ ކަމެއް ނޫން. ހާއްސަކޮށް މާމަ ފަދަ ހާއްސަ މީހެއް ވަކި ވެދިއުމަކީ ދުވަހަކުވެސް ހަނދާން ނައްތާލެވޭނެ ކަމެއް ނޫން. އެކު އުޅެފައިވާ އުފާވެރި ދުވަސްތަކުގެ ހަނދާންތައް މި ހިތާމަވެރި ވަގުތުގައި އައު ކުރުން މުހިއްމު،" އިންފަންޓީނޯގެ ސިޓީގައި ބުނެފައިވެ އެވެ.

އިންފަންޓީނޯގެ ސިޓީގައި އިތުރަށް އޭނާ ބުނީ، މި ހިތާމައިގައި ޙުދު އޭނަގެ އަމިއްލަ ނަފުސާއި، މުޅި ދުނިޔޭގެ ފުޓުބޯޅަ ޝާމިލް ވާ ގޮތަށް ވެސް ބައިވެރިވާ ކަމަށެވެ.

މުއުމިނާ އަވަހާރަވިއިރު އެކަމަނާގެ އުމުރަކީ 79 އަހަރެވެ. އެކަމަނާ އަކީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ކޮއްކޯފުޅެވެ. އަދި އޭގެ ފަހުން ޔާމީން އަބްދުލް ގައްޔޫމްގެ ދައްތާފުޅެވެ.

މުއުމިނާ އަވަހާރަވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ ބައްސާމްއަށް ގުޅުއްވާ ހިތްވަރު ދެއްވާފަ އެވެ.

comment ކޮމެންޓް