ރާއްޖެ ދިޔަ ތަނުން ޕޮޒިޓިވްވީ ބޮޑުފުށި ރިސޯޓްގެ މަސައްކަތުގައި އުޅުނު މީހެއް

ރިސޯޓެއްގެ ގޮތުގައި ހަދަމުން އަންނަ ރ. ބޮޑުފުށި --

ރާއްޖެއިން ދިޔަ ތަނުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައި ވަނީ ޖޯލި މޯލްޑިވްސްއިން ތަރައްގީ ކުރަމުން އަންނަ، ރ. ބޮޑުފުށި ރިސޯޓުގެ މަސައްކަތަށް ގެނައި ބިދޭސީ މުވައްޒަފެއްކަމަށް ހާމަވެއްޖެ އެވެ.

ކޮރޯނާވައިރަހާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އުފައްދާފައިވާ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ވެސް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ، ރާއްޖެއިން ދިޔަ ތަނުން ކޮރޯނާވައިރަސް ޖެހިފައިވާކަން އެނގުނު ބިދޭސީ މީހާ ފުރައިގެން ދިޔައީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ކަމަށެވެ. އަދި އެ މީހާ ރާއްޖެ އައިސްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 13 ގައި ކަމަށް ވެސް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ޖޯލި ރިސޯޓާއި ރ. ބޮޑުފުށި ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސް، ކޮންޓެކްޓް ޓްރޭސިން ހަދަން ފަށައިފަ އެވެ.

ޖޯލި މޯލްޑިވްސްގެ އޮފިޝަލަކު މިރޭ "ސަން"އަށް ވިދާޅުވި ގޮތުގައި، ޕޮޒިޓިވްވި ބިދޭސީ މީހާއަކީ، އެ ރިސޯޓުން ތަރައްގީ ކުރާ ބޮޑު ފުށި ރިސޯޓްގައި މަސައްކަތް ކުރަން ގެނައި ބިދޭސީއެއް ކަމަށެވެ. އަދި އޭނާ ފުރުމާ ހަމައަށް ވެސް އެ މީހާގެ ފަރާތުން އެއްވެސް ބަލީގެ އަލާމާތެއް ފެނިފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ، އޭނާ ޕޮޒިޓިވްކަން އެނގިފައި ވަނީ މި މަހުގެ 31ގައި އޭނާގެ ގައުމަށް އަނބުރާ ދިޔުމުން އެ ގައުމުގެ ކަރަންޓީނުގައި ބެހެއްޓުމަށް ފަހު އޭނާގެ ޓެސްޓް ހެދުމުން ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ މީހާ އަކީ ތުރުކީ ރައްޔިތެކެވެ. އަދި އޭނާ ކަރަންޓީނު ކުރީ ތުރުކީގަ އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި ޖޯލި މޯލްޑިވްސް މޮނިޓަރިންގެ ހާލަތަށް ގެނައީ، ޖޯލީގެ ބައެއް މުވައްޒަފުންތަކެއް، މިފަހުން ބޮޑުފުއްޓަށް ގޮސް އުޅެފައި ވާތީ ކަމަށެވެ. އެއީ ރައްކާތެރިކަމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރ. ބޮޑުފުށީގައި ތަރައްގީ ކުރާ ރިސޯޓްގެ ބޮޑު ބައި ނިމިފައި ވިޔަސް އެ ރިސޯޓް އަދި ހުޅުވާފައެއް ނުވެ އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި އޮކްޓޯބަރު މަހު ރާއްޖެ އައިގޮތަށް މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި އޭނާ ރާއްޖެއިން އެހެން ގައުމަކަށް ނުދާ ކަމަށެވެ. އަދި އޭނާއާ އެއްވެސް ގޮތަކުން ޓޫރިސްޓުންނާ މުއާމަލާތް ނުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

comment ކޮމެންޓް