"ވަކި ވަކި ކުޅުންތެރިންގެ ވިސްނުމަކީ މުޅި ޓީސީގެ ވިސްނުމެއް ނޫން"

ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ކޮރޯނާވައިރަހާ ގުޅިގެން، ސް ރީ ލަންކާގައި 14 ދުވަހު ކަރަންޓީން ކުރުމަށް ފަހު އެގައުމުގައި ގިނަ ދުވަަސްތަކެއް ވަންދެން ތާށިވެފައި ތިބި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކުލަބުގެ ކުޅުންތެރިން އެނބުރި ރާއްްޖެ އައިސް އަނެއްކާ ވެސް ކަރަންޓީނަށް ދާން ޖެހުމުން ކުލަބުގެ ވަކި ވަކި ފަރުދުން ޖަޒުބާތުގައި ޖެހިގެން ދެއްކި ވާހަކަތަކަކީ ޓީސީގެ ވިސްނުން ނޫން ކަމަށް އެކުލަބުން ބުނެފި އެވެ.

ލަންކާގައި ޓީސީ ކަރަންޓީނު ކުރީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ. އެއީ އޭއެފްސީ ކަޕްގައި ބަންގްލަދޭޝްގައި އެ ގައުމުގެ ބަޝުންދުރާ ކިންގްސްއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އެނބުރި މާލެ އަންނަން އުޅެނިކޮށެވެ. ލަންކާގައި 14 ދުވަސް ވަންދެން ޓީސީ ކަރަންޓީނު ކުރަން ނިންމީ ބަންގްލަދޭޝް އަކީ އެ ވަގުތު ރިސްކު އޮތް ގައުމެއް ކަމަށްވެފައި އެ ގައުމުން ރާއްޖެ އަށް މީހުން އެތެރެވުން މަނާކޮށްފައި އޮތުމުންނެވެ.

ކަރަންޓީން ދުވަސް ހަމަވި ނަމަވެސް އިތުރު 10 ދުވަސް ވަންދެން ލަންކާގައި ތާށިވެފައި ތިބުމަށް ފަހު ޓީސީގެ ކުޅުންތެރިން މިދިޔަ އާދީއްތަ ދުވަހުގެ ރޭ މާލެ އައިސްފައި ވަނީ ސްރީލަންކާ އިން ރާއްޖެ ނާދެވިފައިތިބި ދިވެހީން ގެނައުމަށް ގައުމީ އެއާލައިން މޯލްޑިވިއަން އިން ބޭއްވި ޗާޓާޑް ފްލައިޓުންނެވެ.

ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން ރާއްޖޭން ބޭރުން އަންނަ ކޮންމެ މީހެއް ވެސް 14 ދުވަހަށް ކަރަންޓީނު ފެސިލިޓީ އަށް ގެންދާ އިރު ޓީސީގެ ކުޅުންތެރިންނާއި އޮފިޝަލުން ވެސް ރާއްޖެ އައިސް ދެވަނަ ފަހަރަކަށް 14 ދުވަހު ކަރަންޓީނުގައި މަޑުކުރަން ވަނީ ޖެހިފަ އެވެ. އެގޮތުން ޓީސީގެ ކުޅުންތެރިން ކަރަންޓީން ކޮށްފައި ވަނީ ފުރަވެރި އައިލެންޑް ރިޒޯޓުގަ އެވެ.

އެއާ އެކު ކުޅުންތެރިންނާއި ބައެއް އޮފިޝަލުންގެ ހިތްހަމަ ނުޖެހުން ފާޅުކޮށް ސޯޝަލް މީޑިއާގައި އެކުޅުންތެރިންގެ އިހުސާސުތައް ބަންޑުންކޮށްލި އިރު، އެ ކުލަބުން ރޭ ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ ޓީސީ ސްޕޯޓްސް ކްލަބުގެ ކުޅުންތެރިންނާއި އޮފިޝަލުން ސްރީލަންކާގެ ކޮލަމްބޯގައި ކަރަންޓީނުވާން ނިންމީ ދިވެހި ރައްޔިތުންގެ ހައްގުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށާއި ހާލަތަށް ވިސްނުމަށް ފަހު ކަމަށެވެ.

އަދި ލަންކާގައި 14 ދުވަހުގެ ކަރަންޓީނުގެ އިތުރުން 10 ދުވަހުގެ މުއްދަތެއް ހޭދަކުރުމަށް ފަހު ރާއްޖެ އައިސް އިތުރު 14 ދުވަހަށް ކަރަންޓީނުވާން ނިންމީވެސް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނުމަށްފަހުގައި ކަމަށެވެ.

ޓީސީގެ ބަޔާނުގައި އިތުރަށް ބުނީ ކަރަންޓީނު ފެސިލިޓީގައި މިހާރު ތިބި ޓީސީގެ ވަކިވަކި ފަރުދުންގެ އިހުސާސްތަކަކީ ޓީސީގެ ވިސްނުމެއް އަދި ވާހަކަތަކެއް ނޫން ކަމަށެވެ. އަދި އެހެންމެ އާއިލާއާއި ދުރުގައި ބޭރު ގައުމެއްގައި 24 ދުވަސް ހޭދަކޮށްފައިވާ ޓީސީ ޓީމުގެ ބައެއް މެމްބަރުންގެ ވިސްނުން ހުންނަގޮތް މިފަދަ ތަކުލީފެއް އުފުލައިފައިނުވާ މީހުންގެ ވިސްނުމާއި ތަފާތުވާނެ ކަމަށެވެ.

އޭއެފްސީ ކަޕްގެ މެޗުތައް ވެސް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ އިރު، ރާއްޖޭގެ ފުޓްބޯޅަ ހަރަކާތްތައް ވެސް ވަނީ ހުއްޓާލައިފަ އެވެ. ޓީމުތަކުގެ ޓްރެއިނިން ވެސް މި ދުވަސްވަރު ކުރިއަށް ނުދެ އެވެ. އަދި އެފްއޭއެމް ވެސް މި ވަގުތު ހިންގަނީ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށެވެ.

comment ކޮމެންޓް